މާލޭގެ މޭޔަރު ކަމަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ މުރާލި އަދި ގައުމާއި ރައްޔިތުން އިސްކުރާނެ މީހެއް ކަމަށް އޭނާ މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޖަލީލް ވިދާޅުވީ މާލެ އާއި މާލޭގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ 1984 ވަނަ އަހަރު މާލޭގެ މަގުތައް ހަދަން އަކިރިޔާއި ގާ ބޭނުންވި ވަގުތު، އޭނާގެ ކޮނޑުގައި އަކިރި ބަސްތާތަކާއި ގާ ބަސްތާތައް އުފުލާފައިވާ ކަމަށާއި 1987 ގައި މާލެއަށް ބޮޑުރާޅު އަރައި ގެދޮރާއި ރައްޔިތުންނަށް ގެއްލުން ލިބުނު ވަގުތު، ރައްޔިތުންގެ ދަތިތައް ފިލުވައިދޭން، ބުރަތައް އުފުލި ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގައި ޖަލީލް ހިދުމަތް ކުރެއްވި ދިގު މުއްދަތު ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ގައުމުގެ މިނިވަން ކަމަށް ހަމަލާދިން ވަގުތު، ރައްޔިތުންގެ ފުރާނަ އާއި މިނިވަންކަމުގެ ދިފާއުގައި އޭނާގެ މޭ އައްޑަނައަކަށް ދިއްކުރެއްވި ކަމަށެވެ.
"ކުރުކޮށް ދަންނަވާނަމަ، އަޅުގަނޑަކީ އެއްވެސް އިރެއްގައި ހިދުމަތުގެ ހަވާސާގައި ހުރި މީހަކީމެއް ނޫން. އަޅުގަނޑުގެ މިޒާޖަކީ މުރާލިކަން. ގައުމާއި ރައްޔިތުން އިސްކުރުން. ފަހަރެއްގައި ވެސް އަޅުގަނޑަކީ ކަންނުވެ ނަންވީ މީހެއް ނޫން،"
ޖަލީލް ވިދާޅުވީ އޭނާގެ އެ ސިފަތައް ދިވެހި ރައްޔިތުން ވެސް ތަޖުރިބާކޮށްފައިވާ ކަމަށެވެ.
ކުރިން ޑިފެންސް މިނިސްޓަރު ކަމާއި ޑިފެންސް ޗީފްކަން ކުރެއްވި ޖަލީލް ވިދާޅުވީ އެ ޕްރޮފައިލާއެކު އަލުން ވަޑައިގަތީ އެ ހިދުމަތް ކުރުމުގެ ރޫހުގައި ކަމަށެވެ. އަދި އޭނާއަކީ ކަންކަން ކުރައްވާނެ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އުސޫލުތައް ދަމަހައްޓާނީ އެގޮތުގައި ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން މި އެޕްރީލް 4 ވަނަ ދުވަހު މި ބޭއްވޭ މާލެ ސިޓީ ކައުންސިލް ހޮވުމުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރަކަށް އަޅުގަނޑަށް ވޯޓު ދީ މާލޭގެ މޭޔަރަކަށް އަޅުގަނޑު ހޮވައިދިނުމަށް މާލެ ސިޓީއަށް ނިސްބަތްވާ ހަމަ ލޮބުވެތި ކޮންމެ ރައްޔިތެއްގެ އަރިހުން އަޅުގަނޑު އެދެން،"
މާލެ ސަރަހައްދަކީ ތަސައްވުރެއް އޮތް ތަނެއް ކަމަށާއި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އާއި ގުޅީފަޅާއި ގިރާވަރުފަޅާއި ރަސްމާލޭގެ ބޮޑު މާސްޓާ ޕްލޭނެއް އެބަ އޮތް ކަމަށާއި ރާއްޖެ ދުވަހަކު ނުދެކޭ ވަރުގެ ބޮޑު އުމްރާނީ އިންފްރާސްޓްރަކްޗާއެއް ތަރައްގީ ކުރެވެމުންދާ ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.
އެ މަޝްރޫއުތަކާއެކު މުޅި މާލޭ ސަރަހައްދުގެ ޖިއޮގްރަފީ ބަދަލުވެގެންދާނެ ކަމަށާއި ދަތުރުފަތުރާއި ވިޔަފާރިއާ އެހެނިހެން ހުރިހާ ކަމެއް މުޅިން އެހެން ދަރަޖައެއްގައި ހިނގަން ފަށާނެ ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ބިންވެރިކަމާއި ބޯހިޔާވަހިކަމުގެ ހިތްފަސޭހަ އާ ޒަމާނެއް ކޮންމެ ރައްޔިތަކަށް ކަށަވަރުވާނެ ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ޖަލީލް ވަނީ ސަރުކާރުން ރައްޔިތުންނަށް ދޭން ޕްލޭން ކުރި ހިދުމަތްތަކަށް މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުދިނުމުގެ ނަތީޖާއަކީ ކޮބައިތޯ ސުވާލު އުފައްދަވައިފަ އެެވެ.
ޖަލީލް ވިދާޅުވީ ބިންތައް ހިއްކައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ރައްޔިތުންނާ ގުޅިގެން ސަރުކާރުގެ ތަސައްވުރުތައް ހަގީގަތަކަށް ހެދުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ތިބީ ކައުންސިލު ކަމަށެވެ. އަދި ކައުންސިލާއި މޭޔަރު ވާން ޖެހެނީ އަމިއްލަ ޖަޒުބާތަށް ވުރެ، ރައްޔިތުންގެ ވޭންތަކަށް އިހުސާންތެރި ބަޔަކަށް ކަމަށާއި އަދި ގެދޮރުގެ ދަތިކަމުން ރައްޔިތުން ސަލާމަތްކޮށްދޭން މަޖުބޫރު ވާތީ އެ މަގާމަށް ކުރިމަތިލެއްވީ އެ މަގުސަދު ހާސިލުކުރުމަށް ކަމަށް ޖަލީލް ވިދާޅުވި އެވެ.
"މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރަށާއި ރައްޔިތުންނަށް ފުރިހަމައަށް އެއްބާރުލުންދީ އިސްވެ އެކަމުގައި ހަރަކާތްތެރިވުމަކީ އަޅުގަނޑުގެ އަޒުމް،" އޭނާ ވިދާޅުވެ އެވެ.
ބޯހިޔާވަހިކަމަށް ފަހު މާލޭގައި އޮތް އަނެއް މައްސަލައަކީ މަގުތަކުގެ މައްސަލަކަން ފާހަގަ ކުރައްވައި، ޖަލީލް ވިދާޅުވީ އެކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ވެހިކަލް ޕާކްކުރުމުގައި ހުރި މައްސަލަތަކާއި ހަނި މަގުތަކާއި ގޯޅިތަކާއި ކަންމަތިތަކުގައި ޕާކްކުރަމުންދާ ގޮތުގެ ސަބަބުން އެންމެންނަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ރަނގަޅު ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއާ މެދު ޖަލީލް ދެކެވަޑައިގަންނަވާ ތަސައްވުރު ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ ޗާލު މާލެ ކޮންސެޕްޓަކީ ވެސް މާލޭގެ ރައްޔިތުން ވަރަށް އިސްކަން ދިން ކޮންސެޕްޓެއް ކަމަށާއި މާލޭގައި ޕާކުތައް ތަރައްގީކުރަން ފެށީ އެ ކޮންސެޕްޓުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސިޓީ ކައުންސިލުން ޒިންމާ އަދާނުކުރުމުން ޕާކުތައް ވީރާނާވެފައިވާ ކަމަށާއި އެކަމަކު މޭޔަރުކަން ލިބިއްޖެނަމަ، އެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
ޖަލީލް ވިދާޅުވި ގޮތުގައި މާލޭގައި ދިރިއުޅޭ މީހުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށް މަސައްކަތްތަކެއް ވެސް ކުރައްވާނެ އެވެ. އަދި މާލެއަކީ މެހުމާނުންނަށް ކަމޭހިތާ އަދި އެކަކު އަނެކަކަށް ގަދަރުކުރާ މުޖުތަމައެއްއް ދިރިއުޅޭ ސިޓީއަކަށް ހެދުމަށް ވެސް މަސައްކަތްތަކެއް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލީލް ވިދާޅުވީ ޒުވާނުން ބޭނުންވާ ކަންކަމަކީ ކޮބާތޯ ބަލައި، ޒުވާނުންގެ ބައިވެރިވުން ހުރިހާ ކަމެއްގައި ވެސް އިތުރު ކުރުމާއި ޒުވާނުންނަކީ މުޖުތަމައުގައި އިހުތިރާމު ކުރެވޭ އަދި އިތުބާރުކުރެވޭ ބަޔަކަށް ހެދުމަށް ޒުވާނުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގިނަ އަދަދެއްގެ އިސްރަށްވެހިން ވެސް މާލޭގައި ދިރިއުޅެމުން އަންނައިރު އެމީހުންނަކީ ވެސް މުޖުތަމައުއަށް މުހިއްމު ބައެއް ކަމަށް ވިދާޅުވި އެވެ.
ބޭރު މީހުން ގިނަވުމުގެ ސަބަބުން އުފެދޭ މައްސަލަތަކަކީ ވެސް މާލޭގެ ހިމޭންކަން ނަގާލާ ކަމެއް ކަމަށާއި ގަވާއިދާ އުސޫލުތަކާ ހިލާފަށް އެމީހުން އުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޖަލީލް ވިދާޅުވި އެވެ. އެކަމުގައި ހައްދުފަހަނަ އަޅާފައި ވަނިކޮށް ރައީސް މުއިއްޒުގެ ބުރަ މަސައްކަތްޕުޅާ އެކު ހައްލުތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ޖަލީލް ވިދާޅުވި ގޮތުގައި އޭނާ އިންތިހާބު ވެއްޖެނަމަ މަސައްކަތް ކުރައްވާނީ ރައީސް މުއިއްޒުގެ ތަސައްވުރު ހުރިހާ ރޮނގަކުން ވެސް ހަގީގަތަކަށް ހަދައިދެއްވުމަށެވެ.
ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާ އެކު މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓަކަށް ވެސް އަހާނެ އެވެ. އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.