އައިއޭއެސް މި ދަނީ ކޮން ދިމާލަކަށް؟ ޖަވާބެއް ބޭނުން!

ގައުމީ އެއާލައިން ހިންގާ އައިއޭއެސްއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ފާޅުކުރަމުން ދާ ކަންބޮޑުވުންތަކާ އެކު، އެ ކުންފުނީގެ މިސްރާބު މިހާރު ހުރި ދިމާލާ މެދު، ބައެއް ތަޖުރިބާކާރުންގެ ހިތުގައި ވެސް ސުވާލުތައް އެބަ އުފެދެ އެވެ.


އެންމެ ބޮޑު ކަންބޮޑުވުން ގުޅިފައި އޮތީ އެއާބަސް އޭ330 މަރުކާގެ ދެ ބޯޓު ގެންނަން އުޅޭ ކަމަށް އައިއޭއެސް އިން ދާދި ފަހުން ބުނުމުންނެވެ. އެ ވާހަކަ އަޑުއިވުމުން ބައެއް ތަޖުރިބާކާރުންނަށް ލިބުނީ ހައިރާންކަމެކެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން "މިހާރު"އިން އިތުރު މައުލޫމާތު ހޯދަން ކުރި މަސައްކަތުން އެނގުނީ އައިއޭއެސްގެ އެތެރޭގައި ވެސް ކަންކަން ދަނީ ރަނގަޅަށް ނޫން ކަމެވެ.

އައިއޭއެސްގެ ބޯޑުގެ ބައެއް ނިންމުންތައް އެނގޭ މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ އޭ330 މަރުކާގެ ބޯޓުތައް ގެންނަން މިހާރުގެ ބޯޑުން ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ބޯޑުގެ އެއްވެސް މެމްބަރަކު ވާހަކަ ނުދައްކަވާތީ، އެ މައުލޫމާތުގެ ސައްހަކަން "މިހާރު"އަށް ކަށަވަރެއް ނުކުރެވެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ސިފަކުރާ ގޮތުގައި އޭ330 ގެ ބޯޓުތަކެއް ގެނެސް އޮޕަރޭޓްކުރުމުގެ ގާބިލްކަމެއް، ގައުމީ އެއާލައިންގައި ޓެކްނިކަލް ގޮތުންނާއި މާލީ ގޮތުން ވެސް ނެތެވެ. އެހެންކަމުން އެއީ "ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން" ކަމަށް ބައެއް މީހުން ބުނެ އެވެ.

އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ ފެތުރަމުން ދާ ވާހަކަތަކާ މެދު އެ ކުންފުނިން މިވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އިތުރު ވާހަކައެއް ނުދައްކަވަ އެވެ.

ބޭރުގެ ދަތުރުތަކުގައި މޯލްޑިވިއަން އިން މިހާރު ބޭނުންކުރަނީ 150 މީހުންގެ ޖާގައިގެ އޭ320 ގެ ބޯޓަކާއި 200 މީހުންގެ ޖާގައިގެ އޭ321 މަރުކާގެ ބޯޓެކެވެ. މި ބޯޓު ގެންދަނީ ޗައިނާ އަށް ވެސް ސީދާ ދަތުރުތައް ކުރަމުންނެވެ.

އެކަމަކު ސޯޝަލް މީޑިއާގައި ދާދި ފަހުން ފެތުރި މައުލޫމާތުތަކުން އެނގެނީ، އެ ދެ ބޯޓުން ރާއްޖެއަށް ދަތުރުކުރާ ޗައިނާގެ ޓޫރިސްޓުންގެ އަދަދު ވެސް މި ދުވަސްވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމެވެ. އެހެންކަމުން 300 މީހުންގެ ޖާގަ އޮތް އޭ330 މަރުކާގެ ދެ ބޯޓުތައް ގެނެސް، އިތުރު ބުރައެއް ގައުމީ އެއާލައިނުން އުފުލަން އުޅެނީ ކޮން ކަހަލަ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށްފައިތޯ ބައެއް މީހުން ސުވާލުކުރެ އެވެ.

އައިއޭއެސްގެ ރަސްމިއްޔާތެއްގައި މެނޭޖިން ޑިރެކްޓަރު ރިޒްވީ (ކ): ސޯޝަލް މީޑިއާގައި އުޅޭ ވާހަކަތަކާ މެދު އެއްޗެއް ވިދާޅެއް ނުވި -ފޮޓޯ:ނިޝާން އަލީ/މިހާރު

ރާއްޖޭގެ އެއްވެސް އެއާލައިނަކުން މިހާތަނަށް ވައިޑް ބޮޑީގެ މަތިންދާބޯޓެއް ގެނައި ކަން އެނގޭކަށް ނެތެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުން އައިއޭއެސްގެ ބޯޑު ބައްދަލުވުންތަކުގައި ބައެއް މެމްބަރުން ގެންދަނީ އެ ސުވާލުތައް ކުރަމުން. އެހާ ބޮޑު ގެއްލުމެއްގައި ދަތުރުކުރާ އިރު އިތުރު ބޯޓެއް ގެންނަން އުޅެނީ ކީއްވެތޯ ވެސް،" އައިއޭއެސްގެ އެތެރޭގެ މައުލޫމާތު ހުރި މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުރީގެ ބޯޑުން އެކަހަލަ ނިންމުމެއް ނިންމައިފައިވޭތޯ ބަލަން ވެސް މިހާރުގެ ބޯޑުގެ ބައެއް މެމްބަރުން ބޭނުންވެ އެވެ. އެކަމަކު އެކަހަލަ ރިޒޮލިއުޝަނެއް، މެނޭޖްމަންޓުން ފޯރުކޮށްދީފައި ނުވާ ކަމަށްވެ އެވެ.

އައިއޭއެސްގައި މާލީ ގޮތުން އެވަރުގެ ފުދުންތެރިކަމެއް ނެތް

ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އައިއޭއެސް މިހާރު އޮތް ފެންވަރުން އޭ330 ދެ ބޯޓާއި އޭ321 އަދި އޭ320 ގެ ބޯޓު، އެއްފަހަރާ، ދުއްވޭ ވަރެއް ނުވާނެ އެވެ. އެގޮތަށް އެކަން ކުރަން އުޅެފި ނަމަ ގައުމީ އެއާލައިނަށް ބޮޑެތި މައްސަލަތަކެއް ދިމާވެ، މުޅި އޮޕަރޭޝަނަށް ވެސް ގޮންޖެހުންތައް އަންނާނެ ކަމަށް އެ މީހުން ބުނެ އެވެ.

ބައެއް ތަޖުރިބާކާރުން ވަނީ މިސާލުތަކެއް ވެސް ދައްކައިފަ އެވެ. އެގޮތުން އައިއޭއެސްއަކީ އެވަރުގެ މާލީ ތަނަވަސްކަން ނެތް ކުންފުންޏަކަށް ވާ އިރު، އިންޑިއާ ސަރުކާރުން އެއާ އިންޑިއާ އަށް އަދި ސްރީ ލަންކާ ސަރުކާރުން ސްރީލަންކަންއަށް ދޭ ވަރުގެ ބޮޑެތި ސަބްސިޑީތައް ދިވެހި ސަރުކާރަށް އަބަދު ދެވިދާނެތޯ ސުވާލު އުފައްދަ އެވެ.

"ދެން ހިނގާ ޓެކްނިކަލް ގޮތުންނާއި ލިބެން ހުރި އިންފްރާސްޓްރަކްޗާއަށް ބަލަމާ. ހުޅުލޭގައި ނެތް އޭ320 ގެ ބޯޓެއް އެއްކޮށް ވައްދާނެ ތަނެއް ވެސް މެއިންޓަނަންސްއެއް ހަދަންޏާ. ދެން ކިހިނެއް އޭ330 ގެ ބޯޓުތައް ގެނެސް ރާއްޖޭގައި އޭގެ މެއިންޓަނަންސް ކަންތައް ކުރާނީ؟" ތަޖުރިބާކާރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

"ދެން ޖެހޭނީ ހަމަ ބޭރަށް ފޮނުވަން. އެއީ ބޮޑު ހަރަދެއް."

އޭގެ އިތުރުން އެވަރުގެ ބޯޓުފަހަރު ގެންގުޅެން ތަމްރީންކޮށްފައިވާ ޓެކްނިކަލް މީހުން ވެސް ނެތް ކަމަށް، އައިއޭއެސް އާއި ރާއްޖޭގެ އެހެން އެއާލައިންތަކުގެ ހާލަތު ވެސް އެނގޭ، ތަޖުރިބާކާރުން ބުނެ އެވެ.

ޗައިނާގެ ބައެއް ސެކްޓަރުތަކަށް މިހާރު އޮތް ދެ ބޯޓުން ކުރާ ދަތުރުތަކަށް ވެސް ޓޫރިސްޓުން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް، ސޯޝަލް މީޑިއާގައި ފަތުރާ މައުލޫމާތުތަކުން ދައްކަ އެވެ. އެގޮތުން މިދިއަ ތިން މަސް ދުވަހު 1.9 މިލިއަން ޑޮލަރު (29.2 މިލިއަން ރުފިޔާ) ގެ ގެއްލުމެއް، ޗައިނާ ކުންފުނިން އުފުލަން ޖެހުނު ކަމަށްވެ އެވެ.

އައިއޭއެސްގެ އެތެރޭގެ މައުލޫމާތު އެނގޭ މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ އެއީ ރަނގަޅު މައުލޫމާތުތަކެއް ކަމަށެވެ.

އައިއޭއެސް އިން ޗައިނާއަށް ސީދާ ދަތުރުތައް ކުރަނީ ޗައިނާގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ދެ ބޯޓުން ވެސް ގޮނޑިތައް ވިއްކައިގެންނެވެ. އެހެންކަމުން ބޯޓުތައް ހުސްކޮށް ދަތުރުކުރިޔަސް، ޗައިނާ ކުންފުނިން އައިއޭއެސްއަށް ފައިސާ ދައްކަން ޖެހެ އެވެ. އާ ސަރުކާރުން އައިއޭއެސްއާ ހަވާލުވި މެނޭޖްމަންޓުން ވަނީ، "މިހާރު"އަށް އެނގިފައިވާ ގޮތުގައި، ކުރިން އައިއޭއެސްއާ އެކު އެގްރިމެންޓް ހަދާފައި އޮތް ކުންފުނީގެ ބަދަލުގައި އެހެން ބަޔަކާ އެކަން ހަވާލުކޮށްފަ އެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ބޮޑު ގެއްލުމަކާ ކުރިމަތިވަންޏާ ޗައިނާ ކުންފުނިން ވެސް ވަކި ހިސާބަކުން "ސަލާމަތްވުމުގެ މަސައްކަތް ފަށާނެ" އެވެ. އެކަހަލަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އައިއޭއެސްގެ ބޯޓުތައް އޮޕަރޭޓްކުރަން ބޮޑެތި މައްސަލަތައް ދިމާވާނެ ކަމަށް އެ މީހުން ބުނެ އެވެ.

"ބޯޓުތައް މި ހުންނަނީ ގަނެފައެއް ނޫން، ކޮންމެވެސް ކުންފުންޏަކުން ލީސްކޮށްފައި. އެއީ ވެސް ވަކި މުއްދަތަކަށް. އެ މުއްދަތުގެ ކުރިން އެ އެއްޗެހި ހަވާލުކުރަންޏާ، އައިއޭއެސް އުފުލަން ޖެހޭ ބުރަ ބޮޑުވާނެ،" އެއް ތަޖުރިބާކާރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި މޯލްޑިވިއަން އިން މިހާރު ދުއްވާ އެއާބަސްގެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގެ ލީސް ހަމަވާން އަދި ހަތް އަހަރު، އަނެއް ބޯޓުގެ ތިން އަހަރު އެބަ އޮތެވެ.

އައިއޭއެސް ރަނގަޅު ކުރަން ޖެހޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައިއޭއެސްއަށް ސިޔާސީ ބޮޑެތި ނުފޫޒުތަކެއް ފޯރުވި ކަމަށް ބުނެ، އޭރުގެ އިދިކޮޅު ފަރާތްތަކުން އަޑު އުފުލި އެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބުގެ ތެރޭގައި ފަހުން ލާރި ދައްކާ ގޮތަށް، ޕީޕީއެމްއަށް އެތައް މިލިއަން ރުފިޔާއެއްގެ ކްރެޑިޓް، އައިއޭއެސް އިން ގެންގުޅެމުން އައި އުސޫލުތަކާ ހިލާފަށް، ދިން ކަމުގެ އަޑުތައް ވެސް އެރި އެވެ. އެންމެ ފަހުން ކޯޓަށް ގޮސްގެންނާއި އެކި ގޮތްގޮތުން ކުރި މަސައްކަތުން ޕީޕީއެމުން މިހާރު ވަނީ އެ ފައިސާ ދައްކާ ހަލާސްކޮށްފަަ އެވެ.

ސިޔާސީ އެކަހަލަ ނުފޫޒާއި ނާޖާއިޒް ފައިދާތަކެއް ވެރިކަމުގައި އޮންނަ ޕާޓީތަކުން އައިއޭއެސް ކަހަލަ ކުންފުނިތަކުން ނެގުމަކީ ބޮޑު މައްސަލައެކެވެ. އަދި އާ ސަރުކާރާ އެކު ހުރިހާ ކުންފުންޏެއްގެ ހިންގުން ވެސް، ކުރިއަށް ވުރެ ރަނގަޅުވާނެ ކަމަށް، ގިނަ މީހުން އުއްމީދުކުރެ އެވެ.

މޯލްޑިވިއަން އަކީ އެތެރޭގެ އުދުހުންތަކުގެ އެންމެ ބޮޑު އެއާލައިން

އައިއޭއެސްގެ އާ މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހޭ މީހުން އެ ކުންފުނީގެ ތެރޭގައި އެބަ އުޅެ އެވެ. އެކަމަކު މިހާރު ދިމާވެގެން މި އުޅެނީ، ބައެއް މީހުން ބުނާ ގޮތުގައި، މެނޭޖްމަންޓާ މެދު އޮތް ހިތްހަމަނުޖެހުމުގެ އުދާސްތަކެއް ނޫނެވެ. އާ މެނޭޖްމަންޓުން ކުރަން އުޅޭ ކަންކަމުން ނުކުމެދާނެ ނުބައި ނަތީޖާއަކާ މެދު އޮތް ކަންބޮޑުވުންތަކެކެވެ.

"އައިއޭއެސް އަކީ 1200 މީހުން ވަޒީފާ އަދާކުރާ ތަނެއް. އެއީ ގައުމީ އެއާލައިން. ޓޫރިޒަމް ސެކްޓަރުގައި އެތެރޭގެ އުދުހުންތަކުގެ އެންމެ ބޮޑު އެއާލައިން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ މައުލޫމާތު ހުރި ތަޖުރިބާކާރަކު، ބުންޏެވެ.

"އާ ކަމެއް ފަށަންޏާ ވަރަށް ވިސްނައިގެން ކުރަން ޖެހޭނީ. މާލީ ގޮތުން ވެސް ވާނެ ކަމެއްތޯ. އަޅުގަނޑަކަށް ހިއެއްނުވޭ މިހާރު މި އޮތް ވާދަވެރިކަމުގައި ވައިޑް ބޮޑީގެ ބޯޓުތަކެއް ގެނެސްގެން ހިފެހެއްޓޭނެއޭ."

އައިއޭއެސްގެ ބޯޑު މެމްބަރުންގެ ތެރޭގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އޮތްކަން، "މިހާރު"އާ ވާހަކަ ދެއްކި މީހުންގެ ވާހަކަތަކުން ލަފާކުރެވެ އެވެ. އެކަމަކު ބޯޑުގެ އެއްވެސް މެމްބަރަކު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ނުވާތީ، ހިޔާލު ތަފާތުވެގެން އުޅޭ މައިގަނޑު މައްސަލަތައް އެނގޭ ގޮތެއް ނުވެ އެވެ.

އައިއޭއެސްގެ ބައެއް ނިންމުންތައް އެނގޭ މީހަކު ބުނީ މި ފަހުން ނިންމާފައިވާ ބޮޑެތި ބައެއް ނިންމުންތަކަށް ބޯޑުގެ ރުހުން ހޯދާފައި ނުވާ ކަމަށެވެ. އެކަންކަމާ މެދު ބޯޑުގެ ބައެއް މެމްބަރުން ސުވާލުކުރުމުން ކުންފުނީގެ މިހާރުގެ ވެރިން ވިދާޅުވަނީ އެއީ ކުރީގެ ބޯޑުން ނިންމާފައިވާ ކަންތައްތަކެއް ކަމަށް ވެސް، އޭނާ ބުންޏެވެ.

އައިއޭއެސްގެ މިހާރުގެ ސިޔާސަތުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ އިރު ކުންފުނިން ރަސްމީކޮށް އާންމުންނަށް މައުލޫމާތު ދޭން ޖެހޭނެ ކަމަށް، އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.

"މޯލްޑިވިއަން އަކީ ގައުމީ އެއާލައިން ނޫންތޯ؟ ސަރުކާރުން ވެސް ވަރަށް ބޮޑަށް އޭގެ ތެރެއަށް ވަންނަން ޖެހޭނެ، އާންމުންގެ ތެރޭގައި އަޑުތަކެއް އުޅެންޏާ،" ސޯޝަލް މީޑިއާގައި އުޅޭ ވާހަކަތަކާ މެދު ސުވާލުކުރުމުން "މިހާރު"އާ ވާހަކަ ދެއްކި ތަޖުރިބާކާރަކު ބުންޏެވެ.

އާ ސަރުކާރާ އެކު އައިއޭއެސް ދަނީ ރަނގަޅު މިސްރާބަކަށްތޯ ނުވަތަ ރިސްކް ބޮޑު ދިމާލަކަށްތޯ، މިހާރު މި އޮތީ ޔަގީންކޮށްދޭން ޖެހިފަ އެވެ. އެހެންކަމުން ސޯޝަލް މީޑިއާއިން ފަތުރާ އަޑުތަކާ މެދު، އައިއޭއެސް އާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އެއްޗެކޭ ބުނަން ޖެހެ އެވެ. އެއާ މޯލްޑިވްސް ބަނގުރޫޓުވި ގޮތް ދިވެހިންގެ ހިތުން އަދި ފިލައިގެން ނުދެ އެވެ. އެއީ ވެސް ގާބިލްކަން ނެތް ކަންކަމާ އުޅެން ހަދައިގެން ލިބުނު ބޮނޑިއެއްކަން، ތާރީޚުން ހެކި ދެ އެވެ.