މީގެ ދެ އަހަރުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ޝަފީއު.
30 އޮކްޓޯބަރ 2019 - 11:24
މީގެ ދެ އަހަރު ކުރިން ފުވައްމުލަކުގައި މުހައްމަދު ޝަފީއު ގެއްލުނު މައްސަލައިގެ ތަހުގީގަށް އޭނާގެ ކުރީގެ އަނބިމީހާ، އައިޝަތު ނަޝީދާއާ ސުވާލުކޮށް ނިމިފައިވާ ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަމުން އަންނަ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކު އޮޅިތެރޭގެ ޝަފީއު، 42، ގެއްލުނީ ޖުލައި 14، 2017 ވަނަ ދުވަހުގެ ރޭ ގެއިން ނުކުތް ފަހުންނެވެ. އޭނާގެ އެއްވެސް ޚަބަރެއް މިހާތަނަށް ނުވާ އިރު އޭނާ މަރާލައި ވަޅުލާފައި އޮތް ކަމަށް ކޮމިޝަނުގެ ތަހުގީގުގައި ތުހުމަތު ކުރެ އެވެ. އޭނާ ވަޅުލާފައި އޮތީ ކޮން ތަނެއްގައިތޯ، ތަހުގީގުގައި ކޮމިޝަނުން އޭނާއާ ސުވާލުކުރި ކަމަށް ނަޝީދާ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް ބުނެފައިވެ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ސުއޫދު މިއަދު ވިދާޅުވީ ނަޝީދާ މާލެ ގެނެސް ތަހުގީގަށް ސުވާލުކުރީ، އެ މައްސަލައިގައި މިދިޔަ ޖުލައި މަހު ކޮމިޝަނުން ފުވައްމުލަކަށް ކުރި ދަތުރުގައި ލިބުނު މައުލޫމާތުތަކުގެ އަލީގައި ސާފުކުރަން ޖެހޭ އިތުރު ކަންކަން ހުރުމުން ކަމަށެވެ. އެ ދަތުރުގައި، ޝަފީއު ގެއްލުމާ ގުޅޭ ގޮތުން ކޮމިޝަނުން ވަނީ އެކި ފަރާތްތަކާ ސުވާލުކޮށް މައުލޫމާތު ހޯދައިފަ އެވެ.
"މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ނަޝީދާ [ކޮމިޝަނަށް] ހާޒިރުކޮށް، މައުލޫމާތު ސާފުކޮށްފައި ވަނީ. އޭނާގެ ބައި މިހާރު ނިމިއްޖެ،" ސުއޫދު ވިދާޅުވި އެވެ.
ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އޭނާ ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން އެ މައްސަލަ "މިސްރާބު ކުރެވޭ ގޮތްތަކެއް ހުރި ނަމަވެސް ހާމަކުރަން ދަތި" ކަމަށެވެ.
މިހާރުގެ ފިރިމީހާއާ އެކު މާލެ އައިސް، ތަހުގީގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނަޝީދާ ބުނެފައިވާ ގޮތުގައި، ކޮމިޝަނުން އޭނާއާ ސުވާލުތަކެއް ކުރި ނަމަވެސް ޝަފީއު އަށް ވީ ގޮތެއް އޭނާއަކަށް ނޭނގެ އެވެ. އެންމެ ފަހުން ބައްދަލުވީ، ޝަފީއު ގެއްލުނު ރޭ ކަމަށް އޭނާ ބުންޏެވެ.
"ކޮމިޝަނުން އަޅުގަނޑާ ސުވާލުތައް ކޮށްފައި، އަހަނީ، ޝަފީއު ވަޅުލާފައި އޮތީ ކޮން ތަނެއްގައިހޭ،" ނަޝީދާ ބުނެފައިވެ އެވެ.
ރިސޯޓެއްގައި ވަޒީފާ އަދާކުރި ޝަފީއު ފުވައްމުލަކަށް އެންމެ ފަހުން ދިޔައީ، ކުރީގެ ކައިވެންޏަށް ނަޝީދާއަށް ލިބިފައި ހުރި ދަރިފުޅުގެ ޓޮޕް ޓެން ޖަލްސާއަށް މާލެ އައުމަށް ފަހު އެވެ. އޭނާ ގެއްލުނީ ފުވައްމުލަކަށް ދިޔަ ރެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވެސް ކުރި އެވެ. އެކަމަކު ފުލުހުންގެ ހޯދުންތަކާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy