އަލިފާން ނިއްވާ މީހުން ތަމްރީނުކުރަން ޔޫއޭއީން އެހީވަނީ

ރާއްޖޭގެ ފަޔަމަނުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު އިންސްޓިއުޓެއްގައި ތަމްރީނުކޮށްދޭން އެ ގައުމުން އެއްބަސްވެއްޖެ އެވެ.


ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޔޫއޭއީ އަށް މިހާރު ކުރައްވާ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު ސައިފް ބިން ޒައިދާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ސިފައިންގެ، އަލިފާން ނިއްވާ މީހުން ތަމްރީނުކޮށްދޭން ސައިފް ބިން ޒައިދު ހުށަހެޅުއްވި ކަމަށެވެ. ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބުގެ އެ ހުށަހެޅުއްވުމަށް ވަރަށް އުފާކުރައްވާ ކަަމަށް ޓްވީޓްގައި މާރިޔާ ވިދާޅުވި އެވެ.

އަލިފާން ނިވާ މީހުން ތަމްރީނުކޮށްދޭން ހުށަހަޅާފައި މިވަނީ ރާއްޖޭގައި އަލިފާނުގެ ބޮޑު ދެ ހާދިސާއެއް ވަރަށް ގާތްގާތުގައި ހިނގާފައި ވަނިކޮށެވެ. އޭގެ އެންމެ ބޮޑު ހާދިސާ އަކީ ހ.ތިލަަފުށީ ގޭގަގައި ހުރި ގުދަނެއްގައި ރޯވެ، ކައިރީގައި ހުރި އެހެން ގެތަކުގައި ރޯވުމެވެ. އެހާދިސާގައި އެކަކު މަރުވެ 400 ވަރަކަށް މީހުންނަށް އެހީތެރިކަން ބޭނުންވި އެވެ.

ދެވަަނަ ހާދިސާގައި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ، އެ ތަނުގައި ހުރި ތެޔޮ ބައުޒަރުތަކުގައި ވެސް ރޯވި އެވެ. އެހާދިސާގައި ނުވަ މީހަކު ފިހުނެވެ.

ރާއްޖޭގެ އަލިފާން ނިވާ މީހުން ތަމްރީނު ކުރުމަށާއި އަލިފާން ނިވަން ބޭނުންވާ އާލާތްތައް އިތުރުކުރުމަށް އެކުވެރި ގައުމުތަކުން އަންނަނީ ގިނަ އެހީތަކެެއް ވަމުންނެވެ. އެގޮތުން ޖަޕާން ސަރުކާރުން ވެސް ދާދިފަހުން ވަނީ އަލިފާން ނިއްވަން ބޭނުންކުރާ އުޅަނދުތަކެއް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.