ޚަބަރު / ފައްޔާޒު އިސްމާއިލް (ކުރީގެ މިނިސްޓަރު)

އެއާޕޯޓުގެ ދަރަނީގެ މައްސަލާގައި ފައްޔާޒުގެ ރައްދު ޔާމީނަށް!

"މިއީ މިހާތަނަށް ރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން."

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް.-- ފޮޓޯ: މިހާރު

ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހަދަން "މާ މޮޅު އިކޮނޮމިސްޓެއް" ކަމަށް ދައްކަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެގި ލޯނު ކަމަށް ވިދާޅުވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

އާ ޓާމިނަލްގެ ދަރަނީގެ މައްސަލާގައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެލާނާ އެއާޕޯޓް ތަރައްގީކުރުމަށާއި ދައުލަތުން ހަރަދެއް ކުރަން ނުޖެހޭ ގޮތަށް އެ އެއާޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރުއާ ހަވާލުކޮށްފައި އޮއްވައި، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ޔާމީން ކުރެއްވި ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް އެ އެއްބަސްވުން ބާތިލުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓު ހިންގުން ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބު ވެސް މެ އެވެ.

އެ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އުވާލުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުން 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ނޮވެމްބަރު 15، 2016 ގައި ޔާމީންގެ ސަރުކާރުން ޖީއެމްއާރަށް ދައްކައި ހަލާސްކުރި އެވެ.

ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓް "އަނެއް ދިވެހިރާއްޖެ" އިން މި މަހު ކުރީކޮޅު ކުރެއްވި ޕޯސްޓެއްގައި ވަނީ ވެލާނާ އެއާޕޯޓުގެ ތަރައްގީގެ 15 އަހަރު ގެއްލިގެން ދިޔަ ކަމަށް ވިދާޅުވެ، އާ ޓާމިނަލްގެ މަޝްރޫއަށް ފާޑުވިދާޅުވެފަ އެވެ. އާ ޓާމިނަލް މަޝްރޫއުގައި، 15 އަހަރު ގެއްލިގެން ދިޔަ ކަމަށް ނަޝީދު އެ ވިދާޅުވީ ބެލެވޭ ގޮތުގައި، ޖީއެމްއާރުއާ އެއާޕޯޓު ހިންގަން ހަވާލުކުރި މުއްދަތަށް އިޝާރާތް ކުރައްވަ އެވެ.

ފައްޔާޒްގެ ޕޯސްޓުގައި ވިދާޅުވީ، ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ، ޔާމީންގެ ވެރިކަމުގައި "އެއާޕޯޓުގެ ނަމުގައި ނެގި ދަރަނިން" ކަމަށެވެ.

"މިއީ މިހާތަނަށް ރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތު ވެސް ބަންދުވެއްޖެ،" ޔާމީންގެ ނަން ނުގެންނަވާ އެމަނިކުފާނަށް ފާޑުވިދާޅުވެ ފައްޔާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު، އާ ޓާމިނަލް ހަދަން ދަރަނި ނުނެގި ނަމަ މިއަދު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ހުންނާނީ ހަތަރު މިލިއަންގައި ކަމަށާއި ރާއްޖޭގެ ޖީޑީޕީ ނުވަތަ އާބާދީގެ ނިސްބަތުން ކޮންމެ މީހެއްގެ ބޮލަކަށް ޖެހޭ އާމްދަނީ ދެގުނަ މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެރިޔަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގްތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ،" ފައްޔާޒް ވިދާޅުވި އެވެ.

"މި ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ ތިމަން މަނިކުފާނަކީ މާ މޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ. މިއީ 'ފްރަންޓޮނޮމިކްސް'ގެ އިގްތިސާދީ ވިސްނުން."

ފައްޔާޒް ވަނީ އާ ޓާމިނަލް މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މުޅި ދައުލަތަށް އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ކަމަށް ވިދާޅުވެ، އެހާ ބޮޑު ގެއްލުމެއް ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަންޖެހޭތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި އާ ޓާމިނަލުގެ މަސައްކަތް އެއްކޮށް ނުނިންމައި، އެތަން ހުޅުވަން ބޮޑު ރަސްމިއްޔާތެއް ބާއްވަން ސަރުކާރުން އެތައް މިލިއަން ޑޮލަރެއް ހަރަދުކުރާ ކަމަށް ވިދާޅުވެ އެކަމަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.

ދައުލަތުން އަންނަ އަހަރު 15 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ދަރަނި އަނބުރާ ދައްކަން ޖެހެ އެވެ.

ފައްޔާޒް އެގޮތަށް ވިދާޅުވި އިރު، އަންނަ އަހަރު ދައުލަތުން އަނބުރާ ދައްކަން ޖެހޭ ދަރަނީގެ 50 ޕަސެންޓަކީ އޭނާ އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމުގައި 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސުކޫކެވެ. އެ ސުކޫކުގެ އެއްބައި ހޭދަކުރީ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި "ސަނީ ސައިޑު" ބޮންޑަށް ދެއްކުމަށެވެ. އެ ބޮންޑަށް 200 މިލިއަން ޑޮލަރު ދެއްކި އެވެ. އިބޫގެ ސަރުކާރުން 2021 ވަނަ އަހަރު އިޝޫކުރި ސުކޫކުގެ ބާކީ ފައިސާ ހޭދަކުރީ، ކޮވިޑާ ގުޅިގެން އާމްދަނީ ދަށްވެ، ހަރަދުތައް ހަމަޖެއްސުމަށެވެ.

އަންނަ އަހަރު ދައްކަން ޖެހޭ އަނެއް ބޮޑު އަދަދަކީ ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރުގެ ކުރީކޮޅު ވިއްކި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ބޮންޑެވެ. އެ ބޮންޑު ވިއްކީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އަށެވެ. އެ ބޮންޑު ބޭނުންކޮށްފައި ވަނީ އެ އަހަރުގެ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށެވެ.

އިބޫގެ ވެރިކަމުގައި 2020 ވަނަ އަހަރު 18 ލޯނަކަށް 743 މިލިއަން ޑޮލަރު (11.5 ބިލިއަން ރުފިޔާ) ނެގި އެވެ. އިބޫގެ ވެރިކަމުގައި ދަރަނި ނަގައިގެން ހިންގަމުން އަންނަ އެންމެ ބޮޑެތި މަޝްރޫއުތަކަކީ ތިލަމާލެ ބްރިޖާއި ހުޅުމާލޭގައި ހަދާފައިވާ 4،000 ފްލެޓްގެ އިތުރުން ތިލަފުށި ޕޯޓު ޕްރޮޖެކްޓެވެ. އަދި އިބޫގެ ވެރިކަން ނިމުނުއިރު، ރާއްޖޭގެ ބޭރުގެ ދަރަނީގެ ޖުމްލަ އަދަދު 50 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ.

ޔާމީންގެ ވެރިކަން ނިމުނުއިރު ދަރަނި ހުރީ 39.6 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރީ، ހުޅުމާލެ 2 ހިއްކުމަށާއި ހިޔާ ފްލެޓް އެޅުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ތަރައްގީކުރުމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް ވެސް ބޮޑު ބައެއް ހޭދަކުރި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް މި މަހު 26 ގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ފެށި އެ ޕްރޮޖެކްޓުގެ މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ.

ރާއްޖޭގެ މައި އެއާޕޯޓުގެ މި އާ ޓާމިނަލްގެ މަސައްކަތް ނިންމަން، މި ސަރުކާރު އައި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހަމަޖައްސައި ދީފަ އެވެ. އެއާއެކު އެ ޕްރޮޖެކްޓަށް ޖުމްލަ ގޮތެއްގައި، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހޭދަވި އެވެ.

78 ކޮމެންޓް, 66 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 0%
icon angry icon angry 79%
icon wow icon wow 2%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލައިޝާން

18 July 2025

ރައީސް ޔާމީން އަކީވެސް ދޮގު ހަދާ މީހެއް. އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުގެ ޚަޒާނާއަށް ވަންނަން ޖެހޭ އެތައް މިލިއަން ރުފިޔާ އިން ފާޅުގައި ވައްކަން ކޮށް ބޭނުންކުރިގޮތް މިހާރު މިދުނިޔޭގައި ތިބި ވަރަށްގިނަ ދިވެހި ރައްޔިތުންނަށް އެނގޭނެ. މިދައްކަނީ ބޮޑު ތަކުރުފާނު ޒަމާނުގެ ވާހަކައެއް ނޫން. ޖީ.އެމް.އާރު އަށް މާލޭ އެއަރޕޯރޓް ކުއްޔަށް ދިނުމުގެ އެގްރިމެންޓަކީ އެ އެގްރިމެންޓް އުފެދުމުގައިވެސް ބާޠިލް އެއްޗެކޭ ބުނި. އެކަމަކު އެގޮތަށްތޯ ނަތީޖާ ނުކުތީ؟

The name is already taken The name is available. Register?

ފުޅަފެހި

17 July 2025

ޖމރ ހިންގިނަމަ އަތުންނުގޮސް ރާއްޖެއައް ފައިދާވީހޭބުނާއިރު، އެމީހުން ހިންގިއިރު ވީފައިދާއެއް ކިޔާދީބަލަ. ދައުލަތައް ލާރިއެއް ނުލިބުނުތާ، ގައުމުދެކެ ލޯބިވާ ކުދިންކޮޅު އޮތީ ޖީއެސްޓީވެސް ދައްކަންނުޖޭގޮތް ހަދާދީފަ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

17 July 2025

އެމްޑީޕީ ވެރިކަމާ ހަވާލުވާ ކޮމްމެ ފަހަރަކު ރައްޖެއަ ބޮޑެތި ގެއްލުން ލިބޭ.

The name is already taken The name is available. Register?

އިސްމާލި

17 July 2025

ފައްޔާޒުމެންގެ ވެރިކަމުގައި ޓަރމިނަލް މަސައްކަތް ލަސް ކޮށް ދިގު ނުދަންމައި ކުރިއަށް ގެންދިޔަ ނަމަ ޓަރމިނަލް ހުޅުވި މިހާރު އޮންނާނީ ޑޮލަރު ވަންނަން ފަށާފައި. ތިލަމާލެ ބްރިޖު ނަމުގައި ދަރަނި ބޮޑު ހާސަރެއް ނުދެމި ނަމަ މިހާރު އޮންނާނީ އެތާ ބްރިޖު އަޅައި އެ ފަސޭހަވެސް ލިބިފައި. ކޮވިޑޭ ކިޔައިގެން ޕާޓީ މީހުނަށް ފައިސާ ބަހައި ވެންޓިލޭޓަރުން ވައްކަން ނުކުރި ނަމަ އަންނަ އަހަރު 15 ބިލިއަން ދައްކަން ނުޖެހުނީސް. މައި އެއަރޕޯޓު އެހެން ބަޔަކަށް ދޭކަށް ނުޖެހޭ.

The name is already taken The name is available. Register?

ބުރަތޭރީ

17 July 2025

އަދިވެސް އެމްޑީޕީގެ އިސްބޭފުޅުންގެ ވިސްނުންމިހުރީ ރާއްޖޭގެ މައިދޮރާށިތަކާ ހަރުމުދާތަށް ބޭރުގެ ފަރާތްތަކަށް ވިއްކުން. މިއީ ގައުމުދެކެލޯބިވާ އެއްވެސް ބައެއްގެ ވިސްނުންހުންނަންވާނެ ގޮތެއްނޫން. ޔާމީން އެޅުއްވި ފިޔަވަޅަކީ ގައުމަށް ވަރަށްމުހިއްމު ފިޔަވަޅެއް. ރާއްޖޭގެ ދަރަނި އިންތިހާއަށް އަރައިގެން ދިއުމުގައި ތިލަމާލެ ބުރިޖް ކުފޫހަމަނުވާ ބަޔަކުލައްވާ ފެށުމާއި، ސަރުކާރުތަކުގެ އިސްވެރިންގެ ޚިޔާނާތް އެންމެބޮޑުރޯލެއްކުޅުނީ.

The name is already taken The name is available. Register?

ޢެޔާޕޯޓް

17 July 2025

ޖީއެމްއާރުން ހިންގިއިފު އިންޑިޔާ މީހުން ހެސްކިޔާފަ ވަޒީފާޔަ ގެންނަނީ.

The name is already taken The name is available. Register?

އައްޑޫ12345

17 July 2025

އެމްޑީޕީގަ ނެއް ގައުމަ ވަފާތެރިކަމެއް. އެމްޑީޕީޔަ ވޯދިނުން ނިމުނީ.

The name is already taken The name is available. Register?

ޙައްގުބަސް.

17 July 2025

މިއަދު ކިހާ ޑޮލަރެއް ރާއްޖެއަ ވަދޭ. އިގުތިސޯދަ ކިހާ ބޮޑު އާމްދަނީއެެއް ވަދޭ މިހާރު.

The name is already taken The name is available. Register?

ދިވެހިރާއްޖެ 2.0

17 July 2025

މީނާއަށް އިނގޭ އެކައްޗެއްވެސް ނެތް، ނޭނގޭ އެކައްޗެއްވެސް ނެތް

The name is already taken The name is available. Register?

ދިވެއްސެ އައްޑޫ

17 July 2025

ކޮންމެ ވެރިޔަކުވެސް އައިސް ކުރާކަމަކީ ލޯނުނަގައިގެން އަސާސީ ހިދުމަތްްތަކާއި އުމްރާނާނީ ތަރައްގީ ކުރަން އުޅެނީ! ދައުލަތައް ލީބޭ އާމްދަނީ (ޓެކްސް) ފައިސާ ބޭނުންކުރަނީ ވެރިކަމުގެ ޖާހަތު ބޮޑުކުރުމަށާއި ތައުލީމް ނެތް އަނގަ ފުޅާ ބައެއް ޕޯޑިއަމް ތަކުގަ ގެންގުޅެން ، ދައުލަތަށް އާމްދަނީ ވަންނާނެ ދޮރެއް ނުހޯދާ ސިޔާސީ ކުޅިމަޖާގަނޑެއްގަ ޖެހިގަނެގެން އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގަ ތުހުމަތުތައް އަޅުވާލަ ތިއްބާ ލޯނުތައް ދައްކަން ޖެހޭކަން ރޭކާލަނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454