ހައްޔަރުކުރީ "ޓެރަރިސްޓެއް" ކަމަށް ތުހުމަތު ކުރެވޭ އަމީން

ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރީ "ޓެރަރިސްޓެއް" ކަމަށް އެމެރިކާ އިން ތުހުމަތު ކުރާ މުހައްމަދު އަމީން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


ފުލުހުން ހިންގި ޚާއްސަ އޮޕަޜޭޝަނެއްގައި އަތުލައިގަތް އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިޔަ އޯގަސްޓް މަހު އެވެ.

އުމުރުން 35 އަހަރުގެ އަމީނަށް ފުލުހުން ކުރާ އެއް ތުހުމަތަކީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ރެކްރޫޓް ކުރުމެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތެއް ދިވެހި ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅުނު މީހެކެވެ. އޭރު އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނުނެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލައިފަ އެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.

ޓެރަރިސްޓުންގެ ލިސްޓެއް އެމެރިކާ އިން ހަދަން ފެށީ، އެ ގައުމަށް ސެޕްޓެމްބަރު 11، 2001 ގައި ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު އެވެ.

އެމެރިކާ އިން ބުނި ބުނެފައިވާ ގޮތުގައި، އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސް އަށް މަސައްކަތް ކޮށްދޭ މީހެކެވެ. ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވެ އެވެ.

އެމެރިކާ އިން ބުނެފައިވަނީ އަމީނަކީ އައިސިސްގެ އިރާގު ގޮފި (އައިސިސް-ކޭ) އަށް ހަނގުރާމަވެރިން ރެކްރޫޓްކުރާ މީހެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހާ ހަމައަށް ވެސް އަމީނަކީ އައިސިސް އަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން އަންނަ މީހެއްކަން އެނގޭ ކަމަށާއި އޭނާގެ މި މަސައްކަތުގައި އެހެން މީހުން ވެސް ބައިވެރިކުރާ ކަމަށް އެމެރިކާ އިން ބުންޏެވެ. އަމީންގެ ބައިވެރިން ހަނގުރާމަވެރިން ހޯދަން ހަފުތާ އަކު 10 ވަރަކަށް ބައްދަލުވުން ބާއްވާ ކަމަށާއި އޭގެ ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާކަން އެމެރިކާ އިން ހާމަކޮށްފައިވެ އެވެ.

ޓެރަރިޒަމްގެ ކުށްތައް ހުއްޓުވަން ޚާއްސަ ބާރުތަކެއް ފުލުހުންނަށް ލިބޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް މި މަހު ގެނައި އިސްލާހުގައިވާ ގޮތުން ސަރުކާރުގެ ހުއްދަ ނެތި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމަކީ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން ވަނީ ޓެރަރިސްޓު ޖަމާއަތްތަކަކީ ކޮބައިކަން ވެސް ކަނޑައަޅައިފަ އެވެ.

ސީރިއާ ގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގޮސްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އެ ގައުމުގެ އެކި ކޭމްޕަތަކުގައި ތިބި އެ މީހުން ރާއްޖެ ގެނެވޭތޯ ބަލަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ސީރިއާގެ ހަނގުރާމައިގައި ބައިވެރިވި ގިނަ ދިވެހިންތަކެއް މަރުވެފައިވެ އެވެ. އެކަމަކު ސައްހަ އަދަދެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް މިހާތަނަށް ސާފެއް ނޫނެވެ