މާދަމާ ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް އަހާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ތާއީދުކޮށްފި ނަމަ އެއީ މާޔޫސްވާނެ ވޯޓަކަށް ނުހައްދަވާނެ ކަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެމްޕެއިނު ނިންމާލުމުގެ ގޮތުން ވަނީ އެ ހެންވޭރު ކޮޅުގައި ހުންނަ އެ ޕާޓީގެ މާލޭގެ މައި ޖަގަހަ ދޮރުމަތިން ފެށިގެން މަޖީދީ މަގުން ހުރި ގޮތަށް ރަސްފަންނާ ހަމައަށް ބޮޑު ހިނގާލުމެއް ބާއްވައިފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އެ ޕާޓީއަށް ތާއީދުކުރާ އެތައް ހާސް މަޖީދީ މަގު ފުރައިލި އެވެ.
އެ ހަރަކާތް ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާދަމާ ވޯޓު ނަގާއިރު، މުޖުތަމައުން ފެންނަ ކަންކަމާއި އިވޭ އަޑުތަކުގެ މައްޗަށް ބިނާކޮށް ސިކުނޑީގެ ބޭނުންކޮށްގެން ރަނގަޅު ނިންމުމެއް ނިންމުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ވޯޓު ކަރުދާހުގައި ޖަހާ ފާހަގައަކީ ގައުމުގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމަށް ޖަހާ ފާހަގައެއް ކަމަށާއި އެހެންވެ، އެކަމަކީ އަންނަން އޮތް ޖީލުތަކުން ވެސް އެކަމާ މެދު ސުވާލުކުރާނެ ނިންމުމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ ޒިންމާދާރުކަމާ އެކު ވޯޓުލުމަށް ރައީސް މުއިއްޒު އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވި ގޮތުގައި ޕީއެންސީ އަކީ ގައުމީ ވިސްނުމުގައި ގައުމު އިސްކުރާނެ ޕާޓީއެކެވެ.
"ގައުމު އިސްކޮށްގެން އަޅުގަނޑުމެންގެ ގައުމަށްޓަކާ ދޭ ވޯޓެއް. ޕީއެންސީއަކީ ގައުމީ ފިކުރުގެ ޕާޓީ. އަޅުގަނޑުމެންގެ މޮޓޯއަކީ އެންމެ ފުރަތަމަ ގައުމު. އަޅުގަނޑުމެން އިސްކުރާނީ ގައުމު،" ރައީސް ވިދާޅުވެ އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމު އޮތީ އިގްތިސާދީ ބޮޑު އަނދަވަޅެއްގައި ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ.
އެ ހާލަތުން ގައުމު ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުންދަނީ ގައުމީ ފިކުރުގައި ކަމަށާއި މި ސަރުކާރުން މިއަދާ ހަމައަށް ވެސް ކުރިއަށް ދިޔައީ އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕު ނުކޮށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ގައުމާ މެދު އެއްވެސް ވިސްނުމެއް ބަޔަކު ގައުމަށް ވާނެހާ ގޮތެއް ވާން ދޫކޮށްލާފައި ދިޔައީ. އަޅުގަނޑުމެން މިކަން ކޮށް މި ނިންމީ [ސުކޫކް ދައްކައި ހަލާސްކުރީ] އިތުރު އެއްވެސް ބޮޑު ދަރަންޏެއް، ރައްޔިތުން ދަރަނިވެރިވާ ކަހަލަ ކަމެއް ނުކޮށް އެއްވެސް ދަރަންޏެއް ބޮލުގައި ނާޅުވާ،"
ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގި 250 މިލިއަން ޑޮލަރު ބޮންޑު އަދާކުރުމަށާއި މާލީ ގޮތުން އެއްވެސް ފައިދާއެއް ނުވާ ކަމެއް ކުރުމަށް 500 މިލިއަން ޑޮލަރުގެ ސުކޫކެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެގި ކަމަށާއި އެ އަނބުރާ ދައްކާނެ ގޮތުގެ ޕްލޭނެއް ވެސް އެ ސަރުކާރުން ހަދާފައި ނެތް ކަމަށެވެ. އެކަމަކު އެ ސުކޫކު މި ސަރުކަރުން އިއްޔެ އަނބުރާ ދެއްކީ ރާއްޖެ އިތުރަށް ދަރުވާނުލައި، ގައުމުގެ ހަރުމުދާތައް ވެސް ނުވިއްކާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމިއްލަ ދިވެހި މާލިއްޔާގެ އަމިއްލަ ބާރުވެރިކަމުގައި އިއްޔެ [ސުކޫކް އަނބުރާ] ދައްކާ ނިންމާފައި އޮންނާނީ. އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއިން. އަޅުގަނޑު އަބަދުވެސް ދަންނަވަން އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއާ އެކީގައިއޭ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ހުސް ވާހަކަ ދައްކާނެ މީހެއް ނޫން. މިސަރުކާރަކުން ހުސް ވާހަކައެއް ނުދައްކާނެ. މި ސަރުކާރުން ވާހަކަ ދައްކާނީ ނަތީޖާއިން."
ރައީސް ފާހަގަކުރެއްވި ގޮތުގައި 500 މިލިއަން ޑޮލަރުގެ ސުކޫކް މި ސަރުކާރުން އަނބުރާ ދެއްކީ ރާއްޖެ "ދަރަނީގެ ތުންފަތްމަތީގައި" އޮއްވަ އެވެ. އެއީ އެންމެން ގުޅިގެން ކުރި އިހުލާސްތެރި މަސައްކަތްތަކުގެ ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ނެގި ސުކޫކާ ދިމާކޮށް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ފިނޭންސް މިނިސްޓްެރީގެ އިމާރާތް ވެސް ހުރީ ރަހުނު ކޮށްފައި ކަމަށެވެ.
އެކަމަކު، މި ސަރުކާރުން އެ ސުކޫކް އިއްޔެ އަނބުރާ ދެއްކުމާ އެކު އެ ހުރިހާ ތަނެއް މިހާރު މިނިވަންވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގައުމާ މެދު އެއްވެސް ވިސްނުމެއް ބަޔަކު ގައުމަށް ވާނެހާ ގޮތެއް ވާން ދޫކޮށްލާފައި ދިޔައީ. އަޅުގަނޑުމެން މިކަން ކޮށް މި ނިންމީ [ސުކޫކް ދައްކައި ހަލާސްކުރީ] އިތުރު އެއްވެސް ބޮޑު ދަރަންޏެއް، ރައްޔިތުން ދަރަނިވެރިވާ ކަހަލަ ކަމެއް ނުކޮށް އެއްވެސް ދަރަންޏެއް ބޮލުގައި ނާޅުވާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނިންމުމަކީ މުހިއްމު ކަމަށާއި އެކަމަކީ މަޖިލީހުގެ ތެރޭގައި ހުރިހާ ޕާޓީއެއްގެ މެމްބަރުން ހިމެނޭނެ އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ ނައްތާލެވޭނެ ނިންމުމެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.