ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނަށް ކުރާ ދައުވާގެ ހުކުމް އަންނަ މަހުގެ ފަސް ވަނަ ދުވަހު އިއްވަން ވަނީ ހަމަޖައްސާފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
09 އޮކްޓޯބަރ 2019 - 18:30
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލައި، އެ މައްސަލާގެ ހުކުމް އަންނަ މަހުގެ ފަސް ވަނަ ދުވަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް އެ ދައުވާގައިވެ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވެސް ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އިއުލާން ކުރެއްވީ އެ މައްސަލާގެ ހުކުމް އަންނަ މަހުގެ ފަސް ވަނަ ދުވަހު އިއްވާނެ ކަމަށެވެ.
ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުން ބުނީ ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދާފައި ހުރި ފައިސާ އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުތަކެއް ހުރި ކަމަށެވެ. އަދި އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެހެން ފައިސާތަކެއް ކަން ހެކިތަކުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.
އެސްއޯއެފުން ޖަމާކުރީ ޚިޔާނާތުގެ ފައިސާ ކަމަށް ބެލެވޭ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ވެސް އެބައޮތް ކަމަށާއި އެހެންވެ އެ ހާލަތުގައި އެއީ މަނީ ލޯންޑްރިންގެ ގާނޫނުގައި ބުނާ ފަދައިން ޝައްކު ކުރެވޭ މުދަލާއި ފައިސާއެއް ކަމަށް ބެލެވޭނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެ ހާލަތު އޮއްވާ އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލު ކުރުމަކީ ފައިސާގެ އަސްލު އޮޅުވާލުން ކަމަށް ބެލެވޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހާ ގުޅޭގޮތުން ދައުލަތުން ބުނީ އެ ދެ ބޭފުޅުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ބަހުސްގެ ބޭނުމަށް ބެލިޔަސް، އެ ބޭފުޅުންގެ ބަހަށް ބާރު ލިބޭ އެހެން ހެކިތަކެއް އެބަހުރި ކަމަށާއި އެހެންވެ އެ ދެ ބޭފުޅުންގެ ހެކިބަހަށް ބުރަދަން ދެވޭނެ ކަމަށެވެ.
އެކަންކަން ފާހަގަކޮށް، ދައުލަތުން ބުނިގޮތުގައި ޔާމީންގެ މައްޗަށް އެ ދައުވާ ސާބިތު ކުރެވޭނެ މިންވަރަށް ހެކި އެބަހުއްޓެވެ. އެހެންވެ، އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިދޭން ދައުލަތުން އެދުނެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ އެ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު އުފެދޭ ހާލަތެއް އެ މައްސަލާގައި އޮތްކަން ދައުލަތަށް ސާބިތުކޮށް ދެވިފައި ނެތް ކަމަށެވެ. އެސްއޯއެފަކީ އެމްއެމްޕީއާރުސީއާ އެކު އެތައް ސައްހަ މުއާމަލާތްތަކެއް ހިންގާފައިވާ ކުންފުންޏެއް ކަން ސިވިލް ކޯޓުގެ ހުކުމަކުން އެނގެން އެބައޮތް ކަމަށާއި އަދި އެސްއޯއެފްއަކީ ގާނޫނާ ޚިލާފް މުއާމަލާތްތައް ހިންގާ ކުންފުންޏެއް ކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ކަނޑައަޅާފައި ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ އަމަލަށް ވާނީ ޝައްކު އުފެދޭ ހާލަތެއް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޮންނަ ހާލަތުގައި މުދަލާއި ފައިސާގެ އަސްލު އޮޅުވާލައިފި ނަމަ ކަމަށާއި އެ މައްސަލާގައި އެފަދަ ހާލަތެއް އޮތްކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި އެސްއޯއެފްގެ އެކައުންޓަށް އެ ފައިސާ ވަނުމުގެ ކުރިންނާއި ޔާމީންގެ އެކައުންޓަށް އެ ފައިސާ ޖަމާ ކުރުމުގެ ކުރިން ވެސް ފައިސާގެ އެތައް މުއާމަލާތެއް އެސްއޯއެފް އިން ހިންގާފައިވާ ކަން ފާހަގަކޮށް، ވަކީލުން ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވީ ސައްހަ ނޫން ފައިސާއެއް ކަން ދައުލަތަށް ސާބިިތުކޮށް ނުދެވޭ ކަމަށެވެ. އަދި މިހާތަނަށް ވެސް އެކަމުގައި އޭސީސީން އެއްވެސް ގޮތެއް ނިންމާފައި ނެތް ކަން ވެސް ވަކީލުން ފާހަގަ ކުރެއްވި އެވެ.
ވަކީލުން ވިދާޅުވި ގޮތުގައި އެކަމުގައި ޔާމީން އަމަލު ކުރެއްވީ ތެދު ނިޔަތުގަ އެވެ. އެގޮތުން އޭސީސީން ޔާމީންގެ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް އެ ސްޓޭޓްމަންޓް އެ ކޮމިޝަނަށް ފޯރުކޮށް ދެއްވީ ޔާމީން އަމިއްލަފުޅަށް ކަމަށާއި އަދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން ޔާމީން އެއްބަސްވެ ވަޑައިގަތުމަކީ ވެސް އެކަމުގައި ޔާމީންގެ ގޯސް އެއްވެސް ނިޔަތެއް ނެތްކަމުގެ ހެއްކެއް ކަމަށް ވަކީލުން ވިދާޅުވި އެވެ..
އެސްކްރޯ އެއްބަސްވުން އޮތްގޮތުން އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްތޯ ނުވަތަ ނޫންތޯ އޭސީސީން ކަނޑައެޅުމަށް ފަހު އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، ކޯޓަށް ދިއުމުގެ ހައްގު އޮތް ކަމަށާއި އެހެންވެ، އެ މައްސަލާގައި އިތުރު ފިޔަވަޅެއް އަޅަންޖެހޭނީ އެ ފައިސާއާ މެދު އޭސީސީން ގޮތެއް ކަނޑައެޅުމުން އަދި އެކަމުގައި ޝަރުއީ މަރުހަލާތައް ނިމިގެން ކަމަށް ވަކީލުން ވިދާޅުވި އެވެ.
އަދީބާއި ޒިޔަތުގެ ހެކިބަހާ ގުޅޭގޮތުން ދިފާއީ ވަކީލުން ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ޔާމީންގެ ވެރިކަމުގައި މަގާމުން ދުރުކޮށް އަދި ޖިނާއީ ކުށްތަކެއްގައި ޖަލަށްލި ބޭފުޅުން ކަމަށްވާތީ އެ ބޭފުޅުން ޔާމީނާ މެދު އަދާވާތްތެރިކަން އޮތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައި ވާއިރު އަދީބާ ދެކޮޅަށް އިސްތިއުނާފް ކޮށްފައިވާ މައްސަލައެއް މިހާރު ވެސް ސުޕްރީމް ކޯޓުގައި އޮތުމުން އެ ދެ ބޭފުޅުންގެ ހެކިބަސް އެ މައްސަލާގައި ބަލައިނުގަނެވޭނެ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވި ގޮތުގައި އެ މައްސަލާގައި ދައުވާ ކޮށްފައި އޮތީ ވަކި މީހަކަށް އަމާޒު ކޮށްގެން ސިޔާސީ ބޭނުމެއްގަ އެވެ. އަދި ގާނޫނު ބޭނުން ކޮށްގެން ވަކި މީހަކަށް އަމާޒު ކޮޮށްގެން ދައުވާ ކުރުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނު އަސާސީ ވެސް މަނާކުރާ ކަމެއް ކަން ފާހަގަ ކުރެއްވި އެވެ.
ވަކީލުން ވިދާޅުވީ ދައުވާ އުފުލާފައިވަނީ ހަމަހަމަ ކަމާއި ތަފާތު ނުކުރުމުގެ ހައްގާ ޚިލާފަށް ކަމަށާއި އެ ދައުވާ ސާބިތުވާ މިންވަރުގެ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނެތް ކަމަށެވެ. އެހެންވެ، އެގޮތަށް މައްސަލަ ނިންމައިދޭން އެ ބޭފުޅުން އެދިވަޑައިގަތެވެ.
މި ޝަރީއަތް ކުރިއަށް ގެންދަނީ ޓީވީން ލައިވް ބްރޯޑްކާސްޓް ކޮށްގެންނެވެ. އެއީ ރާއްޖޭގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ޓީވީން ލައިވް ބްރޯޑްކާސްޓްކުރާ މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
10 October 2019
ރާއްޖޭގައި ތިބި ހުރިހާ ސިޔާސީމީހުން ޔާމީނު ވަނީ ޖަލައްލާފައި ؟ ޔާމީނުވެސް އެތަން ދެކިލަންވާނެ ؟
ކައްކާ
10 October 2019
މިކަލޭގެ ވަރިކަމުގައި ބޭރު ތަންތަނުން މޮޅެތި ކުރެހުންތައް ހައްދައިގެން ރަށުގެ ކަނޑުހިއްކައިގެން 7 ހާސް ފުލެޓާއި ބުރިޖާއި ރަށުއެއާޕޯޓު ހަދަން އެތައް ބިލިއަނެއް ހަރަދުކޮށްފަ ރަށުގަ ދައުލަތުގެ ފައިސާއިން އިރުއިރުކޮޅާ ހަވާއަރުވަމުންދިޔައިރު އައްޑޫގައި ވަޒީފާއެއް އުފައްދަދޭށޭ ބުނީމަ ރާވެރިއަކު ފޮނުވާފަ އަތޮޅުގެ ޒުވާނުން އެއްކޮށްގެން ރާވެރިކަން ދަސްކޮށްދީފަ ބުނީ ކަލޭމެން ރުކަށްއަރާށޭ. މައްސަލަ ސާބިތުވަންޏާ އެންމެ ބޮޑު އަދަބު ދިނުމަށް ގޮވާލަން.
ނާޑުވާ
10 October 2019
ޔާމީނަށް ހުކުން ކުރާނެކަން ޔަޤީން ނުވާއިރު މިގޮތަށް ސުރުޚީ އެޅިދާނެބާ. މައްސަލައިގަ ހުކުން އިއްވުމާ ޔާމީނަށް ހުކުން ކުރުމަކީ ދެކަމެއް ނޫންބާ?
ހަސަނޭ1
10 October 2019
މައްސަލާގައި ދަޢުވާލިބެނީ ޔާމީނަށް. އެހެންވީމަ ސުރުހީ ރަނގަޅު. ސާބިތު ވުމަކީވެސް ޙުކުމެއް. ނުވުމަކީވެސް ޙުކުމެއް.
ޢަބްދުލް އަދުރޭ
10 October 2019
މީނައަށް ( ސޮރީ: އަމިއްލައަށްވެސް މި ކިޔަނީ ރައީސް ޔާމީން: އަޅެ ބޮޑާ ކިބުރުވެރި ފިރިހެނެއްނު . ހާދަ ފޫހި މީހެކޭ) ޤާނޫނުން ދެވެން އޮތް އެންމެބޮޑު އަދަބެއް ދޭންޖެހޭ. އޭރުން ދޯ ޕީއެންސީ މަ ބޭނުން ގޮތަކަށް ހިލާލެވޭނީ:
ދޯރި
10 October 2019
މިހާރުން މިހާރަށްވެސް ޖަލުގައި ހުންނަންޖެހޭ މީހެއް ލަސްކުރަނީ ކޮން ނުފޫޒެއް އޮވެގެންބާ؟ އެސްއޯއެފުން ޔާމީނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެސީސީ އިން ވަނީ އެ ފައިސާ އާ ދޭތެރޭ ސުވާލު އުފައްދާފައެވެ. ދެން ޔާމީނު އަވަހަށް އެ ފައިސާ އިންވެސްޓްމެންޓް އެކައުންޓަކަށް ލައިގެން އެެއިން ނަފާ ހޯދަން އުޅުމަކީ އެ ފައިސާގެ އަސްލު އޮޅުވާލުން ނޫން ދެން ކޮންކަމެއް. މުޅި ޗޭނު ރަގަޅަށް ބަލާލާށެވެ.
ވަތަން އިސްކުރަންޖެހޭ
10 October 2019
ފަހުގެ ތަރީހުގަ ރާއްޖެ ބަދަލުކޮއްލި ލީޑަރަކީ ޔާމިން. އެމްޑީޕީ މީހުންވެސް ބުނޭ ރައިސް ޔާމިންގެ ތަރައްގީ މިފެންނަނީ.
ހަސަނޭ2
10 October 2019
ޔާމީނު ޤައުމު ތަރައްގީކުރުމާ މައްސަލައާ ހުރި ގުޅުމަކީ ކޮބާ؟ ކިތެންމެ ތަރައްގީއެއ ކުރިޔަސް މައްސަލައެއް އުޅެންޏާ ބަލަން ވާނެ
މަންޑޭލާ
10 October 2019
ކޮބާހޭ އިގިރޭސި ވިލާތުގާ ތިބި އެމްއެންޕީއާރުސީ ދޮވެލި ގުރޫޕު. ސިޔާސީ ދައުވާ ކުރުން ހުއްޓާލާ.
ހައްގުބަސް
10 October 2019
ފޯމްމުލަކުގަ މިހާރުވެސް ކުރަމުން އެދާ މަސައްކަތަކީ ޔާމިން ދައުރުގާ ފެއްޓެވި ކަންތައްތަ.
ހަސަނޭ3
10 October 2019
ފުވައްމުލަކުގަ ޔާމީނު މަސަތްކަތް ކުރުމާ މައްސަލައަކާ ގުޅުމެއް ނެތް. ސުރުހީއަށް ކޮމެންޓްކުރަން ދަސްކޮށްބަ
ޝޮކްތެރަޕީ
10 October 2019
މިހާރު މިވާގޮތުން ރައިސް ޔާމީނަ ކުރާ ތާއީދު ދަނީ އިތުރުވަމުން. ދިވެހިންނަ ހަގީގަތްއެގެމުން މިދަނީ. ވައްކަން ކުރަނީ ކޮމްބައެއްކަން މިދަނީ އެގެމުން. ރާއްޖެ މިދަނީ ފަހަތަ.
މުއިޒޫ
10 October 2019
ހާދަ ލަހަކުން އަވަސްކުރޭ ...
ހަސަނޭ4
10 October 2019
އުހު. އެހާ ލަހެއް ނުވޭ. ކުށުން ދިފާއުވުމަށް ވަގުތު ބޭނުންވާނެ. ފަޓާސް ބަރި ޖެހުން ކަޑަ