ނޫމަޑި އަށް ބޮޑު ބަދަލެއް ދޭން ޖެހުމުން މުއިއްޒު ކޮމިޓީ އަށް

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑިއާ އެކު ސަރުކާރުން ވީ އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.


ނޫމަޑި މައްސަލައިގައި އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނާ ގުޅިގެން މައުލޫމާތު ސާފުކުރަން އޭނާ ހާޒިރުވާން އަންގާފައި އޮތީ އަންނަ ހޯމަ ދުވަހެވެ.

ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ.) ވަނީ ދީފަ އެވެ. ދައުލަތުން މިހާ ބޮޑު ބަދަލެއް ދޭން ޖެހުނީ ހައުސިން ޔުނިޓްތަކެއް އަޅަން އެ ކުންފުންޏާ ހަވާލުކުރި ދެ އެއްބަސްވުން ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން އުވާލުމުން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

އެއްބަސްވުން އުވާލި މައްސަލައިގައި ނޫމަޑިން، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދާށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ.

މި ބަދަލު ދޭން ޖެހުނީ ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ކަމަށާއި ކޯޓުން ބޭރުގައި ހައްލުކުރުމަކީ މި މައްސަލައިގައި ދައުލަތަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް މި ސަރުކާރުގެ އިސް ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.

މި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ނޫމަޑި އެއްބަސްވުންތައް ބާތިލްކުރީ ގޯސްކޮށް ކަމަށް އާބިޓްރޭޝަނަށް ހުށަހެޅުއްވި ލިއުމެއްގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އޮތީ އިއުތިރާފްވެވަޑައިގެން، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މި ތުހުމަތާ މެދު މިނިސްޓަރު މުއިއްޒު މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ނޫމަޑިން އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.

އެއް މައްސަލައަކީ، ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުން ބާތިލް ކުރުމެވެ. މި ހައުސިން ޔުނިޓްތައް އަޅަން އެ ކުންފުންޏާއި ހައުސިން މިނިސްޓްރިއާ ދެމެދު ސޮއިކުރީ ޖެނުއަރީ، 20، 2011، ގަ އެވެ.

ނޫމަޑިން އާބިޓްރޭޝަނަށް ދެން ހުށަހެޅީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް 1 އާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ މެއި، 30، 2013 ގަ އެވެ.

ނޫމަޑި އަށް ބޮޑު ބަދަލެއް ދައުލަތުން ދިނީ، ނޫމަޑިއާ ގުޅޭ ޚާއްސަ އޮޑިޓެއް، އޮޑިޓް އޮފީހުން ކުރަމުން އަންނަނިކޮށެވެ. އަދި އެ ކުންފުނިން ހިންގި ހައުސިން މަޝްރޫއުތަކާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރި އެވެ.