ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ވަގުތެއްގައި ބޭއްވުމަކީ ރައީސް ކަމަށް އިންތިހާބުވާނެ ބޭފުޅަކު އެނގިވަޑައިގަތުމެއް ނެތި، މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން ލިބޭ ފުރުސަތެއް ކަމަށާއި އެއާ އެކު، ސުޕަމެޖޯރިޓީގެ ނިޒާމު ރައްޔިތުންގެ މަޖިލިހުން ނެތިކޮށްލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ މަގުބޫލު ނޫން ނިންމުމެއް ނަގައިގެން ވިޔަސް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ގައުމަށް ފައިދާ ހުރި ކަންކަން ކުރައްވަން ކަމަށެވެ. އެއީ ވޭޕް މަނާކުރުމާއި ޖެނަރޭޝަން ބޭނެއް ގެނައުން ކަމަށް ވިޔަސް މަސައްކަތްޕުޅު ކުރައްވަނީ ގައުމުގެ މުސްތަގުބަލަށް ފައިދާވާނެ ކަންކަން ކުރުމުގައި ދެމިހުންނެވުމަށް ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމަކީ ވެސް އެފަަދަ ކަމެކެވެ. މިހާރު އޮންނަ ގޮތުން ނަމަ ރިޔާސީ އިންތިހާބަށް ފަހު، އޭގެ ހަ މަސް ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ޖެހޭއިރު، އެކަމުން ލިބޭނެ ފައިދާއެއް ނެތް ތަނުގައި ލިބެނީ ހުސް ގެއްލުން ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަކަށް ފަހު، ސަރުކާރެއް ހޮވުމުން ދެން މަޖިލިސް އިންތިހާބު ބޭއްވުމުން، ސަރުކާރު ޕާޓީން އަމިއްލަ މަސްލަހަތު އިސްކުރާ ނަމަ މިނިވަން އިންތިހާބެއް ބޭއްވުމަށް އޮންނަ ފުރުސަތު ގެއްލޭ ކަމަށެވެ.

ޕީއެންސީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާ އަށް ފަހު ރައީސް މުއިއްޒުގެ ދެކަނބަލުން ސަޕޯޓަރުންނާ އެކު.
ޕީއެންސީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާ އަށް ފަހު ރައީސް މުއިއްޒުގެ ދެކަނބަލުން ސަޕޯޓަރުންނާ އެކު.

ގައުމީ ވިސްނުމުގައި ވެރިކަން ކުރުމުގެ ވިސްނުން ނެތް ނަަމަ އޭގެ ނަތީޖާ ނިކުންނާނީ ވަރަށް ގޯސްކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.

"ޑިމޮކްރަސީއެއްގައި ވިއްޔާ ފްރީ އެންޑް ފެއާ އިލެކްޝަނެއް އޮންނަން ޖެހޭނެ. އެހެނެއް ނުވާނެ ނޫންތޯ. އެއް ފަރާތެއްގައި މި އޮންނަނީ ސަރުކާރު ކެންޑިޑޭޓުން، އަނެއް ފަރާތުގައި މި އޮންނަނީ ސަރުކާރު ކެންޑިޑޭޓުންނެއް ނޫން. އެ ހިސާބުން އެ ދިޔައީއެއް ނޫންތޯ އެކަން،" ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ތެރޭގައި އެބަޖެހޭ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ފްރީ އެންޑް ފެއާ އިންތިހާބަކަށް ހަދަން."

ޕީއެންސީގެ ރޭގެ ޖަގަހަ ޖަލްސާއަށް ރައީސް މުއިއްޒު ވަޑައިގެން، އެ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުއާ ސަލާން ކުރައްވަނީ.
ޕީއެންސީގެ ރޭގެ ޖަގަހަ ޖަލްސާއަށް ރައީސް މުއިއްޒު ވަޑައިގެން، އެ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލުއާ ސަލާން ކުރައްވަނީ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މަޖިލީހުގެ ތެރެއިން ހޯދައިދެވޭނީ ވެސް މިނިވަން އިންތިހާބެއް ބާއްވައިގެންނެވެ. 

ރައީސް ވިދާޅުވީ އެއް ދުވަހެއްގައި އެ ދެ އިންތިހާބު ބޭއްވުމުން، މަޖިލީހަށް މެމްބަރުން ހޮވާނީ ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކު ނޭނގި ތިބެ ކަމަށެވެ. އޭގެ ސަބަބުން މަޖިލީހަށް އެކި ޕާޓީތަކުގެ މެމްބަރުން ހޮވި، މަޖިލީހުގައި ތިބޭނީ އެކި ޕާޓީތައް ވެސް ތަމްސީލު ކުރާނެ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވީމަ މިވާ ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އަށް މި ހޮވެނީ ކާކު ކަމެއް ނޭނގޭ. ނޭނގޭ ހާލުގައި މަޖިލީހަށް ވެސް މެމްބަރުން ހޮވަނީ ހަމަ އެއް ދުވަހެއްގައި އެއް ގަޑިއެއްގައި،" ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ ތިމަންނައަކީ ސަރުކާރު ކެންޑިޑޭޓެކޭ ނުބުނެވޭނެއެއް ނޫންތޯ. ވެރިކަމަށް ހޮވޭ ޕާޓީގެ ކެންޑިޑޭޓުންނާއި ވެރިކަމަށް ނުހޮވޭ ޕާޓީގެ ކެންޑިޑޭޓުންނާއި ދެން ވާދަކުރި ޕާޓީގެ ކެންޑިޑޭޓުންނާ އެކި ޕާޓީތަކުން މިކްސްއެއް އަންނާނީ އީވެންލީ ޑިސްޓްރިބިއުޓެޑް ނޫނިއްޔާ ފެއާލީ ޑިސްޓްރިބިއުޓެޑް ނަމްބަރު އޮފް އެމްޕީސް ލިބޭ ގޮތަށް އެކި ޕާޓީގެ މަޖިލީހެއް އޮންނާނީ."

ރައީސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރެވޭނީ އެފަދަ މަޖިލީހެއް އޮވެގެން ކަމަށެވެ. 

"އެހެންވީމާ ސުޕަ މެޖޯރިޓީގެ މި ނިޒާމު ވެސް ނެތިކޮށްލެވޭނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން،"

ރޭގެ ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
ރޭގެ ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

އެފަދަ ނިންމުމެއް ނިންމަން އަންނަ ހޮނިހިރު ދުވަހު ތައްޔާރުވަމުން އަންނައިރު ރައީސް ވިދާޅުވީ ޕީއެންސީގެ ތެރޭގައި ވެސް 2028 ގެ އިންތިހާބަށް ގެއްލުންވެދާނެ ގޮތަަކަށް އަމަލުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވައި ވާހަކަތައް ދެއްކެވޭ ކަމަށެވެ. އެކަމުން އޮތް ސިޔާސީ ފައިދާއަކީ ކޮބާތޯ ސުވާލު އުފައްދަމުން ދާތީ ރައީސް ވިދާޅުވީ އެ ސުވާލުތައް އުފެދެނީ މިހާތަނަށް ވެސް ސަރުކާރުތަކުން އަމިއްލަ ފައިދާ އިސްކޮށްފައި އޮތުމުން ކަމަށެވެ. 

އެކަމަކު މި ސަރުކާރުން އިސްކުރަނީ ގައުމު ކަމަށާއި އިސްލާހީ ބަދަލުތަކެއް މި ސަރުކާރުން ގެނައުމަށް މަސައްކަތް ކުރާ ކަމަށް ވެސް ރައިސް ވިދާޅުވި އެވެ. އެއީ ގާނޫނުއަސާސީ އަށް ގެންނަންޖެހޭ ބަދަލުތަކާއި މުޖުތަމައުގައި އަށަގެންފައި ހުރި ނުބައި އާދަތަކަށް ވިޔަސް މި ސަރުކާރުން އިސްކުރަނީ ގައުމު ކަމަށް ވިދާޅުވި އެވެ.