ކުނިން ހަކަތަ އުފައްދާ މަޝްރޫއު އައްޑޫގައި ފަށަން ތައްޔާރުވެއްޖެ

ގްރީން ޓެކްސް ފަންޑުގެ ޚަރަދުގައި ކުނިން ހަކަތަ އުފައްދަން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


"ސްމޯލް ސްކޭލް ވޭސްޓް ޓު އެނަޖީ" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ފެށުމާ ގުޅޭ ގޮތުން، އެ މަސައްކަތް ހަވާލުކޮށްފައިވާ ދެކުނު ކޮރެއާގެ ލޮޓަސް-ކުންވާ ޖޮއިންޓް ވެންޗާ ކުންފުނީގެ އޮފިޝަލުންނާއި އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވަނީ އައްޑޫގައި އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އައްޑު އާއި ފުވައްމުލަކުގައި އުފެދޭ ކުނި މެނޭޖްކުރަން ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ގާއިމްކޮށް، އެ ތަނަށް ޖަމާކުރާ ކުނި ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓު މި މަޝްރޫއުގައި އުފެއްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރެއިން އެއް މެގަވޮޓް ސަޕްލައި ކުރާނީ ފެނަކައިގެ ޕަވަ ހައުސް އަށް ކަމަށާއި އަދި އަނެއް 500 ކިލޮވޮޓް ބޭނުން ކުރާނީ ކުނި މެނޭޖް ކުރާ ފެސިލިޓީ ހިންގަން ކަމަށް މިނިސްޓްރީން ބުންޏެވެ.

ޑިސެމްބަރު މަހު ފަށާ މި މަސައްކަތް ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއުގައި ކައުންސިލާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ލޮޓަސް-ކުންވާ ޖޮއިންޓް ވެންޗާ އާއި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗް މަހުގެ 18 ގަ އެވެ.