ބިން ހިއްކަން ނެދަލެންޑްސްގެ ބޭންކުން ލޯނު ހަމަޖެހުނު، ފުރުސަތު ދޫކޮށްލީ މާލީ ބުރަ އަޅުވަން ބޭނުން ނުވުމުން: މުއިއްޒު

މި ސަރުކާރުން ބުނާ ނެދަލެންޑްސްގެ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ލިބުނު ކަމަށާއި އެކަމަކު އެ ފުރުސަތު ދޫކޮށްލީ ރައްޔިތުންގެ ބޮލުގައި މާލީ ބުރައެއް އަޅުވަން ބޭނުން ނުވުމުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.


ގުޅިފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ބީލަމަށް ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ނެދަލެންޑްސްގެ ބޮސްކާލިސްއާ މި ސަރުކާރުން ހަވާލުކުރީ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން އެ މަޝްރޫއު ހިންގަން ބޭނުންވުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވީ، ދެފުށް ފެންނަ ގޮތަށް އެކަން ނުކޮށް ނުވަތަ ބީލަމުން ބޭރުން އެ މަޝްރޫއު ބޮސްކާލިސްއާ ހަވާލުކުރުމުން ކުރިމަތިވެފައިވާ ބޮޑެތި ފިއްތުންތަކާ ގުޅިގެން ބޭއްވި ނިއުސް ބްރީފިންއެއްގަ އެވެ.

އަމީރުގެ އެ ވާހަކަތަކާ ގުޅިގެން، ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، ނެދަލެންޑްސްގެ އެ ބެންކުން ލޯން ނަގައިގެން ރަށްތަކެއް ހިއްކުމުގެ ފުރުސަތު އޭރު ދޫކޮށްލީ، އަމިއްލަ އަށް އެފަދަ މަޝްރޫތައް ހިންގުމުގެ ބޭނުމުގައި ކަމަށެވެ.

"ރައްޔިތުންގެ ބޮލުގައި މާލީ ގޮތުން އެޅިގެންދާ ބުރަ ބޮޑުކަމުން އެގޮތަށް އެކަން ނުކުރަން ނިންމީ. އަދި އަމިއްލަ ފައިމަށްޗަށް ތެދުވެގެން ކުރަން ނިންމީ،" ޔާމީންގެ ސަރުކާރުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި އިސްކޮށް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ކުރެއްވި ޓްވީޓް---

ޑަޗް އައިއެންޖީ ބޭންކަކީ އެހެން ގައުމުތަކުގެ އެގްޒިމް ބޭންކްތަކެކޭ އެއްގޮތަށް، އެ ގައުމެއްގެ ކުންފުންޏަކާ މަސަައްކަތް ހަވާލުކުރަން ޝަރުތު ކުރާ ބޭންކެކެވެ.

ޔާމީންގެ ސަރުކާރުގައި އެމްޓީސީސީން ވަނީ ހިއްކުމުގެ މަޝްރޫތަކަށް މަހާ ޖައްރާފް ނަމުގައި އުޅަނދެއް ބަނދެފަ އެވެ. އެ ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ އެވެ.

ޑްރެޖަރާ އެކު، ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ހަލުވިވެ، އެމްޓީސީސީން އޭރު ބުނިގޮތުގައި، ރާއްޖެ އާއި ބޭރު ގައުމުތަކުގައި ވެސް ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ އެވެ. އެ ޑްރެޖަރުން ރާއްޖޭގެ ގިނަ ފަޅުތަކެއް ވަނީ ހިއްކައިފަ އެވެ.