ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެންމެ ބުރަކޮށް މަސައްކަތްޕުޅު ކުރެއްވީ އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ ޔާމީން ފަސް އަހަރުގެ ދައުރު 2018 ގައި ހަމަވެ، އެމްޑީޕީއާ ވެރިކަން ހަވާލުވިއިރު ދައުލަތުގެ މާލިއްޔަތުގައި އެއް ބިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.

އެއީ ހަމައެކަނި ޔާމީންގެ މަސައްކަތްޕުޅު ނޫން ކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ އެއީ މިހާރު ޕީއެންސީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ބުރަ މަސައްކަތް ކަމަށެވެ. ހާއްސަކޮށް ރައީސް މުއިއްޒުގެ މަސައްކަތްފުޅު ކަމަށް އެ މަނިކުފާނަށް ތައުރީފު ކުރައްވަމުން ޝުޖާއު ވިދާޅުވި އެވެ.

ރޭ ބޭއްވި ޖަލްސާގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީއެންސީ
ރޭ ބޭއްވި ޖަލްސާގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީއެންސީ

އޭރު ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހަވާލު ކޮށްފައި އޮތީ ހައުސިން މިނިސްޓްރީއަށްކަން ފާހަގަ ކުރައްވައި، ޝުޖާއު ވިދާޅުވީ މުޅި ސިސްޓަމް ހިންގީ އެ މިނިސްޓްރީގެ ތެރެއިން ކަމަށެވެ.

ހައުސިން މިނިސްޓްރީއަކީ އޭރު 24 ގަޑިއިރު މަސައްކަތް ކުރަމުން ދިޔަ ތަނެއް ކަމަށައި އެކަން އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ރައީސް މުއިއްޒަކީ އޭރު ވެސް 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ހުންނެވި ބޭފުޅެއްކަން ޝުޖާއު ފާހަގަކުރެއްވި އެވެ.

"ރައީސް [ޔާމީން] އޭރަކު ފޯނެއް ނުނަންގަވާނެ. ނުގުޅޭނެ. ވިދާޅުވާނީ ދާށޭ މުއިއްޒު އަރިހަށް. މުޅި ދައުލަތުގެ ސިސްޓަމް އޮޕަރޭޓު ވެގެން ދިޔައީ ހައުސިން މިނިސްޓްރީ ތެރެއިން. މިއީ ދޮގު ވާހަކައެއް ނޫން. ކޮންމެ ކަމެއްގައި، ރޭގަނޑު ގުޅުއްވިޔަސް ރައީސް މުއިއްޒަށް އޭރު ގުޅުއްވަން ޖެހޭނީ،"  ޝުޖާއު ވިދާޅުވި އެވެ.

"އެއީ ރައީސް ޔާމީން އެކަނި ކުރި މަސައްކަތަކުން ނޫން. އަޅުގަނޑުމެން މިއޮތީ ސީނިއާ ޓީމް. އަޅުގަނޑުމެން އެ މަސައްކަތްކުރީ. ރައީސް ޔާމީން އިންނެވީ ގިނަ ރޭރޭ ތާސް ކުޅުއްވުމުގައި ތަންކޮޅެއް ބިޒީކޮށް. އެހެން ނަމަވެސް މިއަދު މި ވިދާޅުވަނީ ތިމަންނަގެ ވެރިކަމުގައޭ، ކޮން ތިމަންނައެއް، އަޅުގަނޑުމެންނާ އެކީ އެ ވެރިކަން ފުރިހަމަވީ."

ޕީއެންސީން އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ ބައެއް އިސްވެރިން އަދި އެ ރަށުގެ ބައެއް ސަޕޯޓަރުން.---ފޮޓޯ: ޕީއެންސީ
ޕީއެންސީން އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ ބައެއް އިސްވެރިން އަދި އެ ރަށުގެ ބައެއް ސަޕޯޓަރުން.---ފޮޓޯ: ޕީއެންސީ

ޝުޖާއު ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރުކަން ރައީސް މުއިއްޒަށް ކާމިޔާބު ކުރެއްވުނީ ވެސް، ޔާމީންގެ ވެރިކަމުގައި އެންމެ ބުރަ މަސައްކަތްތައް ކުރެއްވީ އެ މަނިކުފާނުކަން ރައްޔިތުން ގަބޫލުކުރާތީ އެވެ.

"ރައީސް މުއިއްޒު މޭޔަރުކަމަށް ކުރިމަތިލެއްވީމާ ސައްތައިން ސައްތަ، 11 އަހަރުގެ އެމްޑީޕީ މެޖޯރިޓީ ކައުންސިލެއް ރައީސް މުއިއްޒަށް ފަސޭހަކަމާއެކީ ދެވުނީ، މާލޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ރައީސް މުއިއްޒުކަން ރައީސް ޔާމީންގެ އެންމެ ބުރަ މަސައްކަތްތައް އެ ވެރިކަމުގެ ތެރޭގައި ކުރައްވީ،" ޝުޖާއު ވިދާޅުވި އެވެ.

"އެހެންވީމަ ކިހިނެތްތޯ ރައީސް ޔާމީނަށް މުޅި ޝުކުރުގެ ހައްގު އެއްކޮށް ދެއްވާނީ."

އއ. އުކުޅަހުގައި ޕީއެންސީގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވަނީ-- ފޮޓޯ: ޕީއެންސީ
އއ. އުކުޅަހުގައި ޕީއެންސީގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވަނީ-- ފޮޓޯ: ޕީއެންސީ

ޝުޖާއު ވިދާޅުވީ ޕީއެންސީން ވެރިކަމާ ހަވާލުވިއިރު، ދައުލަތުގެ މާލީ ހިސާބުތައް އާންމު ނުކުރާތާ ހައެއްކަ މަސް އޮތީ ވެފަ އެވެ. އަދި ވިދާޅުވީ އެމްޑީޕީ ސަރުކާރުން ގައުމުގެ އިގްތިސާދު އޮތީ "ކާލާފައި" ކަމަށެވެ.

އެކަންކަން ހާމަވަނީ މި ވެރިކަމުގެ އެންމެ ކުރީކޮޅު އޭރު އެމްޑީޕީ އަށް މަޖިލީހުގައި އޮތް ޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުމަށް މަސައްކަތް ފެށުމުން ކަމަށް ވެސް ޝުޖާއު ތުހުމަތު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީ ސަރުކާރުން އުފެއްދި މައްސަލަތައް ހައްލުކުުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވެދިނުމުގައި އެ ޕާޓީން ދެމިތިބެން ޖެހެ އެވެ.