ބެންގަލޫރުން ކޮޗިންއަށް، 11 ދިވެހިން ގޮވައިގެން ދަތުރުކުރި ވޭނެއް އެކްސިޑެންޓްވެ، އިންޑިއާ ދެ ޑްރައިވަރުންގެ ތެރެއިން އެކަކު އިއްޔެ މަރުވެއްޖެ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ ވޭނުގައި، އެހެން ވެހިކަލެއް ގޮސް ޖެހުނީ، ބެންގަލޫރު ނިސްބަތްވާ ކަރުނާޓަކާ ސްޓޭޓާ ޖެހިގެން އޮންނަ ޓެމިލް ނާޑޫ ސްޓޭޓްގެ ސަރަހައްދެއްގަ އެވެ.
މަރުވި އިންޑިއާ ޑްރައިވަރު، ޝާންތަން އަކީ، ކޮޗިންއާ ކައިރީގައި އޮންނަ ކޮޑުންގަލޫރަށް ބޭހަށް ދާ ދިވެހިން އެކި ތަންތަނަށް އުފުލުމުގައި ހަރަކާތްތެރިވި މީހެކެވެ. ކޮޑުންގަލޫރުގައި ހުންނަ މަޝްހޫރު ކްރާފްޓް ހޮސްޕިޓަލަކީ ދަރިމައިވުމުގެ މައްސަލަތަކަށް ފަރުވާ ހޯދަން މިހާރު އެންމެ ގިނަ ދިވެހިން ދާ އެއް ހޮސްޕިޓަލެވެ.
މައުލޫމާތު ހުރި މީހަކު ބުނީ މި ނުރައްކާތެރި އެކްސިޑެންޓްގައި ދިވެހިންގެ ދެ މީހެއްގެ އަތަށް އަނިޔާވި ކަމަށެވެ. ނަމަވެސް ޝާންތަން ނޫން އެހެން މީހަކަށް، ފުރާނައަށް ގެއްލުންވާ ވަރުގެ ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށްވެ އެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދެނީ އެކްސިޑެންޓްވި ހިސާބުގައި ހުރި ހޮސްޕިޓަލެއްގަ އެވެ.
އެކްސިޑެންޓްވި އިރު ދުއްވަން އިނީ ޑްރައިވަރަށް ވެސް މާ ބޮޑު ގެއްލުންތަކެއް ލިބުނު ކަމަކަށް ނުވެ އެވެ. ޝާންތަން އެވަގުތު އިނީ އެހީތެރިއެއްގެ ގޮތުގަ އެވެ. އެކްސިޑެންވި ވެހިކަލް ޖެހުނީ ޝާންތަން އިން ފަޅީގަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި ވޭން އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ބެލެވޭ ގޮތުގައި މި ދަތުރުގައި ބައިވެރިވި މީހުންނަކީ، ބޭސްފަރުވާއަށް ކޮޑުންގަލޫރުގައި ތިބި ބައެކެވެ. ނަމަވެސް މި އެކްސިޑެންޓްގެ މައުލޫމާތު ރާއްޖޭގެ ރަސްމީ އެއްވެސް ފަރާތްތަކުން ހާމަނުކުރާތީ، ނުވަތަ ލިބިފައި ނުވާތީ، އޭގައި ތިބީ ކޮން ބޭނުމަކު އިންޑިއާއަށް ގޮސް އުޅުނު ބައެއްކަން ކަށަވަރުވާ ގޮތެއް ނުވެ އެވެ.
މައުލޫމާތު ހުރި އެކަކު ބުނީ، ކޮޑުންގަލޫރުގައި ދިވެހިންނަށް އެހީތެރިވާ އިންޑިއާ މީހަކު، އެކްސިޑެންޓް ވި ހިސާބަށް މިހާރު ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ، އެކްސިޑެންޓްވި ވޭނުގައި އޭނާގެ އެހީތެރިކަމުގައި ކޮޑަންގަލޫރުގައި ތިބި ބަޔަކު ވެސް ދަތުރުކުރި ކަމެވެ.