ފުށިދިއްގާ ހިންގުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް

މިލްކުވެރިކަން ސާބިތުކުރުމުގެ މައްސަލައެއް ކޯޓުގައި ހިނގަމުންދާ އދ. ފުށިދިއްގާގައި ގަވާއިދާ ޚިލާފަށް ޓޫރިސްޓުން ބައިތިއްބައި މަންފާ ހޯދި މައްސަލަ ތަހުގީގުކޮށްދޭން ޓޫރިޒަމް މިނިސްޓްރީން ފުލުހުންނަށް މިރޭ ހުށަހަޅައިފި އެވެ.


ސަރުކާރުގެ ރަސްމީ އިދާރާއަކަށް ނޭނގި ފުށިދިއްގާ އަށް ޓޫރިސްޓުން ގެންގޮސް މާލީ މަންފާ ހޯދަމުންދާ ކަމަށް ފެންމަތިވި މައްސަލައަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނާއި ފުލުހުން މިއަދު ވަނީ އެ ރަށަށް ގޮސް ކަން ހިނގި ގޮތް ބަލައިފަ އެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ގަވާއިދާ ޚިލާފަށް ކަންތައްތަކެއް އެ ރަށުގައި ހިންގާފައިވާތީ އެކަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ރަށް ވެސް މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީ އާއި ފުލުހުންގެ ޓީމު އެ ރަށަށް ދިޔައިރު އެތަނުގައި ތިބީ ދެ ބިދޭސީންނެވެ. އެ މީހުންގެ އަތުގައި ވޯކްޕާމިޓެއް ވެސް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ ރަށާ މެދު އަމަލުކުރާނެ ގޮތަކާ މެދު ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށެވެ.

މިނިސްޓްރީން ތުހުމަތު ކުރާ ގޮތުގައި އެ ރަށަށް ޓޫރިސްޓުން ގެންގޮސް ފައިދާ ހޯދަމުން ދިޔައީ، މ. ހަސްތީ، އަހްމަދު ޚަލީލަށެވެ. ސަރުކާރުން ކުރިން ހިންގި ސީއެސްއާރު މަޝްރޫއުގެ ދަށުން 2011 ގައި ފުށިދިއްގާގައި ރިސޯޓެއް ހެދުމަށް އޭނާ ހުށަހެޅި އެވެ. އެ ހުށަހެޅުން ސަރުކާރުން އޭރު ގަބޫލު ކޮށްފައި އޮތަސް، އެކަމުގެ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރަން ސަރުކާރުން ފަހުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ގަވައިދާ ހިލާފަށް މާލީ މަންފާ ހޯދި ފުށިދިއްގާ-- ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ

މި މައްސަލަ ޚަލީލް، ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ އޭނާގެ ކޮޅަށެވެ. އެކަމަކު ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރުމުން ނިމުނީ ދައުލަތާ އެއްކޮޅަށެވެ. ސުޕްރީމް ކޯޓުން ވެސް ވަނީ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

"އަހުމަދު ހަލީލާ އެކު އެއްވެސް ސަރުކާރަކުން ހެދި އެގްރީމެންޓެއް ވެސް ނެތް. އަދި އަހުމަދު ހަލީލު އެ ތަނުގަ ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް ދޫކުރި ލައިސެންސެއް ނެތް. އެހެންވީމަ ގާނޫނާ ހިލާފު ކަންތަކެއް ނުކުރެވޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފަށް އެއްވެސް މީހަކަށް ރިސޯޓެއް ނުހިންގޭނެ އެވެ. ފުށިދިއްގާގެ މައްސަލަ ސަމާލުކަމަށް އައިތާ 24 ގަޑި އިރުގެ ތެރޭގައި ހުއްޓުވާފައިވާ އިރު އެކަމުގައި ޓޫރިޒަމް މިނިސްޓްރީގެ އިހުމާލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއަށް ރާއްޖޭގެ ހުރިހާ ރަށެއް ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ ކަންކަން ހުއްޓުވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްރަށުގެ ކައުންސިލްތަކަށް ބާރުތައް ދީގެން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ފުށިދިއްގާ ދެ ކުންފުންޏަކަށް ދޫކުރި އެވެ. އެއީ، ބޭރުގެ ކުންފުންޏެއް ކަމުގައިވާ މޯލްޑިވިއާނާ އާއި އެޗްއެމްއެޗެވެ. މި ދެ ކުންފުނިން ވެސް ފުށިދިއްގާ ހޯދަން ސަރުކާރަށް ފައިސާދައްކާފައި ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް ޓޫރިޒްގެ މާލީ މަންފާ ހޯދި ފުށިދިއްގާ-- ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ

ރިސޯޓު ތަރައްގީ ކުރުމަށް ތިން މިލިއަން ޑޮލަރަށް އެޗްއެމްއެޗަށް ފުށިދިއްގާ ދޭން ނިންމި ނަމަވެސް ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ކުންފުނިން މިހާތަނަށް ދައުލަތަށް ދެއްކީ 1.3 މިލިއަން ޑޮލަރެވެ. އަދި މޯލްޑިވިއަނާ އެކު ހިންގާފައިވާ މުއާމަލާތްތަކުގައިވާ ގޮތުން ސަރުކާރުން އޭރު އެދުނު އަދަދު ކަމުގައިވާ ހަ ލައްކަ ޑޮލަރު އެކުންފުނިން ކަނޑައެޅި މުއްދަތުގައި ދައްކާފައިވެ އެވެ.

މި މުއާމަލާތްތައް ހިންގާފައިވަނީ އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުރި ދުވަސްވަރުގަ އެވެ.

"މިރަށް ހައްގުވަނީ ކޮން ބައެއްކަން އަދި ނުނިންމޭނެ. އަޅުގަނޑުމެންގެ ދިރާސާކޮށް އެޓާނީ ޖެނެރަލް އޮފީހާއި ދައުލަތުގެ މުއައްސަސާތަކާ އެކު ބަލާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

މިކަމުގައި ގޮތެއް ނިންމުމުގައި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތްތައް ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.