މުއިއްޒު އާބިޓްރޭޝަނަށް ދެއްވި ބަޔާންތައް ދިރާސާކުރަނީ

ހައުސިން ޔުނިޓްތަކެއް އަޅަން އަމިއްލަ ކުންފުންޏެއް ކަމަށްވާ ނޫމަޑިއާ އެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލުމާ ބެހޭ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ނެދަލޭންޑްސްގެ އާބިޓްރޭޝަނަކަށް ދެއްވާފައިވާ ބަޔާން ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަން ފަށައިފި އެވެ.


އެކަމާ ބެހޭ ގޮތުން މިއަދު ފުރަތަމަ ފަހަރަށް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. އެކަމަކު އެ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.

ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނާ ގުޅިގެން މައުލޫމާތު ސާފުކުރަން އަންނަ ހޯމަ ދުވަހު ކޮމެޓީ އަށް ހާޒިރުކުރާނެ އެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ.) ވަނީ ދީފަ އެވެ.

ދައުލަތުން މިހާ ބޮޑު ބަދަލެއް ދޭން ޖެހުނީ ހައުސިން ޔުނިޓްތަކެއް އަޅަން އެ ކުންފުންޏާ ހަވާލުކުރި ދެ އެއްބަސްވުން ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން އުވާލުމުން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. ކޯޓުން ބޭރުގައި ހައްލުކުރުމަކީ މި މައްސަލައިގައި ދައުލަތަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވެސް ބުންޏެވެ.

ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ނޫމަޑި އެއްބަސްވުންތައް ބާތިލްކުރީ ގޯސްކޮށް ކަމަށް އާބިޓްރޭޝަނަށް ހުށަހެޅުއްވި ލިއުމެއްގައި މުއިއްޒު އޮތީ އިއުތިރާފްވެވަޑައިގެން، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މި ތުހުމަތާ މެދު މިނިސްޓަރު މުއިއްޒު މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެއްބަސްވުން އުވާލި މައްސަލައިގައި ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދާށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ.

ނޫމަޑި އަށް ބޮޑު ބަދަލެއް ދައުލަތުން ދިނީ، ނޫމަޑިއާ ގުޅޭ ޚާއްސަ އޮޑިޓެއް، އޮޑިޓް އޮފީހުން ކުރަމުން އަންނަނިކޮށެވެ. އަދި އެ ކުންފުނިން ހިންގި ހައުސިން މަޝްރޫއުތަކާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގު ކުރި އެވެ.