އިސްލާމްދީނާ ޚިލާފު ވާހަކަތަކުގެ މައްސަލާގައި އެމްޑީއެން ސަސްޕެންޑް ކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނުގެ ގަދަރާއި އިއްޒަތް ގެއްލޭ ގޮތަށް ވާހަކަތަކެއް ލިޔެފައިވާތީ މިއަދުން ފެށިގެން ޔޫތު މިނިސްޓްރީން އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފި އެވެ.


ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް، ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ލިޔެފައިވާތީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.

މީގެ ހަ އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ އެމްޑީއެން ސަސްޕެންޑް ކުރީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރާ އަށް ލިބިދޭ ބާރުތަކުގެ ދަށުން ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

އެމްޑީއެން ސަސްޕެންޑް ކުރުމާ ގުޅޭ ނޫސްބަޔާން

އެމްޑީއެން ސަސްޕެންޑް ކުރިއިރު، އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ، އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް ލިޔެފައިވާތީ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފުލުހުން ވެސް އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންނެވެ. އެކަމަކު، ފުލުހުން މިހާތަނަށް ފިޔަވަޅު އެޅި ކަމެއް ނޭނގެ އެވެ.

އެ ރިޕޯޓް ނެރުމުން ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް އެމްޑީއެންގެ ޗެއާޕާސަން ނޫޝިން ވަހީދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އަކީ އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި ރައީސް އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އެމްޑީއެންގެ ރިޕޯޓްގައި، ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ދީނުގެ އަސާސްތަކާއި އަގީދާ އާއި މުސްލިމުން ގަބޫލުކުރާ ބައެއް ކަންކަމާ މެދު ސުވާލު އުފައްދައި ހަޖޫ ޖަހާފައިވެ އެވެ. އަދިވެސް އެފަދަ އިތުރު ކަންކަން އޭގައި ވެ އެވެ.