ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ: އިންތިގާލީ އިންސާފުގެ ބިލުން، މާލީ ބަދަލު ލިބިދެވޭނެ ގޮތް ވަނީ ފަހިކޮށްދީފައި.
29 އޮކްޓޯބަރ 2019 - 13:13
އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ޝިކާރައަކަށް ވީ މީހުންނަށް އިންތިގާލީ އިންސާފުގެ "އޮމްބަޑްސްމަން" ގެ އޮފީސް މެދުވެރިކޮށް ބަދަލު ލިބިދިނުމުގެ އިހްތިޔާރު ދިނުމަށް އިންތިގާލީ އިންސާފުގެ ބިލުގައި ހިމަނައިފި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލުގެ މަގްސަދުގެ ގޮތުގައި ވަނީ 2012 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމެވެ.
ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) ހުށަހެޅުއްވި ބިލްގެ ދަށުން، އޮފީހަށް ހުށަހަޅާ މައްސަލައެއްގައި ނުވަތަ އަމިއްލަ އިސް ނެގުމަށް ބަލާ މައްސަލައެއްގައި ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެ ނަމަ، އެ އަމަލުގެ ޝިކާރައަކަށް ވީ މީހާ އަށް މާލީ ނުވަތަ މާލީ ނޫން ބަދަލު ނަގައި ދިނުމުގެ އިހްތިޔާރު އޮފީހަށް ލިބިގެންވެ އެވެ.
މާލީ ބަދަލުގެ ގޮތުގައި އަނިޔާ ލިބުނު މީހާ އަށް ނަގައި ދެވޭނީ ލިބުނު އަނިޔާގެ ސަބަބުން މާލީ ގެއްލުމެއް ވެފައިވާ ނަމަ ލިބުނު ގެއްލުމުގެ ބަދަލު ކަމަށް ބިލްގައި ވެ އެވެ.
ވަޒީފާ އަދާކުރާ މީހަކަށް، ލިބުނު އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާނުކުރެވި ދިޔަ މުއްދަތަށް ލިބެންޖެހޭ މުސާރައާ އެއްވަރުގެ ބަދަލު ނުވަތަ އަނިޔާގެ ސީދާ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާނުކުރެވިދާނެ މުއްދަތަށް ލިބެން ޖެހޭ މުސާރައާ އެއްވަރުގެ ބަދަލު ލިބިދެވޭނެ ކަމަށް ބިލްގައިވެ އެވެ.
މީގެ އިތުރުން، ލިބުނު އަނިޔާ އަށް ފަރުވާ ހޯދައި، އެ އަނިޔާ އިން ލިބުނު ގެއްލުމުން މިންޖު ވުމަށް ސިއްހީ ފަރުވާ ހޯދުމަށް ކުރި ހަރަދުގެ ބަދަލު ނުވަތަ އެކަމާ ގުޅިގެން ހޯދަމުންދާ ސިއްހީ ފަރުވާ ހޯދުމަށް ކުރަން ޖެހޭ ހަރަދުގެ ބަދަލު ނުވަތަ އެކަމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ހޯދަން ޖެހިފައިވާ ސިއްހީ ފަރުވާ ހޯދުމަށް ކުރަން ޖެހޭ ހަރަދުގެ ބަދަލު ދެވިދާނެ ކަމަށް ވެސް ބިލްގައިވެ އެވެ.
ހުޅުމާލޭގެ މަގެއް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ބިލްގައިވާ ގޮތުން، މާލީ ނޫން ބަދަލުގެ ގޮތުގައި ނަގައިދެވޭނީ ލިބުނު އަނިޔާގެ ސަބަބުން މާއްދީ ގޮތުން ހަށިގަނޑަށް ލިބުނު ގެއްލުމުގެ ބަދަލާއި ލިބުނު އަނިޔާގައި ގުނަވަނެއް ނެތި ދިއުމުގެ ސަބަބުން ނުވަތަ ގުނަވަނެއް މަސައްކަތް ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެވެ.
ގުނަވަނަށް ލިބުނު ގެއްލުމަކާ ގުޅިގެން، ދިރިއުޅެން ކުރިމަތިވާ ހުރަހާއި ވަޒީފާ އަށް ލިބުމަށް ނުވަތަ ވަޒީފާއެއް އަދާކުރުމަށް ހުރި ހުރަސްތަކުގެ ސަބަބުންނާއި ލިބުނު އަނިޔާގެ ސަބަބުން ނަފްސާނީ ގޮތުން ކުރި އަސަރުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދެވިދާނެ ކަމަށް ވެސް ބިލްގައިވެ އެވެ.
އަނިޔާ ލިބިފައިވާ ކަމަށް ގަބޫލު ކުރެވޭ ނަމަ، ބަދަލު ނަގައި ދިނުމަށް އެދި އޮމްބަޑްސްމަން އޮފީހަށް ހުށަހެޅި ދާނެ ކަމަށް ބިލްގައި ވަނީ ބުނެފަ އެވެ. އަދި ބަދަލު ނަގައި ދިނުމަށް އެދި ހުށަހަޅާނީ ބިލްގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށް އޭގައިވެ އެވެ.
އޮމްބަޑްސްމަން އޮފީހުން މައްސަލަ ބަލައި ގޮތެއް ނިންމުމުގައި ހުށަހަޅާފައިވާ ހެއްކަށް ނުވަތަ އެ އޮފީހުން ކަމާ ގުޅޭ ގޮތުން ހޯދާފައިވާ ހެއްކަށް ރިއާޔަތް ކުރާ އިރު، އެއީ ކުށުގެ އެ އަމަލުގެ ސަބަބުން އަނިޔާ ލިބުނު މީހެއް ކަމަށް އެ އޮފީހަށް ފެނިއްޖެ ހިނދެއްގައި އެ އޮފީހުން އޭނާ އަށް ބަދަލު ދިނުމަށް ކަނޑައަޅަންވާނެ ކަމަށް ވެސް ސަރުކާރުން ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލްގައިވެ އެވެ.
ބިލްގައި ބުނީ އަނިޔާ ލިބޭ މީހާ އަށް ނަގައިދޭނީ ކޮން ބާވަތެއްގެ ބަދަލެއް އަދި ކިހާ މިންވަރެއްގެ ބަދަލެއް ކަން ކަނޑައަޅާނީ އޮމްބަޑްސްމަން އޮފީހުން ކަމަށެވެ. އެގޮތުން، ބަދަލު ނަގައިދެވޭނެ ދާއިރާ އާއި ޝަރުތުތަކާއި ބަދަލު ދިނުމުގެ ކަންކަން ހަމަޖައްސައިދޭން ޖެހޭ ދާއިރާތަކާއި ވަގުތުން ވަގުތަށް ނަގައިދޭން ޖެހޭ ކަމަށް ފެންނަ ވަގުތީ ބަދަލު އޮމްބަޑްސްމަން އޮފީހަށް ކަނޑައެޅިދާނެ ކަމަށް އޭގައިވެ އެވެ.
އަނިޔާ ލިބޭ މީހާ އަށް އިތުރު ފަރުވާ ދިނުމަށް އޮފީހަށް ކަނޑައެޅިދާނެ ކަމަށް ވެސް ބިލްގައިވެ އެވެ. އަދި ކުރީގެ ހާލަތަށް ރުޖޫއަ ކުރުމާއި އިންސާނީ ހައްގަކާ ހިލާފަށް ހިނގަމުންދާ އަމަލު ހުއްޓުވުމާއި އަމަލު ހިންގި ފަރާތް ޖަވާބުދާރީ ކުރުވުމާއި މައާފަށް އެދުން ފަދަ ކަންކަން އޮފީހަށް ކުރެވިދާނެ ކަމަށް ބިލްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
30 October 2019
ހުރިހާކަމެއް 2012އިން ފެށެން މިޖެހެނީ ކީއްވެބާ؟ އޭގެ ކުރިން މިރާއްޖޭގައި މީހުން ނޫޅެނީބާ؟ މިކަމުންމި އެނގެނީ މީ އެއްވެސް އިންސާފަކުން ނަޒާހަތްތެރިކަމެއް ، ހެޔޮނިޔަތެއް އޮވެގެން ކުރާކަމެއްނޫންކަން. 2018 ނޮވެމްބަރ11 އިން ވެސް ހަމަ ފަށަން ވީނު.
އިބިރިހިންބެއްޔާ
30 October 2019
ކީއްވެބާ މިކަންވެސް 2012 އިން ފަށަނީ؟ ވޭތުވެދިޔަ 5 އަހަރު ނުވަތަ 10 އަހަރު ނޫނީ 15 އަހަރަށް ހަދަން ނުކެރުނީ ކާކުދެކެ ބިރުންބާ. އައު ޤާނޫނު އަސާސީ ފާސްވިދުވަހުން ފަށަން އަދަބުވެރިކަމާއެކު ދަންނަވަން.
ޙިނި
30 October 2019
ވަޒީފާގަ ނޫޅޭ ޒުވާނުންނައް ހިލޭ ކޮފީ ލިބޭ ގޮތައް ހަދާދޭންވީނޫންތޯ،،
ނެގުނުކަތީބު
30 October 2019
ނުދެވޭނެ ނުވެސް ހޯދައި ދޭނެ! މިހާތަނަށްވެސް ވަޒީފާއިން ވަކިކޮށްފަ ތިބި މީހުންގެ ތެރެއިން އިސްފަރާތްތަކާއި ރަށްޓެހިންނަށް ރުޖޫޢަކޮށްދީފާ އާމުންގެ ދަރިން ޖެހެނީ ޝަރީޢަތަށް ދުވަން. އޭގެ އިތުރުންވެސް ބޮޑުތަނުން ރަށްޓެހި ގާތް ތިމާގެ ލޯފާމު ވަކާލާތުކުރާ ކުންފުނިތަކަށް ހެސަކޮށް ބަދަލު ނަގާދެނީ.
ޖާބެ
29 October 2019
އަނިޔާއެއް ކަނޑައެޅިގެން އެއްވެސް އިރެއްގައި ލިބިފަވާ މީހަކަށް ނުވަތަ ބަޔަކައް ތިޔަ ބަދަލު ލިބޭނަމަ ތިޔަ އިންސާފުވެރި ، އެހެންނޫނީއްޔާ ތިޔައީ ހަމަ ވައްކަން
ބޮޑުމީހާ
29 October 2019
މީވާ ހާދަ ޑިމޮކްރަޓިކް ބަޔެކޭ! މިގައުމު އުފެދުނީ 2012 ގަ ތަ. އޭގެ ކުރިން މިގައުމުގެ މީހުން އުޅުނީ އެއްވެސް މީހަކަށް އަނިޔާ ނުލިބިތަ! މަޖްލީހާއި ވެރިކަމާއި ދިނީމަ ގައުމުގެ ބަޖެޓް ބަހާ ހުސްކޮށް އެ ވަރުން ނުވެގެން މިމީހުން މިއުޅެނީ. ލަދެއް ހަޔާތެއް ނެތެއްނުން
ހިންތާ
29 October 2019
ފުރަތަމަ ތިޔަ އެއްޗެއް ތިޔަ އޮތީ އިންސާފުން ބޭރުވެފަ. ރާއްޖޭގައި މީހެއްގެ އިންސާނީ ހައްގަކަށް އަރައިގަތީ 2012 އާ ހިސާބުންތަ؟ ކުޑަމިނުން ކޮބައިތަ ގާޒީެަކު ވަގަންނަގާ ރަހީނުކުރި ކުރުން. ގާސިމާ، ޔާމީނާއި ޖަމީލަށް ދިން "ހިމާޔަތް". ދެން އޭގެ ކުރިއަށްވެސް ބައިވަރު. ވީއިރު ތީ މަކަރުން ބައެއްގެ ޖީބުތައް ފުރާލަން ކުރަންއުޅޭ އެއްވެސް އިހްލާސްތެރިކަމެއް ނެތް ހިންތާއެއް
ސޫލާސިރާޒު
29 October 2019
ދައުލަތުގެ ބަޖެޓުން ރީދޫ ހުމުގެ އެންމެންގެ ޖީބުން ފުރައިލަނީތާ
ބޮޑު ބަންޑާރަ
29 October 2019
މުޅި ދައުލަތް ޤާނޫނުގެތެރެއިން ބަހާ ނަގާ ހުސްކޮށް ނިމިއްޖެ ކަމަށް ޤަބޫލުކޮށްފިން
މަލާލާ
29 October 2019
އަނިޔާ ލިބުނު މީހުންނަށް ބަދަލު ދިނުން މުހިންމު، ނަވަމެސް އަނިޔާވެރިންނަށް ހައްގު އަދަބު ދިނުން އިސްކުރުން މުހިންމު. އަދަބު ނުދޭހާ ހިންދު، ދެންވެސް އަނިޔާ ވެރިވުމަށް ހިއްވަރު ދެެވެނީ.