ރާއްޖެއަށް އޮތީ ހަނި ފުރުސަތެއް، އިސްލާހު ނުވެއްޖެ ނަމަ ބާކީވާނެ: ޖަމީލް

ރާއްޖޭގެ ކަންކަން އިސްލާހު ކުރަން ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް(ސީމެގް) އިން ރާއްޖެއަށް ދީފައިވަނީ ހަނި ފުރުސަތެއް ކަމަށާއި އިސްލާހު ނުވެއްޖެ ނަމަ ރާއްޖެ ބާކީވެގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.


ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމަނައި، ރާއްޖޭގެ ބައެއް ކަންކަން އިސްލާހު ކުރަން ސީމެގްގެ އިއްޔެ ބައްދަލުވުމުގައި އަނެއްކާވެސް ރާއްޖެއަށް ވަނީ އަންގައިފަ އެވެ. އަންނަ އަހަރުގެ މާޗް މަހު ސީމެގްގެ ބައްދަލުވުން ބާއްވާއިރު އެކަންކަން އިސްލާހު ނުވާ ނަމަ ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ސީމެގުން ވަނީ ރާއްޖެއަށް ދީފަ އެވެ. އަޅާނެ ކަމުގެ އިންޒާރު ދިން ފިޔަވަޅުތަކުގެ ތެރޭގައި ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުން ވެސް ހިމެނެ އެވެ.

އިދިކޮޅު ފަރާތްތައް ހިމެނޭ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) ގެ ރައީސް ޖަމީލް ކުރެެއްވި ޓްވީޓެއްގައި ވަނީ ގާނޫނީ ވެރިކަމަށް ރުޖޫއަވާން ރާއްޖެއަށް ސީމެގުން ދިނީ ހަނި ފުރުސަތެއް ކަމަށާއި އެކަން އިސްލާހު ނުވެއްޖެ ނަމަ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ވަރަށް ބާކީވެގެންދާނެ ކަމަށެވެ.

ޖަމީލް ކުރި ދެވަނަ ޓްވީޓްގައިވަނީ ޑިމޮކްރަސީއަށް ގެއްލުން ދޭން ކުރާ މަސައްކަތުގެ ހިތި ނަތީޖާ އެންމެންނަށް ވެސް ކުރާނެ ކަމަށާއި އޭގެ ތެރޭގައި ވިޔަފާރިތައް ވެސް ހިމެނޭނެ ކަމަށެވެ. އެހެންވެ، މިއީ އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ވަގުތު ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސްގެ މަގާމު ފުރުއްވި ޖަމީލް ވިދާޅުވި އެވެ.

ސިޔާސީ އިދިކޮޅު ފަރާތްތައް މިިނިވަން ކުރުމާއި ޝަރުއީ ދާއިރާ އިސްލާހު ކުރުން ފަދަ ކަންކަން ހިމެނޭ ގޮތަށް ހަ ކަމެއް އިސްލާހު ކުރަން މިދިޔަ ފެބްރުއަރީ މަހު ވެސް ސީމެގުން ރާއްޖެއަށް އެންގި އެވެ. އޭރު އެންގި ކަންކަން އިސްލާހު ނުވާތީ، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ ސީމެގްގެ އިއްޔެގެ ބައްދަލުވުމުގައި، މުޅި ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށެވެ. އެކަމަކު ސީމެގުން ނިންމީ އިތުރު ފުރުސަތެއް ދިނުމަށެވެ.

ސީމެގްގެ އެޖެންޑާގައި ގައުމެއް ހިމަނައިފި ނަމަ އެ ގައުމަކަށް އެ ގްރޫޕުގެ ބައްދަލުވުންތަކުގައި ބައިވެރިއެއް ނުވެވޭނެ އެވެ. މީގެކުރިން ވެސް ދެފަހަރެއްގެ މަތިން ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނި އެވެ.