މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވި މައްސަލައިގައި އެ ޕާޓީގެ މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފަށް އެދިވަޑައިގެންފި އެވެ. 

އެމްޑީޕީގެ އާންމު މެންބަރުންގެ އަރިހުން ނަޝީދު މާފަށް އެދިވަޑައިގެންނެވީ ރ. ދުވާފަރަށް ކުރެއްވި، އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ދަތުރުގައި އާންމު މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. 

އެ ބައްދަލުވުމުގައި ނަޝީދާ ސުވާލުކުރި މީހަކު ވަނީ 2023 ގެ ރިޔާސީ އިންތިހާބަށް ދިމާކޮށް އެ މަނިކުފާނާ އެމްޑީޕީއާ ދުރަށް ވަޑައިގަތުމަކީ "މިސްޓޭކެއް" ކަމަށް ބުނެ، އެކަމާ ގުޅިގެން މާފަށް އެދެން ޖެހިވަޑައިގަންނަވާނެ ކަމަށް ބުނެފަ އެވެ. 

އެ މީހާ އަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެ ވާހަކަތަކީ އާންމުކޮށް އެހާ ގިނައިން ދައްކަވަން ބޭނުންފުޅުވާ ވާހަކަތަކެއް ނޫން ކަމަށާއި ކޮނުނު ވަރަކަށް ވާނީ ފަސްގިނަ ކަމަށެވެ. ނަމަވެސް، ސުވާލު އަމާޒުވުމުން ޖަވާބު ދެއްވާނެ ކަމަށް ވިދާޅުޥެ، އެމްޑީޕީ ދޫކުރައްވައި ވަޑައިގަންނަން ޖެހުނު ސަބަބު ނަޝީދު ވިދާޅުވެދެއްވި އެވެ. 

"ދެހާސް ނަވާރަ ވަނަ އަހަރު މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންނަށް 65 ގޮނޑި ލިބުނީ. އެ އަހަރު ނިމުނުއިރު ރައީސް ސޯލިހު އަޅުގަނޑަކާ ދެން ވާހަކައެއް ނުދައްކަވާ. މިއީ ކުޑައިރުއްސުރެ އެއް ތަށިމަތީ ކައިގެން އުޅުނު ދެ މީހުން،" ނަޝީދު ވިދާޅުވި އެވެ. 

ދުވާފަރުގެ އެމްޑީޕީ އާންމު މެންބަރުންނާ އެކު ނަޝީދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ދުވާފަރުގެ އެމްޑީޕީ އާންމު މެންބަރުންނާ އެކު ނަޝީދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ދެން އޭގެ ފަހުން ކޮވިޑާ ކުރިމަތިލާން ޖެހި، އަދި އެ މަނިކުފާނު އަވަހާރަކޮށްލަން މާލޭގައި ގޮއްވާލި ބޮމުގެ މައްސަލައިގެ ތަހުގީގު އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތާމެދު ނަޝީދުގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި އެވެ. އޭގެ ފަހުން ނަޝީދާ އެންމެ އަރިހުގައި ތިއްބެވި މަޖިލިސް މެންބަރުން ވަކިކުރަން އެމްޑީޕީން ނިންމި ކަން ނަޝީދު ފާހަގަކުރެއްވި އެވެ. 

"ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށް ލާފައި އޮތީމަ ލަދެއް އަޅުގަނޑުގެ ހުރިއްޔާ ދާނެތާ އެ ހިސާބަށް. މި މީހުންނާ އެކު އުޅެނީ، އަޅުގަނޑު ވެސް ގޯސް ކަންތައް ކުރިން، އެކަމަކު ތިޔަ ބޭފުޅުން ވެސް އަޅުގަނޑު އަރިހުން މާފަށް އެދެން ވަރަށް ބޮޑަށް އެދެން،" ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑަށް ވުރެ ދެރަވާނެ މީހަކު ނުހުންނާނެ މި ޕާޓީ ދޫކޮށްދާކަށް. އަޅުގަނޑުގެ މުޅި ހަޔާތް މިއީ، އަޅުގަނޑަށް ވުރެ ގިނަ އަނިޔާ ލިބުނު މީހެއް ވެސް ނުހުންނާނެ ގިނަ ދުވަހު މިކަމުގައި އުޅުނު މީހެއް ވެސް ނުހުންނާނެ." 

ނަޝީދު ވިދާޅުވީ ދުވަހަކު ވެސް އެމްޑީޕީ ދޫކުއްވައި ވަޑައިގަންނަވަން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށާއި ނަމަވެސް އަބަދުވެސް އުސޫލުތަކެއް ގެންގުޅެވޭތޯ ބައްލަވާ ކަމަށެވެ. އެހެންވެ އެމްޑީޕީން ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަތީ ނަޝީދު ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވައި، އެ މަނިކުފާނާ އެންމެ އަރިހުގައި މަސައްކަތް ކުރައްވާ މެންބަރުންނާ މެދު އެމްޑީޕީން ފިޔަވަޅު އަޅަން ތައްޔާރުވުމުންނެވެ. 

އޭގެ ތެރޭގައި އޭރުގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މަޖިލިސް މެންބަރުން ކަމަށްވާ ހަސަން ލަތީފާއި އަލީ އާޒިމާއި މުހައްމަދު ވަހީދު އަދި އިމްތިޔާޒު ފަހުމީ ހިމެނެ އެވެ. 

"އަޅުގަނޑު ވަރަށް ދެރަވޭ 2023 ވަނަ އަހަރު. އެކަމަކު އެމްޑީޕީއަށް ވެރިކަން ގެއްލުނީ އަޅުގަނޑު ގޮސްގެނެއް ކަމަކަށް ގަބޫލެއް ނުކުރަން. އެއީ އެމްޑީޕީގެ ކެންޑިޑޭޓްގަ އޭރުގަ ނެތީ އެކަން ކުރެވޭ މިންވަރު. އަޅުގަނޑުމެންނަށް އެކަން ވަރުގަދަ ކުރެވުނީސް އެ އަށް ވުރެ މާ ރަނގަޅަށް،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެމްޑީޕީގައި އޭރު މަޑުކުރެއްވި ނަމަ އެމްޑީޕީ އެ އަށް ވުރެ ބޮޑަށް ބަަލީވީސް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެ ބޮޑު ބަލި ނުވީ އެ މަނިިކުފާނު އާ ޕާޓީއަކާ ގުޅިވަޑައިގަތުމުން އެމްޑީޕީގެ އާންމު މެންބަރުން އިންތިހާބުގައި ވަރަށް މަސައްކަތް ކުރީމަ ކަމަށެވެ. 

"އަޅުގަނޑު ހަމަ މާފަށް އެދެން،" ނަޝީދު ވިދާޅުވި އެވެ. 

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް ވާދަކުރިއިރު، ދެވަނަ ބުރުގައި ވެސް އެ ޕާޓީގެ ތާއީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް ނުދެ އެވެ. 

އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނު ފަހުން ނަޝީދު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކުގައި ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދެވި ނަމަވެސް، ދެ ބޭފުޅުންގެ ސިޔާސީ ހިޔާލު ތަފާތުވުން އަދިވެސް އެބަ އޮތެވެ. 

ޗެއާޕާސަންގެ އިންތިހާބުގައި ވެސް އިބްރާހިމް މުހައްމަދު ސޯލިހު ތާއިދު ކުރައްވަނީ ނަޝީދާ ވާދަވެރި ކެންޑިޑޭޓް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމަށެވެ.