ޚަބަރު / އަބްދުﷲ ޒިޔަތު

ޒިޔަތަށް ކުރާ 30 ދައުވާގައި އާ ހެކިން ހުށަހަޅައި، ސިއްރު ބައެއް ހެކިން ހާމަކުރަނީ

ޒިޔަތު: އޭނާގެ މައްޗަށް ޚިޔާނާތުގެ 30 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރޭ -- ފޮޓޯ/މިހާރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ ދައުވާތަކުގައި އާ ހެކިންތަކެއް ދައުލަތުން ހުށަހަޅައި، ކުރިން ސިއްރުކުރި ބައެއް ހެކިން ހާމަކުރަން ދައުލަތުން މިއަދު ނިންމައިފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ލިބެންޖެހޭ ފައިސާ އަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ 30 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އޭގެ ތެރެއިން 30 މައްސަލައެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވިއިރު، މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ދައުވާކުރާ ފުރަތަމަ ފަހަރެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ހިންގާ ތަހުގީގުތަކުގައި އާ ހެކިތަކެއް ލިބިފައިވާ ކަމަށާއި އެ ހެކިތައް ހުށަހަޅަން ބޭނުންވާ ކަމަށެވެ. އެގޮތުން ފުލުހުން ކުރިން ހޯދަން އިއުލާންކުރި މ. ލޭންޑްއޮފްގާޑަން އަހުމަދު އިޝްފާހު އަލީ އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް ހެކިންގެ ގޮތުގައި ހުށަހަޅާ ކަމަށާއި އަދި އިތުރު ބައެއް ޑިޖިޓަލް ހެކިތަކެއް ވެސް ލިބިފައިވާ ކަމަށް ދައުލަތުން ބުންޏެވެ. ޑިޖިޓަލް ހެކިތައް ތަހުލީލު ކުރަމުންދާތީ ތަހުލީލަށް ފަހު އެ ހެކިތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެސް ދައުލަތުން އެދުނެވެ.

ދައުލަތުން ބުނިގޮތުގައި އިޝްފާހު އާއި އައްލާމް ހެކިންގެ ގޮތުގައި ހުށަހަޅަނީ އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކުގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ޗެކްތަކާ ޒިޔަތު ހަވާލުވުމަށް ފަހު އެ ޗެކްތައް އެސްއޯއެފްގެ އެކި މީހުން ހަވާލުކުރިކަން ސާބިތު ކުރުމަށެވެ.

އެ ދެ މީހުން ހެކިންގެ ގޮތުގައި ބަލައިގަތުމަށް ދެކޮޅު ހައްދަވައި، ޒިޔަތުގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ އެ ދެ މީހުންނަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތަށް ފަހު އެކި ތުހުމަތުތަކުގައި ފުލުހުން ހޯދަން އިއުލާންކުރި ބައެއް ކަމަށެވެ. އެކަމަކު އެ މީހުން ހެކިންގެ ގޮތުގައި ބަލައިގަތުމަށް ކޯޓުން ނިންމައިފި ނަމަ، އެ މީހުންގެ ބަޔާންތައް ދޭން އޭނާ އެދިވަޑައިގަތެވެ.

ރައްދުގައި ދައުލަތުން ބުނީ ތުހުމަތެއް ކުރެވުމަކީ ހެކިބަސް ބަލައިނުގަނެވޭނެ ސަބަބެއް ނޫން ކަމަށާއި މަތީ ކޯޓުތަކުން ނިންމުންތަކުގައި ވެސް، ކުށް ސާބިތުވެފައި ތިބޭ މީހުންގެ ހެކިބަސް ބައެއް ހާލަތްތަކުގައި ބަލައިގަނެވޭނެ ކަމަށް ނިންމާފައި އެބަހުރި ކަމަށެވެ. އެފަދަ ހެކިންގެ ބަހަށް ބާރު ލިބޭ އިތުރު ހެކި ހުރި ނަމަ އެފަދަ ހެކިން ބަލައިގަނެވޭނެ ކަމަށް ހައި ކޯޓުގެ ނިންމުމެއް އެބައޮތް ކަމަށް ބުނެ، ދައުލަތުން ބުނީ އެ މައްސަލާގައި ޒިޔަތާ ދެކޮޅަށް ވެސް އިތުރު ހެކި އެބަހުރި ކަމަށެވެ.

މީގެ އިތުރުން ފަހުން ހާމަވާ ހެކި ހުށަހެޅުމުގެ ފުރުސަތު ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އެބައޮތް ކަމަށާއި އިސްތިއުނާފް މަރުހަލާގައި ވެސް އެ ފުރުސަތު އޮންނަ ކަމަށް ދައުލަތުން ބުންޏެވެ.

ވަކީލް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގައި ވެސް ދައުލަތުން ފަހުން ހުށަހަޅަން އުޅުނު ލިޔުންތަކަކަށް ފުރުސަތު ނުދޭން ކޯޓުން ނިންމި ކަމަށާއި އެހެންވެ، މި މައްސަލާގައި ވެސް އެގޮތަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

ޖަވާބުގައި ދައުލަތުން ބުނިގޮތުގައި ޔާމީންގެ މައްސަލަ އާއި ޒިޔަތުގެ މައްސަލާގައި ކަން ހިނގި ގޮތް ތަފާތެވެ. ޔާމީންގެ މައްސަލާގައި ކޯޓުން އެގޮތަށް ނިންމީ އެ މައްސަލަ އަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ދައުވާ ކުރުމުގެ މުއްދަތު ހިނގާ މައްސަލައަކަށް ނުވާތީ ތަހުގީގު ފުރިހަމަކުރަން ފުރުސަތު ލިބިފައި އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ޒިޔަތުގެ މައްސަލަ އަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އައުމާ އެކު ވަކި މުއްދަތެއް ތެރޭގައި ދައުވާކުރަން ލާޒިމްވި މައްސަލައެއް ކަމަށް ދައުލަތުން ބުންޏެވެ.

ސިއްރުކުރި ބައެއް ހެކިން ހާމަކޮށް، ކުރިން ހާމަނުކުރި ބައެއް މައުލޫމާތު ފޯރުކޮށްދެނީ

މީގެ އިތުރުން ޒިޔަތާ ދެކޮޅަށް ކުރިން ހުށަހަޅާފައިވާ ބައެއް ސިއްރު ހެކިން ހާމަކޮށް، އެ މީހުންގެ ހެކިބަސް ފާޅުގައި ނަގަން ވެސް ދައުލަތުން ނިންމި އެވެ. ސިއްރު ހެކިންގެ ތެރެއިން އެއް ހެކިވެރިއެއްގެ މައުލޫމާތު ހާމަ ކުރިއިރު، ދެން ތިބި ސިއްރު ހެކިވެރިންގެ ސިއްރު ވެރިކަން ދަމަހައްޓަންޖެހޭ ސަބަބެއް އޮތްތޯ އިތުރަށް ބެލުމަށް ފަހު އެއާ މެދު ގޮތެއް ނިންމާނެ ކަމަށް ދައުލަތުން ބުންޏެވެ.

މައުލޫމާތު ހާމަކުރި ހެކިވެރިޔާ ހެކިބަސް މިއަދު ނަގަން ހަމަޖައްސާފައި އޮތަސް، އޭނާގެ ތަހުގީގު ބަޔާންތައް ބެލުމުގެ ފުރުސަތު ޒިޔަތުގެ ވަކީލަށް ދެއްވުމަށްޓަކައި ހެކިބަސް ނެގުން ވަނީ ދެން އޮންނަ އަޑުއެހުމަކަށް ފަސްކޮށްފަ އެވެ.

ދައުލަތުން މިއަދު ވަނީ އެ މައްސަލަތަކުގައި ކުރިން ހާމަ ނުކޮށް ހުރި ބައެއް މައުލޫމާތުތަކެއް ޒިޔަތަށް ފޯރުކޮށްދޭން ނިންމައިފަ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުގެ އިތުރުން ބައެއް ބޭންކް ސްޓޭޓްމަންޓްތައް ޒިޔަތަށް ދޭން ބޭނުންވާކަން ދައުލަތުން ހާމަކުރި އެވެ.

ޒިޔަތުގެ ވަކީލް ޔާމީން އެދިވަޑައިގަތީ އެމްއެމްޕީއާރުސީން ބޭންކް އޮފް މޯލްޑިވްސް އަށް ހުށަހަޅާފައިވާ އެ ކުންފުނީގެ ބޯޑް ރިޒޮލިއުޝަނެއް ހޯދައި ދިނުމަށެވެ. އެ ލިޔުމަކީ އެމްއެމްޕީއާރުސީ އަށް ލިބޭ އަދި އެ ކުންފުނިން ދޫކުރާ ޗެކްތަކުގެ މުއާމަލާތް ކުރެވޭނީ އެ ޗެކްގައި ކުންފުނީގެ ދެ ޑިރެކްޓަރަކު ސޮއި ކުރުމަށް ފަހު ކަން ބަޔާންކުރާ ލިޔުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ދައުވާތަކުގައި ބުނާ ޗެކްތަކުގެ މުއާމަލާތް ހިންގާފައިވަނީ ޗެކްތަކުގައި ދެ ޑިރެކްޓަރުން ސޮއި ކޮށްގެނެއް ނޫނެވެ.

އެ ލިޔުން ވެސް ފޯރުކޮށްދޭން ދައުލަތުން އެއްބަސްވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ ދައުލަތުން އަލަށް ހުށަހެޅި ދެ ހެކިން ބަލައިގަތުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ކުރިން ހުށަހަޅާފައި ތިބި ހެކިންގެ ހެކިބަސް ނެގުން ވެސް އެ އަޑުއެހުމުގައި ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަން ސާބިތުވެ ޒިޔަތުގެ މައްޗަށް ވަނީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.

2 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 53%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޅޮސް އުނދޯލި

01 November 2019

30 ދައުވާ އެމީހަ ކާ ދެ ކޮޅަށް އޮތް އިރު ވެސް ހެއް ކަ ކަށް ހުށަހެޅުނު. ދުނީޔޭ ގެ ކޮންތާ ކު މި ވަރުގެ މީހުންގެ ހެ ކި ބަސް ގަބޫލު ކުރާނީ!

The name is already taken The name is available. Register?

Naseem

31 October 2019

ދިރިތިބީންނަށް އިބްރަތަކަށް ނުވޭތޯއެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454