އަމިއްލަ ވެރިކަމެއްގެ ނިއުމަތް ދޫކޮށްލައިގެން ނުވާނެ: މައުމޫން

ރާއްޖެ އަކީ އަބަދުވެސް އަމިއްލަ ވެރިކަމެއް އޮތް ގައުމަކަށްވީ އިރު، މާތް ﷲ ދެއްވި އެ ނިއުމަތް ދޫކޮށް ނުލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ.


މައުމޫންގެ ވެރިކަން ބަދަލުކުރަން، ދިވެހިންގެ މަދު ބަޔަކު ސްރީ ލަންކާގެ ތަމަޅައިގެން ބަޔަކާ ގުޅިގެން މީގެ 31 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިން ދިވެހިން ސަލާމަތް ވުމުން އެކަން ފާހަކުރާ، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބޭއްވި ހާއްސަ ޖަލްސާގައި މައުމޫން ވިދާޅުވީ، ރާއްޖޭގައި އޮތް އެއްބައިވަންތަކަމުގެ ސިއްރަކީ އަމިއްލަ ވެރިކަމެއް އޮތް ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުން ކަމަށެވެ.

ދިވެހިންގެ އެއްބައިވަންތަކަމާއި މަސްލަހަތަކީ ކާބަފައިން ވަރަށް ޒަމާނުއްސުރެ ރައްކާތެރިކޮށްފައި އޮތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫން ފާހަގަ ކުރެއްވި ގޮތުގައި ލިޔެފައިވާ ތާރީޚުތަކުން ރާއްޖެ އަށް 800 އަށް ވުރެ ގިނަ އަހަ ރުވެގެން ދިޔަ އިރު، ރާއްޖޭގެ މިނިވަކަން ގެއްލުނީ އެއް ފަހަރެވެ.

އެއީ، ޕޯޗުގީޒުންގެ އަތް ދަށަށް ރާއްޖެ ދިޔަ 15 އަހަރުގަ އެވެ. ޕޯޗުގީޒުންގެ އިތުރުން ހޮޅިންގެ އަތް ދަށަށް ތިން މަހާއި 15 ދުވަހަށް ރާއްޖެ ދިޔަ އިރު، ހުރިހާ ކަމެއް އެމީހުންގެ އަތް ދަށަކަށް ނުދެ އެވެ.

ދައުލަތަށް ގިނަ ހިދުމަތްތަކެއްކޮށް ދެއްވި އުމަރު ޒާހިރާއި އަބްދުﷲ ކަމާލުއްދީން މިރޭގެ ޖަލްސާގައި. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ނޮވެމްބަރު 3، 1988 އުދުވާނީ ހަމަލާ ރާއްޖެ އަށް ދިން އިރު، ވެރިކަމުގައި ހުންނެވި މައުމޫން ވިދާޅުވީ ޒަމާނާއި ހާލަތާއި ބަދަލުވިޔަސް، އެފަދަ ކަންކަން ހިނގުމަކީ ކުރިއަށް އޮތް ތަނުގައި އެކަށީގެންވާ ކަމެއް ކަމަށެވެ. އެއްގޮތަކަށް ވެސް މިކަހަލަ ކަމެއް ނުވާނެއޭ ހިތަށް އަރުވައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލު ކުރާނެ ވާހަކަ އަބަދުވެސް ދައްކަ އެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމަށް އެއް އަހަރާ ތިން މަސް ފަހުން، ވެސް ވެރިކަން ބަދަލު ކުރަން ބަޔަކު އައި ކަމަށާއި ދުނިޔޭގެ ހާލަތަކީ ވެސް އެއީ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެހެން ނުވާނެއޭ ހިތަށް އަރުވާކަށް ނުވާނެ. ތިބެން ޖެހޭނީ ތައްޔާރަށް. ތައްޔާރު ވުމުގައި ވެސް ތަފާތު ވާނެ. އޭރުގައި ތައްޔާރުވާ ގޮތާއި މިހާރު ތައްޔާރުވާ ގޮތާ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މައުމޫން ވިދާޅުވީ ބޭރު ގައުމެއްގެ ލަޝްކަރު ރާއްޖެ އަށް އަރައި ހަމަލަ ދިނުމަކީ ވަރަށް ދުރުގައިވާ ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި އެހެން ގޮތްގޮތަށް ހަމަލާ އަތުވެދާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި މައުމޫން ނެންގެވީ ޓެރަރިސްޓް ޖަމާއަތްތަކުން ރާއްޖެ އަށް ހަމަލަދީފާނެ ކަމަށް ވިދާޅުވެ އެވެ.

ކުށެއް ނެތް 19 ދިވެހިން ޝަހީދުކޮށްލި ތަމަޅަ ޓައިގަރުންނަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ އެ ދުވަހު އެމީހުންގެ ބޭނުމަކީ ހަނގުރާމަ ކާމިޔާބުކޮށް، ރާއްޖޭގައި އޮތް ޓޫރިޒަމުން ލިބޭ ފައިސާގެ ބޭނުން ކުރުން ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ތަމަޅަ ޓައިގަރުން ބޭނުންވީ ލަންކާ އަށް ހަމަލާދޭ ބޭސްއެއްގެ ގޮތުގައި ރާއްޖެ ހެދުމަށެވެ. އެކަމަކު، އެކަން ކާމިޔާބު ނުވީ ކަން މައުމޫން ފާހަގަ ކުރެއްވި އެވެ.

"އެމީހުން އޭރު ދިޔައީ ސްރީ ލަންކާގެ އަހުލީ ހަނގުރާމައެއް ކުރަމުން. ޓެމިލް ޓައިގާސްގެ މީހުންނަކީ ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ބައެއް،" ރާއްޖޭގެ ވެރިކަން ބަދަލުކުރަން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ އަހުމަދު ނާސިރަށް މަދަދުވެރިވި ލަންކާގެ ތަމަޅައިންގެ ޖަމާއަތަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރަން ޝީ ބިލްޑިންގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިވެހިންނަށް ނަސްރު ލިބުމުގައި ދިވެހި ސިފައިންނާއި އިންޑިއާ ސިފައިންގެ މަސައްކަތާއި ދިވެހިންގެ މެދުގައި އޭރުގައި އޮތް އެއްބައިވަންތަކަން މައުމޫން މިރޭ ވެސް ފާހަގަ ކުރެއްވި އެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅުތަކުން މިސާލުތައް ނަންގަވައި މައުމޫން ވިދާޅުވީ އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންނަކީ މަރުވެ ދިޔަ ބައެއް ނޫން ކަމަށެވެ. އަދި 19 ދިވެހިންނަކީ ﷲ ގެ މަގުގައި ރިޒްގު ލިބި ތިބި ބައެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

ދައުލަތުގެ ކުރީގެ ބައެއް އިއްޒަތްތެރިންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓްގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މައުމޫން ވިދާޅުވީ، ރާއްޖެ އަށް އެހެން ބަޔަކު ވެރިވެއްޖެ ނަމަ، އެމީހުން ބޭނުންވާ ގޮތަކަށް ކަންކަން ބަދަލު ކުރަން މަސައްކަތްކޮށްފާނެ ކަމަށެވެ. އެހެންވެ، މުސްލިމުންގެ ގޮތުގައި ތިބެވޭނީ މިނިވަންކަން ދިފާއުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.