ޑިމޮކްރެސީގެ ހަމަތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅީ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން ބޭއްވި ތަރާވީހުގައި އެ މަނިކުފާނު ވިދާޅުވީ ކޮންމެ ފަސް އަހަރަކުން ތިން ވައްތަރެއްގެ އިންތިހާބު ބޭއްވިޔަސް، އެންމެ ގިނަ މީހުން ވޯޓުލަނީ ރިޔާސީ އިންތިހާބުގައި ކަމަށެވެ.
އެ އިންތިހާބަށް ހަ މަސް ފަހުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު ވަރަށް މަދު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި ހަފުލާގައި ރައީސް މުއިއްޒު ވަނީ 2008 ވަނަ އަހަރުން ފެށިގެން ބޭއްވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުލީ އާބާދީގެ ތަފްސީލު ހިއްސާ ކުރައްވައިފަ އެވެ.
ރިޔާސީ އިންތިހާބު 2008
- ފުރަތަމަ ބުރުގައި 85.3 ޕަސެންޓު މީހުން
- ދެ ވަނަ ބުރުގައި 86.5 ޕަސެންޓު މީހުން
މަޖިލިސް އިންތިހާބު 2009
- ވޯޓުލީ 70 ޕަސެންޓު މީހުން
ރިޔާސީ އިންތިހާބު 2013
- ފުރަތަމަ ބުރުގައި ވޯޓުލާފައިވަނީ 87.2 ޕަސެންޓު މީހުން
- ދެ ވަނަ ބުރުގައި 91.4 ޕަސެންޓު މީހުން
މަޖިލިސް އިންތިހާބު 2014
- ވޯޓުލާފައިވަނީ 78.8 ޕަސެންޓު މީހުން
ރިޔާސީ އިންތިހާބު 2018
- ވޯޓުލީ 89.2 ޕަސެންޓު މީހުން
މަޖިލިސް އިންތިހާބު 2019
- ވޯޓުލާފައިވަނީ 81.1 ޕަސެންޓު
ރިޔާސީ އިންތިހާބު 2023
- ފުރަތަމަ ބުރުގައި 79.8 ޕަސެންޓު މީހުން
- ދެ ވަނަ ބުރުގައި 87.1 ޕަސެންޓު މީހުން
މަޖިލިސް އިންތިހާބު 2024
- ވޯޓުލާފައިވަނީ 76.9 ޕަސެންޓު މީހުން
ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތިބެނީ އިންތިހާބު ކޮށްގެން ކަމަށް ވިޔަސް މަދު މީހުން ނުކުމެ ވޯޓުލައިގެން މެމްބަރަކު ހޮވުމަށް ވުރެ ގިނަ ބައެއްގެ ވޯޓާ އެކު މެމްބަރުން ހޮވުން ރަނގަޅުކަން ފާހަގަކުރެއްވި އެވެ.
އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވައިގެން އެކަން ހާސިލްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން. އޭގެ ސަބަބުން ރައްޔިތުންނަށް ވާ ފައިދާތައް ވަރަށް ބޮޑު ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދެމެދު ހަ މަސް ދުވަހުގެ މުއްދަތެއް އޮންނާތީ ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށާއި އެކަން މިދިޔަ ތިން އިންތިހާބުތަކުގައި ވެސް ތަޖުރިބާ ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަރަދަށް ބަލާއިރު ވެސް، އެ ހަރަދުން ދެ ފަހަރެއްގެ މައްޗަށް ކުރުމަށް ވުރެ ރައްޔިތުން އެ ނިންމަން ބޭނުންވާ ނިންމުން އެއް ދުވަހުން ނިންމަން ފުރުސަތު ދިނީމަ އޭގެއިން ރައްޔިތުންނަށް ވާ ފައިދާ މާ ބޮޑަށް އިތުރުވެގެންދޭ،" ރައީސް ވިދާޅުވި އެވެ.
އާ ވެރިއަކު އިންތިހާބުކުރިއަސް އެ އިރެއްގައި އޮންނަ މަޖިލީހުން ފާސްކުރާ ބަޖެޓަކީ ވެސް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އެހެން ނޫނީ މަސައްކަތްކުރަން ޖެހޭނީ ވަރަށް ހާލުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން މި ސަރުކާރުގެ ފުރަތަމަ 10 މަސް ދުވަހު ކަންކަން ތަންފީޒުކުރަން ޖެހުނީ ވަރަށް ދަތީގައި ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ދެ އިންތިހާބު އެއްކޮށްލަން ފާސްވެއްޖެ ނަމަ މާލިއްޔަތު ގާނޫނަށް އިސްލާހު ހުށަހަޅަނީ
މާލިއްޔަތު ގާނޫނު އޮންނަ ގޮތުން، އެ އަހަރެއްގެ ސެޕްޓެމްބަރު-އޮކްޓޯބަރު މަސް ނިމުމުގެ ކުރިން، އެ އިރެއްގައި ހުންނަވާ ފިނޭންސް މިނިސްޓަރު ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަންޖެހެ އެވެ.
ރައީސް ރޭ ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލަން ފާސްކޮށްފި ނަމަ، މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ގަސްދު ކުރަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ރައްޔިތުން ނިންމަވައިފި ނަމަ މާލިއްޔަތު ގާނޫނަށް ކަމާގުޅޭ އިސްލާހު ގެނެސް 30 ސެޕްޓެމްބަރުގެ ކުރިން މަޖިލީހަށް ބަޖެޓު ފާސްކުރުން އޮންނަ އޮތުން ލަސްކޮށްލަދީ، ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލީހުން ބަޖެޓު ފާސްކުރެވޭ ގޮތަށް އިސްލާހު ގެންނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެގޮތަށް ފާސްވެއްޖެ ނަމަ އާ މެމްބަރުން ހުވާކުރާނީ ޑިސެމްބަރު 1، 2028 ގަ އެވެ. އަދި އާ ސަރުކާރުގެ ބަޖެޓު ފާސްކުރާނީ ވެސް އާ މެމްބަރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ކުރިމަތިވި ގޮތަކީ 2024 ވަނަ އަހަރުގެ ތެރޭގައި ހަގީގަތުގައި ވެސް ހަމަ ގަސްދުގައި ކަންކަމަށް ހުރަސް އެޅުމަށްޓަކައި ކުރީގައި އޮތް މަޖިލީހުން ފާސްކޮށްފައި ދިން ބަޖެޓުގެ ސަބަބުން ކަންކަން ކުރަން ވަރަށް ދަތިވެގެން ދިޔަ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.