ރާއްޖޭގައި، އީ-ސިނގިރެޓާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަނީ

ރާއްޖޭގައި، އީ-ސިނގިރޭޓާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަުގެ މެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.


އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި ނޫސްވެރިއަކުު ކުރި ސުވާލެއްގެ ޖަވާބުގައި، މިނިސްޓަރު ވިދާޅުވީ އީ-ސިނގިރޭޓާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެ މަޝްވަރާގެ ނަތީޖާ ކުރިއަށް މަހެއްގެ ތެރޭގައި ފެންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އެކަމާ ގުޅޭ ދިރާސާތަކެއް އެބަ ކުރެވޭ ހެލްތު ސެކްޓާ ތެރޭގައި. އެ ރެގިއުލޭޓް ކުރާނީތޯ، ބޭން ކުރާނީތޯ. އެކަމާ ބެހޭގޮތުން މަސައްކަތްތަކެއް ކުރެވޭ. އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް މަހެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް މި ބަލަނީ. އެ ހިސާބުން ޕޮލިސީ ލެވެލްގައި ކަނޑައަޅާނެ ގޮތްތަކާ ބެހޭގޮތުން ނިންމާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން (މ) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ރާއްޖޭގައި، އީ-ސިނގިރޭޓާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް ކުރަމުން އަންނައިރު، ބޮޑެތި ގައުމުތަކުން މިހާރު އަންނަނީ އީ-ސިނގިރޭޓް ބޭނުންކުރުން މަނާ ކުރަމުންނެވެ. އަވަށްޓެރި އިންޑިއާ ގައި ވެސް މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ އީ-ސިނގިރޭޓް މަނާކޮށްފަ އެވެެ.

ދުނިޔޭގައި މިހާރު ވެސް އީ-ސިނގިރެޓްގެ 400 ބްރޭންޑެއް ވިއްކަމުން ދެ އެވެ. އޭގެ ތެރޭގައި 150 ރަހައިގެ އީ-ސިނގިރޭޓް ހިމެނެ އެވެ. އޭގެ ސިނގިރޭޓް ބޭނުންކޮށްގެން އެމެރިކާ ގައި މިހާތަނަށް ހަތް މީހަކު މަރުވެފައި ވެ އެވެ.

ދިޔާ އެއްޗެހި އަޅައިގެން ބޭނުންކުރާ އީ-ސިނގިރޭޓް ބުއިމުން މިހާރު އާންމު ވަމުންދާ ބައްޔަކީ ލިޕޮއިޑް ނިއުމޯނިއާ އެވެ.