ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރައްވައިފި އެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، މިރޭ ވަނީ ތިން ބޭފުޅުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފަ އެވެ. ގާތްގަނޑަކަށް 30 މިނެޓަށް ދެމިގެންދިޔަ ބައްދަލުވުމުގައި ތިން ރައީސުން އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ.
ނޫސްވެރިންނާ ވެސް ހިއްސާކުރި އެ އެއްބަސްވުމުގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ފާޅުގައި އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ.
އޭގެ އިތުރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިން ޖަލަށްލުމާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ވެސް ތިން ރައީސުން ސޮއިކުރައްވާފައިވާ އެ ލިޔުމުގައިވެ އެވެ.
އެ ކަންކަން އިސްލާހުކުރަން ސަރުކާރުން ނުކުޅެދިފައިވާ ކަމަށާއި އަދި ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނަތްތެރިކަމާ އެކު ބަލަހައްޓާނެކަމުގެ އިތުބާރު ވެސް ގެއްލިފައިވާ ކަމަށް ލިޔުމުގައިވެ އެވެ.
"އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖޭން ފޮހެވިގެންދިޔުމާ އެކު ގައުމު ހަމަ މަގަށް އެޅުވުމަށް ތިން މީހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފަ،" އެއްބަސްވުމުގައިވެ އެވެ.
އެއްބަސްވުމުގެ ދަށުން ފުރަތަމަ ކަމަކަށް ތިން ރައީސުން ގޮވާލާފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފުވުމުގެ ކުށުގައި ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި އެކަމާ ދެކޮޅަށް އަޑުއުފަލައިގެން ހައްޔަރުކުރި މީހުން ދޫކޮށްލުމަށެވެ. އަދި އަދަދުގެ ނޫހުގެ ދެ ނޫސްވެރިއަކަށް ހިންގާ ޝަރީއަތް ހުއްޓާލަން ވެސް ތިން ރައީސުން ގޮވާލެއްވި އެވެ.