ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގުޅިގެން މަސައްކަތް ކުރެއްވުމަށް އެ ބޭފުޅުންގެ ފަރާތުން މަންދޫބުން ކަނޑައަޅުއްވައިފި އެވެ.

ކުރީގެ ތިން ރައީސުންގެ ފަރާތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރަން ހެދި ގްރޫޕަށް ފޮނުވި މެސެޖެއްގައިވާ ގޮތުން، މަންދޫބުންގެ ގޮތުގައި ނަޝީދުގެ ފަރާތުން ކަނޑައެޅުއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އަދި އިބޫގެ މަންދޫބުންނަކީ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމާއި އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. 

ޔާމީންގެ ފަރާތްޕުޅުން މަންދޫބުންގެ ގޮތުގައި ކަނޑައެޅުއްވީ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދެވެ. 

ނޫސްވެރިިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި އެކުގައި ގުޅިގެން މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވެވި މީޑިއާ ބްރީފިންގައި ޔާމީން ވިދާޅުވި ގޮތުގައި ތިން ބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާނެ ގޮތުގެ ސްޓްރެޓެޖީތަކާއި ޓައިމްލައިން އެކުލަވާލާނީ ފަންނީ ބަޔަކާ އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ޓާސްކް މިކުރަނީ އަޅުގަނޑުމެން ތިން މީހުން ތަމްސީލުވާ ގޮތަށް ހަމަ ފަންނީ ބަޔަކާ އެކު އަޅުގަނޑުމެންގެ ސްޓްރެޓެޖީތަކެއް އެކުލަވާލާފައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާ ހަމަ އެކަށީގެންވާ ޓައިމްލައިންތަކެއް އެސައިންކުރަން،" ޔާމީނު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ މަސައްކަތް ނިމެންދެން މަޑުނުކުރައްވައި، ސަރުކާރާ ހިޔާލު ތަފާތުވާ ކަންތައްތަކުގައި މުޒާހަރާ ނުވަތަ އިހުތިޖާޖްގެ ތެރެއިން ސަރުކާރަށް ހުށަހެޅުން ފަދަ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ތިން ރައީސުން ސޮއިކުރައްވާފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ސަރުކާރުން ފާޅުގައި އަރައިގަނެ، ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި މަޖިލީހާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. 

އޭގެ އިތުރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިން ޖަލަށްލުމާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ. 

އެ ކަންކަން އިސްލާހުކުރަން ސަރުކާރުން ނުކުޅެދިފައިވާ ކަމަށާއި އަދި ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނަތްތެރިކަމާ އެކު ބަލަހައްޓާނެކަމުގެ އިތުބާރު ވެސް ގެއްލިފައިވާ ކަމަށް ލިޔުމުގައިވެ އެވެ.

"އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖޭން ފޮހެވިގެންދިޔުމާ އެކު ގައުމު ހަމަ މަގަށް އެޅުވުމަށް ތިން މީހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފަ،" އެއްބަސްވުމުގައިވެ އެވެ. 

އެއްބަސްވުމުގެ ދަށުން ފުރަތަމަ ކަމަކަށް ތިން ރައީސުން ގޮވާލާފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފުވުމުގެ ކުށުގައި ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި އެކަމާ ދެކޮޅަށް އަޑުއުފަލައިގެން ހައްޔަރުކުރި މީހުން ދޫކޮށްލުމަށެވެ. އަދި އަދަދުގެ ނޫހުގެ ދެ ނޫސްވެރިއަކަށް ހިންގާ ޝަރީއަތް ހުއްޓާލަން ވެސް ތިން ރައީސުން ގޮވާލެއްވި އެވެ.