ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން މިއަދު ބޭއްވި ސައިކަލު ބުރަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ރަށްރަށާއި ސިޓީތަކަށް ބޭނުންވާ ތަރައްގީ ގެނައުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑު ކަމަށެވެ.
ރަށްރަށުގައި ކުރަން ހުރި ކޮންމެ ކަމަކީ ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ.
އެމަނިކުފާނު ބޭނުންފުޅުވަނީ އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކަން ފާހަގަކުރައްވައި ވިދާޅުވީ މިއީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ އިންތިހާބެއް ކަަމަށެވެ.
ކައުންސިލްތަކުގެ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުފުޅުކުރައްވާ އަދި އެކަން ކުރަން ވަރަށް ބޮޑަށް ބޭނުންވެ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ވެސް ކުރައްވަމުން ގެންދަވާ ނިޒާމެއް ކަަަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ހުރިހާ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. ރަށްރަށުގައި ކުރަން ހުރި ކޮންމެ ކަމަކީ ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ،" ރައީސް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ އިތުރުން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ގޮނޑިތަކަށް ވެސް ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިދޭން އެމަނިކުފާނު އެދިވަޑައިގަތެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބު ކަމަށެވެ. އެ ދުވަހު މަޖިލިސް އިންތިހާބު ވެސް ބޭއްވުމުން، ރައްޔިތުން އެންމެ ބޭނުންވާ މެމްބަރުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.