ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން: ޖިންސީ ޝިކާރައަކަށް ވި މީހުންނަށް އިންސާފު ހޯދައިދޭން އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުން. --ފޮޓޯ/މިހާރު
20 އޮކްޓޯބަރ 2019 - 14:39
ޖިންސީ ގޯނާގެ ޝިކާރައަކަށް ވެ އެތައް އަހަރެއް ހޭދަކުރަން ޖެހުނު ގިނަ ކުދިން (މިހާރު 18 ފުރިފައިވާ އަންހެނުން) ތަކަކަށް އިންސާފު ހޯދައިދިނުމަށް މުއައްސަސާތަކުން ފިޔަވަޅު އެޅުން ލަސް ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މެދުތެރޭގެ ރަށަކަށް ނިސްބަތްވާ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ 2006 ގައި ފެންމަތިވެ ދައުލަތުން ދައުވާކޮށް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން މި މަހުގެ 1 ގައި ނިންމީ ދައުވާ ސާބިތު ނުވާ ކަމަށެވެ. އެއީ މިހާރުގެ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއާތުގެ ގާނޫނު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލްތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ކުރިން ހުށަހެޅި މައްސަލައަކަށް ވުމާއި އެ މައްސަލަ ސާބިތު ކުރަން އޭރުގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައިވާ މިންވަރަށް ހެކި ނެތުމުން ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
ޖީހާން "މިހާރު" އަށް ވިދާޅުވީ މައްސަލައިގެ ސީރިއަސްކަން އެނގިވަޑައިގަތުމާ އެކު ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހަޅުއްވައި އެކަމާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި ކޮމިޓީން މަޝްވަރާކުރި ކަމަށެވެ. އެ މީހުންނަށް އިންސާފު ހޯދައިދޭން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ވަގުތުން ފަށަން ކޮމިޓީން ވަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކުގައި އެދިފަ އެވެ.
އެ މައްސަލައިގެ ހުކުމް ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް އިންސާފު ހޯދައި ދިނުމުގެ މަސައްކަތް ކުރިއަށްދާ މިންވަރު އޭނާ އަށް ލަސް ކަމަށް ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު އަދި މިހާރު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހުކުމާ އެކު ތުހުމަތު ކުރެވުނު މީހާ ސަލާމަތްވުމުން ޖިންސީ ޝިކާރައަކަށް ވި މީހުންނަށް ބިރު އެބައޮތެވެ. އަވަސް ފިޔަވަޅުތަކެއް އަޅަން ކޮމިޓީން މުއައްސަސާތަކުގައި އެދުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދުގެ ކޮމިޓީގައި ވެސް އަޅުގަނޑުމެން އެ މައްސަލަ ކުރިއަށް ގެންދާނަން،" ޖީހާން ވިދާޅުވި އެވެ.
ޖީހާން ވިދާޅުވީ ކުރިން ބޭއްވި ބައްދަލުވުމުގައި ވަކިވަކިން މުއައްސަސާތަކަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަަމަށެވެ. ޖެންޑާ މިނިސްޓްރީގައި ކޮމިޓީން އެދުނީ އެ މީހުންނަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް އަދި އެހެނިހެން އެހީތެރިކަން ބޭނުންވާ ނަމަ އެކަމެއް ފޯރުކޮށް ދިނުމަށެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައި ވަނީ ޖިންސީ ގޯނާގެ މައްސަލަ ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ކުރެވެން އޮތް ނަމަ ގާނޫނީ އިމުގެ ތެރެއިން އެކަން ބަލައި ފިޔަވަޅު އަޅައި ދިނުމަށެވެ. މީގެ އިތުރުން ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެ މައްސަލަ ބަލައިދޭން ކޮމިޓީން އޮތީ އެދިފަ އެވެ.
ޖީހާން ވިދާޅުވީ އިންސާފު ނުލިބި ދިގުލައިގެން ދިޔަ މި މައްސަލައިގައި އިންސާފު ހޯދައިދޭން ކޮމިޓީ އަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމަށެވެ.
ކޯޓުން ކުށް ސާބިތު ނުވާ ކަމަށް ނިންމި މީހާ ގިނަ ކުދިންތަކަކަށް ޖިންސީ އަނިޔާކުރީ ގުރުއާން ކިޔަވައިދޭން ގެންގޮސްގެންނެވެ. ފުރަތަމަ މިސްކިތުގައި ކްލާސްތައް ހިންގި އިރު އެކި ކުދިންނަށް އަނިޔާކޮށް، ފަހުން އޭނާގެ ގޭގައި ކްލާސްތައް ނަގައިދިން އިރު ވެސް އެކަން ހިންގަމުން ދިޔަ ކަމަށް ދައުލަތުން އޭނާގެ މައްޗަށް ހުށަހެޅި ދައުވާގައިވެ އެވެ.
އޭނާއާ ދެކޮޅަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ އެ އަމަލު ހިންގާފައިވާ ގޮތަށް ބަލާ އިރު ކުދިންގެ ބަޔާންތަކުން އެކަން އެއްގޮތް ވާތީ އާއި އެ އުމުރުގެ ކުދިންތަކަކަށް ރާވައިގެން، އެހާ ތަފްސީލުކޮށް ކިޔައިދޭން އެނގޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް ދައުވާ އުފުލީ ގާނޫނު ނަމްބަރު 24/76 (ހެއްކާ ބެހޭ ގާނޫނު)ގެ ހަ ވަނަ މާއްދާގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީފުޅު
20 October 2019
ޖީހާން އަކީ ވަރަށް ކުޅަދާނަ ކަންކަން އިސްލާޙް ކުރުމަށް މަސައްކަތްޕުޅު ކުރައްވާ ބޭކަނބަލެއް
މަޒް
20 October 2019
ސާބިތު ނުވާ މައްސަލައެއްގައި އަނެއްކާ އަނިޔާ ލިބުން މީހުންނަށް ބިރުވެރިއޭ ކިޔާފަ ތި ކިޔަނީ ކީކޭ.. ސާބިތު ނުވިއަސް ކުށުގެ ތުހުމަތު ކުރެވުނު މީހާ ފަހާ ދުވެ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވިޔަސް އެމީޙަކު އޮބަހައްޓަން ޖެހޭތަ؟ ފަހަރުގައި އެމީހާއަށް އެހެން މީހަކު ލަނޑެއް ދޭންވެގެން އެ ތުހުމަތު އެޅުވީކަމަށްވެސް ވެދާނެދޯ.. ދިވެހިން މިތިބީ އެހާ ނުބައި ފައްތަރެއްގައި..
ޒިނާ
20 October 2019
ތިބުނާ ކަ މެއް ހިނގާފައިވަނީ ޖީހާން ހިއު މަން ރައިޓްސް ކޮ މިޝަންގެ މެމ މްބަރަކަށް ހުއްޓާ. މިހާރު ތިބުނަނީ އެ މީހުނަށް އިންސާފު ނުލިބުނު ނޫނީ ލަސްވާ ސަބަބު ބަލަނީޔޯ. އެހެންވީ މަ ފުރަތަ މަ ކުރަންވީ ކަ މަކީ މިހާރު ތިހުރި މަގާ މުން އިސްތިއުފާ ދިނުން. ދެން އެއިރު ތިކަން ނުބެލި މައްސަލަ ތަހުގީގު ކޮށްދިނު މަށް އެދި ފުލުހަށް ހުށަހެޅުން.
ޖައިސާމް
21 October 2019
ތީ ބޮޑު ދޮގެއް.
ރާއްޖެތެރޭއިބުރޭ
20 October 2019
ޖީހާން ގެ ވިސްނުން ހުރިގޮތުން ތިކަން ދީނީ ކަމަކަށް ހަދާފަ ގައުމު ހަލަބޮލި ކުރަން ހުރިހެެެެެެެެެެެެެެެެެެން ހީވޭ
ޖިންނި
20 October 2019
ޕީޖީގެ މައްސަލަ ކޮމިޓީން ބޭރުކޮއްލަން ޖީހާން އަވަސް. މިހެންވެސް ޖަހާލަ ދެއްވާ
ބަބުރަންޖީ ހާޖީ
20 October 2019
ހިއުމަންރައިޓު ކޮމިޝަނަރުކަމަގައި ހުރިއިރު އެކަން އަވަސްކުރަންނޫޅުނީ ކީއްވެ؟