"އެކަކު އަނެކަކުގެ ކަރުގައި ހިފައި އަދި ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ބަޔަކު ނުކުމެ ގައުމޭ ކިޔައިގެން ވާހަކަ ދައްކާއިރު ތިބީ ހުސް ފެއިލިއަރުން ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމެވި ނިންމެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. 

މިދިޔަ މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޑިމޮކްރަސީގެ ކަންކަމުގައި ރާއްޖޭގައި މި ވަގުތު މަދުވަނީ ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާނެ އިދިކޮޅު ޕާޓީއެއް ކަމަށެވެ. 

ބަތް ކައްކާ އަދި ދެއުޅިއެއް ނުވާ ބަޔަކާ އެކު ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށާއި އިދިކޮޅުގައި ތިބީ ފެއިލިއަރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"...އެކަކު އަނެކަކުގެ ކަރުގައި ހިފައި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔާފައި ވާހަކަ ދައްކާއިރު ހުސް ފެއިލިއަރުން މި ތިބީ. ހުސް ފޭލިއަރުން ނުކުމެ ގައުމުގެ ވާހަކަ ދެއްކީމަ އަޅުގަނޑު ހިތުން އަޅުގަނޑުމެން ޒުވާން ކުދިން މިކަން އެނަލައިޒް ކޮށްލާއިރު ދޭ ވިލް ބީ ވެރީ ހަމަ ޑިޕްރެސްޑް،" ޕީއެންސީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ސަޕޯޓަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ސަޕޯޓަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ. 

އޭގެ ފުރަތަމަ ބައްދަލުވުން މާދަމާ ރޭ ބާއްވަން ވަނީ ނިންމައިފަ އެވެ. 

ރައީސް މުއިއްޒު ރޭ ވިދާޅުވި ގޮތުގައި ކުޑަކޮށް މާޒީގެ ސަފުހާ ހުޅުވާލާއިރު އެ މީހުންގެ ހަގީގަތް އޮތީ ފެންނާށެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގިއަސް ކިރިޔާ މީހަކު ބުނެލާ ބަހަކުން ޖަލަށް ލީ ދުވަސް ވެސް މާޒީގައި ފެނުނު ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގި ކަމަށެވެ. ނަމަވެސް، ގައުމުގައި އޮތީ އަނިޔާވެރިކަމާއި ކޮރަޕްޝަން ކަމަށާއި ސިޔާސީ އެންމެން ލީ ޖަލަށް ކަމަށް ކުރީގެ ތިން ރައީސުންނަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ ޓްރެކް ރިކޯޑު ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށާއި އެކަމުން ފަހަތަކަށް ނުދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީންގެ ނަން ވިދާޅުނުވި ނަމަވެސް، ރައީސް މުއިއްޒު އެ އިޝާރާތް ކުރެއްވީ ޔާމީންގެ ވެރިކަމަށެވެ. އެއީ ސިޔާސީ ގިނަ ބަޔަކު އެކި މައްސަލަތަކުގައި ހައްޔަރުކޮށް، އަދަބު ދިން ވެރިކަމެއް ކަމަށް އެތައް ބަޔަކު އިއްތިފާގުވެ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮވިޑުގެ ތެރޭގައި ހިންގި ވެންޓިލޭޓަރުގެ "ވައްކަން" ހަނދާން ނެތޭހާ ދުވަހެއް ނުވާ ކަމަށާއި ކަމާގުޅޭ އިދާރާތަކުން އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުަރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ އެމްޑީޕީގެ ވެރިކަމަށް ފާޑު ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އާއްމުންނަށް ހައްގު ހޯދައިދިނުމަށް ކަމާގުޅޭ ފަރާތްތަކަށް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން އެ ފުރުސަތު ދޭނެ އެވެ. 

ރައީސް ވިދާޅުވީ މި ގައުމުގެ ހުރިހާ ކަމެއް ހަމަޖެހޭ މިސްރާބަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ހާރިޖީ ސިޔާސަތު އޮތީ އެއް ފަރާތަކަށް ބުރަވެފައި ކަމަށް ވިއަސް ބައިނަލްއަގުވާމީ މުޖުތަމައު އިން ބަލައިގަންނަ އަދި ބަސްވިކޭ ތަނަކަށް ރާއްޖެ މިހާރު ވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. 

"އެ ގޮތަށް ބައްޓަން ކުރުމުގެ ފޮނި ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމުގެ އުފާވެރި ޚަބަރު ދެން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހާރިޖީ ސިޔާސަތު ވަކި އަތަކަށް ބުރަވެފައި އޮތުމުން ގައުމުތަކާ ބައްދަލުކުރުމަށް އެ ގައުމުގެ ހުއްދަ ބޭނުންވި ޒަމާނެއް ދިޔަ ކަމަށެވެ. ނަމަވެސް، އެ މަނިކުފާނު ބޭނުންފުޅުވަނީ ދިވެހިންނަށް އިސްކަންދޭ ގައުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.