އިތުބާރު ގެއްލުނީ ސުޕްރީމް ކޯޓުގެ ސަބަބުން، ފަނޑިޔާރުން ވަކިކުރަންޖެހޭ: ރިޕޯޓް

ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރުމުގައި ފެއިލްވުމުގެ ސަބަބުން ކޯޓުތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ކަންކަން ރަނގަޅުކުރަން ބޭނުން ނަމަ އެ ކޯޓުގެ ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށް ރާއްޖޭގެ ޖުޑީޝަރީ ދިރާސާކޮށް ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލާ ނެރުއްވި ރިޕޯޓުގައި ބުނެފި އެވެ.


ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިރާސާ ހެދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ގެނައި ކްރީގްލާ އެ އިޝާރާތް ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު، ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އައިޝާ ޝުޖޫނާއި ޑރ. އަޒްމިރަލްދާ ޒާހިރަށް ރިޕޯޓު އަމާޒެއް ނުވެ އެވެ.

"އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓާ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓުގައި ބުނެފައި ވަނީ ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި ފެއިލް ވުމުގެ އިތުރުން އެ ކޯޓަކީ ޑިމޮކްރަޓިކް ވެރިކަމެއް ކުރުމަށް އޮތް ހުރަހަކަށް ވެސް ވެފައިވާ ކަމަށެވެ.

"އެއީ ގާނޫނުއަސާސީގެ މައްސަލައަކުން ނޫން. އެއީ މިދިޔަ ދިހަ ވަރަކަށް އަހަރު ތެރޭގައި ގާނޫނު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން،" ރިޕޯޓުގައި ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުން ގާނޫނު އަސާސީ ނުބައިކޮށް މާނަކޮށް، ގާނޫނު އަސާސީން ދީފައި ނުވާ ބާރުތައް އަމިއްލަ އަށް ހޯދާފައިވާކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ދިން ބާރެއް ނޫނީ ސުޕްރީމް ކޯޓަށް ވެސް ނޯންނަކަށް ވެސް ބަޔާންކޮށްފައިވެ އެވެ. އޭގައިވާ ގޮތުން ގާނޫނު އަސާސީ އާއި ގާނޫނުތައް ޝަރުއީ ދާއިރާ އަށް ދިވެހިން ކުރާ އިތުބާރު ކުޑަވެ އެ ދާއިރާއާ މެދުގައި އިތުބާރު ގެއްލުނު މައިގަނޑު ސަބަބަކީ ސުޕްރީމް ކޯޓުގެ އަމަލުތަކެވެ. އެހެންވެ، ޝަރުއީ ދާއިރާ އިސްލާހު ކުރަން ބޭނުން ނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފުވެފައިވާ ފަނޑިޔާރުން މަގާމުން ވަކިކުރުން ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓުގައި ބުނީ ސުޕްރީމް ކޯޓުގެ އަމަލުތައް އެގޮތަށް ހުރީ ގާނޫނުތަކުގައި ހުރި ގޯސް ކަމެއްގެ ސަބަބުން ނޫން ކަމަށާއި އެ ކޯޓުގެ ފަނޑިޔާރުންގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލާ، ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނާ ސަލާމް ކުރައްވަނީ. ---

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ ފަނޑިޔާރުންގެ މައްޗަށް އެކަށީގެންވާ ހެއްކެއް ހުރި ނަމަ، އެ ފަނޑިޔާރުންނާ ދެކޮޅަށް ދައުވާ ކުރުމަށް ލަފާ ދެއްވާފައިވެ އެވެ.

ރިޕޯޓް އާންމުކުރުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ގެ ސުލޫކީ މައްސަލައެއް ސާބިތުވެ، މިދިޔަ އޮގަސްޓް މަހު އޭނާ ފަނޑިޔާރު ކަމުން ވަކިކޮށްފައިވެ އެވެ. ކުރީގެ ޑީޑީ މަގާމުން ވަކި ކުރީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި ތަހުގީގަށް ބިނާކޮށެވެ. އެ ކޮމިޝަނުން އޭނާ އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ވެސް ކުރި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ފަނޑިޔާރުންގެ ބަހެއް ހޯދި އިރު، އަމިއްލަ އަށް ރިޓަޔަވުމުގެ ވިސްނުންފުޅެއް ފަނޑިޔާރުންގެ ނެތް ކަން އެނގިވަޑައިގެންނެވި ކަމަށް ވެސް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކާ ބެހޭ ގޮތުން ވެސް ރިޕޯޓުގައި ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އަދި އެ މައްސަލަތައް ބަލައި ހައި ކޯޓުގެ ފަނޑިޔާރުން މަގާމުން ދުރުކުރަން ރިޕޯޓުގައި ޖޭއެސްސީ އަށް ވަނީ ލަފާ ދީފަ އެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް 65 މެމްބަރުންނާ އެކު އެމްޑީޕީ އަށް ލިބިފައިވާއިރު ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

ކްރީގްލާއަކީ، 1994 ވަނަ އަހަރު ދެކުނު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފައިވާ، ދެކުނު އެފްރިކާގައި ގާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.