ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރައްވާ މަޝްވަރާތަކަށް، އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
އިބޫގެ އަރިސް ބޭފުޅަކު ވަނީ 2028 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ފުޅާ ދާއިރާއެއްގައި އިބޫ މަޝްވަރާތައް ކުރިއަށް ގެންދަވާކަން މިއަދު ކަށަވަރުކޮށްދެއްވައިފަ އެވެ.
އެކަމަށް ނުސީދާކޮށް ރައްދު ދެއްވަމުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ފައްޔާޒު އިސްމާއިލަށް ތާއިދުކުރައްވާ ނަޝީދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވީ "ނަނާ ހުވަފެނުގެ" ޅެން ބައިތެވެ.
އެ ޅެމުން ބުނެދެނީ ހަމައެކަނި ހިޔާލީ ދުނިޔެއެއްގައި ހަގީގަތަކަށް ނުވެ ނުވަތަ ނިދީގައި ފެންނަ ފަދަ ވާހަކަތަކާއި ކަންކަން ވެގެންދާނެ ކަމަށް ކުރެވޭ އުއްމީދުތަކަކީ ހަގީގަތާ މުޅިން ތަފާތު ހިލާފު އަދި ގަބޫލުނުކުރާ ފަދަ ކަންކަން ކަމެވެ.
ސިޔާސީ އަދި އިޖުތިމާއީ ގޮތުން ވެސް މީހުންނަށް ލިބެން އެދޭ ނުވަތަ ވުމަށް އެދޭ ބޮޑެތި އުންމީދުތަކަކީ ހަގީގަތަކަށް ނުވާނެ ބާރު ނެތް ކަންކަންކަން ބަޔާންކުރަން މި ޅެންބައިތު އާއްމުކޮށް ބޭނުންކުރެ އެވެ.
އެމްޑީގެ ރިޔާސީ ޓިކެޓްގައި 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އިބޫ ވަނީ އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެސް ކާމިޔާބު ކުރައްވައިފަ އެވެ. ބޮޑު ތަފާތަކުން އެ އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ރައީސަކަށް އޭރު ހުންނެވި ނަޝީދާ ވާދަކުރައްވަ އެވެ.
ނަމަވެސް، އެ ޕްރައިމަރީގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި، ނަޝީދު އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. އަދި އެ ޕާޓީން ވެސް 2023 ވަނަ އަހަަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުނުއިރު، އިބޫ ދެވަނަ ދައުރަކަށް އިންތިހާބު ނުވި އެއް ސަބަބަށް އެކަން ވި އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އިބޫ ނިންމެވިއިރު ނަޝީދު ވަނީ ދެން ބާއްވާ އިންތިހާބެއްގައި ވާދަކުރެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. އޭގެ ބަދަލުގައި ނަޝީދު ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ތާއިދުކުރައްވައިގެންނެވެ.