ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް އޮންނަ ގާނޫނީ ހައްގަކަށް ވާތީ، އެ ހައްގު އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.
މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ހިޔާލު ހޯދުމުގެ ވޯޓުގައި ރައީސް ވޯޓުލެއްވުމަށް ފަހު ތާޖުއްދީން ސްކޫލްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރުމަށް ހުރިހާ ރައްޔިތުން ވެސް ވޯޓުލާން ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ހުރިހާ ރައްޔިތުންގެ އަސާސީ ގާނޫނީ ހައްގެއް ވޯޓުލުމަކީ. އެހެންވީމަ ރައްޔިތުންގެ ގާނޫނީ ހައްގު އަދާކުރުމަށް ރައްޔިތުން ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮޮމިޝަނުން ދެންމެ ބުނި ގޮތުގައި، މި އިންތިހާބުތަކުގައި ވޯޓުލުމަށް ބަހައްޓާފައިވާ 588 ފޮށީގެ ވޯޓުލުން މިހާރު ވަނީ ފަށައިފަ އެވެ.
މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ.
ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ.
އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ނޮވެލްޓީ ޕްރިންޓާސް މެދުވެރިކޮށް ޗާޕްކުރި އެވެ.