ކުރީގެ ނައިބު ރައީސް އަދީބު: އަދީބާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލަ މިވަގުތު ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ދައުލަތުން ވަނީ ބުނެފައި -- ފޮޓޯ/މިހާރު
30 އޮކްޓޯބަރ 2019 - 15:31
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ މި ވަގުތު ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
އަދީބާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރީ ޅ. މާބިންހުރާ ކުއްޔަށް ދިނުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބުގެ މައްޗަށް ކުރިން އިއްވި އަށް އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އެވެ. އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގުމުން ދައުލަތުން އެ ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފްކުރީ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ދައުލަތާއި އަދީބާ ދެމެދު މިހާރު އެބައޮތް ކަމަށެވެ. އަދި އަދީބާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް މިހާރު ހަދާފައި އެބައޮތް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން މާބިންހުރާގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ދައުލަތުން އެއްބަސްވެފައިވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެކަމަކު އަދީބާ ދެކޮޅަށް ދާދިފަހުން ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތަކަށް އޭނާ އެ ކޯޓުގައި އިންކާރު ކޮށްފި ނަމަ، މާބިންހުރާގެ މައްސަލަ ސުޕްރީމް ކޯޓުގައި އަލުން ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން އެގޮތަށް ބުނުމުން އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ޕީޖީގެ ޒިންމާއަކީ ދައުވާ ކުރާނެތޯ ނުވަތަ ނޫންތޯ ނިންމުން ކަމަށާއި އެކަމަކު އެ މައްސަލާގައި މިހާތަނަށް ދައުލަތަށް ގޮތެއް ނިންމިފައި ނެތް ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ޕާކް ކޮށްފައި ނުބޭއްވޭނެ ކަމަށާއި އެހެންވެ، އެ މައްސަލައާ މެދު ދައުލަތުން ގޮތެއް ނިންމުމަށް ފަހު ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އެކަން ކޯޓަށް އެންގުމަށް ވެސް އުއްތަމަ ފަނޑިޔާރު އެންގެވި އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
އަދީބާ ދެކޮޅަށް ދައުލަތުން އިސްތިއުނާފްކުރި މައްސަލަ މި ވަގުތު ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ދައުލަތުން ބުނިއިރު، އެ މައްސަލަ އެ ކޯޓުގައި އޮތުމުން ދައުލަތުގެ އެދުމުގެ މަތިން އަދީބު ފުރުން މަނާ ކުރުމުގެެ އަމުރެއް ވެސް އެ ކޯޓުން ނެރުނެވެ. އަދި އެ އަމުރާ ޚިލާފަށް އަދީބު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވުމުން ފަހުން ސުޕްރީމް ކޯޓުން ވަނީ އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް އަމުރުކޮށްފަ އެވެ.
ފިއްލަވައިގެން ބޭރަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވި މައްސަލާގައި އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލާވަޅު
30 October 2019
ސަޅިދޯ ރައްޔުތުންނައް އޮޅުވައިލާ ގިބޯހައްދާގޮތް... ބުރޯ ހުރީ ހުރިހާކުދިންނައްވެސް ބައިއަޅާގެން ކައިފަ ވަކިޕާޓީއެއްނޫން ހުރިހާ ޕާޓީއަކައްވެސް އެހެންވީމަ ނޯންނާނެއްނޫންތޯ މިކަން ކުރިޔައްގެންދެވޭކައް.. ވ.ސާފު
ކުމުންޒާނި ތަދުނީ
30 October 2019
ނަމަނަމަ ތިޔަފައިސާ އެމްޑީޕީގެ ބޮޑުންނައް ބައިއެޅިވާހަކަ ނުބުނާތި. އޭރުން ތިމައްސަލައެކަންޏެއްނޫން ، ޓެރަރިޒަމްގެ ދައުވާކޮއް ބަޔަކުމަރަން އުޅުނުކަމުގެ ކުއްސާބިތުވެ އުމުރައްޖަލައް ކަނޑާލުން ނޫންގޮތެއްނެތްކަން އޮންނާނީ ބުނެދީފަ.
ޝާޑު
30 October 2019
ޑީލް.
ހަޑި ހާވާ
30 October 2019
ހަޑިހާވަނީ.އެމްޑީޕީ އަކީ މަކަރުވެރި ޕާޓީއެއް.