އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަންކޮށްފި

ހުސެއިން ފިޔާޒް މޫސާ، އިންފޮމޭޝަން ކޮމިޝަނަރަކަށް މިއަދު އައްޔަން ކުރައްވައިފި އެވެ.


އޭނާ އަށް އެ މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފިޔާޒް، އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ ހަފުތާގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.

ފިޔާޒް، ނޫސްވެރިކަމުގެ ހަޔާތް އެންމެ ފުރަތަމަ ފެއްޓެވީ 2000 ވަނަ އަހަރު މިއަދު ނޫހުންނެވެ. އަދި ދެ އަހަރު ފަހުން އައްޑުވަސް އަދި މަނަސްގެ އެސިސްޓަންޓް އެޑިޓަރު ކަން އޭނާ ކުރެއްވި އެވެ. އޭގެ ފަހުން އޭނާ އާފަތިސް ނޫހާއި "ހަވީރު" ގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ފިޔާޒް ވިދާޅުވެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށްފި ނަމަ މައުލޫމާތު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް މިހާރަށް ވުރެ ފަސޭހަކޮށް، އަވަހަށް ލިބޭ ގޮތްތަކެއް ހަމަޖައްސަވާނެ ކަމަށެވެ.

ރާއްޖޭގެ ދައުލަތް ހިނގަމުން ދަނީ ކަންކަން ސިއްރުކުރުމުގެ ސަގާފަތުގެ މައްޗަށް ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުންފާޅުކުރެއްވި އެވެ. އެއީ ބަދަލުކުރަން ޖެހިފައިވާ އުސޫލެއް ކަން ފާހަަކުރައްވައި ވިދާޅުވެފައި ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ވެސް ރަނގަޅަށް ތަންފީޒު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑުގެ މަސައްކަތަކަށް ވާނީ ރައްޔިތުންނަށް ވީހާ ވެސް އަވަހަކަށް އެ މައުލޫމާތެއް ލިބޭނެ ގޮތެއް ހެދުން. ކޮން ކަމެއްތޯ އަޅުގަނޑުމެން ސިއްރު ކުރަންވީ؟ ސިއްރު ކުރަންވީ ސަބަބެއް ނެތެއް ނޫންތޯ،" ފިޔާޒް ވިދާޅުވެފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.