އާއްމު ސިއްހަތު ކުރިއެރުވުމާ ބެހޭ ބޮޑު މަހާސިންތާ ފަށައިފި

ރާއްޖޭގެ އާއްމު ސިއްހަތުގެ ނިޒާމު ނުވަތަ ޕަބްލިކް ހެލްތު ހަރުދަނާކުރުމަށް ބާއްވާ އާއްމު ސިއްހަތުގެ ބޮޑު މަހާސިންތާ ޕެރަޑައިޒް އައިލެންޑް ރިސޯޓްގައި މިއަދު ފަށައިފި އެވެ.


"ނޭޝަނަލް ކޮންފަރެންސް އޮން ރީވިޓަލައިޒިން "ޕަބްލިކް ހެލްތު: ވާކިން ޓު ގެދާ ފޯ އަ ހެލްތިއާ ނޭޝަން" ގެ ނަމުގައި ތިން ދުވަހުގެ މުއްދަތަށް ބާއްްވާ މަހާސިންތާ އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ސިއްހީ ދާއިރާގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، ރާއްޖޭގެ އާއްމު ސިއްހަތު ރަނގަޅު ކުރަން ކުރަން ޖެހޭ މަސައްކަތްތައް އެހެން ގައުމުތަކަށް ވުރެ ފުރިހަމަ އަށް ކުރެވޭނެ ކަމަށެވެ. އެއީ ރަށްރަށުގެ ވަށައިގެން މޫދު އޮންނާތީ އެވެ. ނަމަވެސް އެންމެ އެދެވޭ ގޮތަށް މޫދުގެ ބޭނުންކުރެވޭތޯ ވިސްނާލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އާއްމު ސިއްހަތު ރަނގަޅު ކުރުމަށްޓަކައި ހަށިގަނޑަށް ފައިދާ ހުރި ކާނާގެ މުހިއްމު ކަމަށާއި ޅަދަރިން އެފަދަ ކަންތައްތަކަށް ހޭލުންތެރި ކުރުވަންް ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގައި އާއްމު ސިއްހަތަށް ގެއްލުންވާ ގޮތަށް ކުރާ އެއް ކަމެއްގެ ގޮތުގައި ފައިސަލް ވިދާޅުވީ، ކުދިކުދި ރަށްރަށުގައި ގިނަ ބަޔަކު އުޅޭ އިރު، އެހެން މީހުންނަށް ގެއްލުންވާ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލަ އެވެ.

އާއްްމު ސިއްހަތާ ބެހޭ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައުގައި، ކުދި ރަށްތަކުގައި، އާދެ މާލެ އަށް ބަލައިލި ކަމުގައި ވިޔަސް މުޅި ދުނިޔެއިން އެންމެ ކުޑަ ސިޓީއެއްގައި އެންމެ ގިނަ މީހުން އުޅެމުން ދާއިރު އަޅުގަނޑުމެން ކިތަންމެ ކުރާ ހިތްވާ ކަމެއް ވިޔަސް އެކަމަކުން އެހެން ބަޔަކަށް ލިބިދާނެ ގެއްލުމަށް ވެސް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖޭގެ އާއްމު ސިއްހަތަށް އިހުމާލުވެފައި ވަނީ އެނގި ތިބެ ނުވަތަ ނޭނގި ތިބެ ކަމަށް ވެސް ވެދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރުގެ ސަރުކާރުން މަަަސައްކަތް ކުރަނީ ކަންތައްތަކާ މެދު އިލްމީ ނަޒަރަކުން ވިސްނައި ހައްްލުތަކެއް ހޯދުމަށެވެ.

"ހަގީގަތަކީ ސަބަބުތައް ހުރި ނަމަވެސް، މި ވިސްނުމުގައި އާއްމު ސިއްހަތުގެ ކަންތައްތައް އަލުން ބައްޓަން ކުރުން މާ ބޮޑަށް ވެސް ލަސްވެފައިވާ ކަން. ހަގީގަތަކީ އެނގި ތިބެ ނުވަތަ ނޭނގި ތިބެ ނަމަވެސް އާއްމު ސިއްހަތާ މެދު އިހުމާލުވެފައިވާކަން،" އަމީން ވިދާޅުވި އެވެ.

މި މަހާސިންތާ ގައި މަޝްވަރާ ކުރާ ކަންތައްތަކުގެ ތެރޭގައި، އާބާދީގެ އެކި އުމުރު ފުރާތަކަށް އަންނަ ބަދަލުތަކާ އެކު، އާބާދީގެ ސިއްހީ މައްސަލަތަކާއި ދިރިއުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުންބުއިމުގެ އާދަތަކަށް އައި ބަދަލުތަކާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ހިމެނެ އެވެ. އަދި މީހުންގެ ދިރިއުޅުމުގެ މާހައުލާ ގުޅުން ހުރި ކަންކަމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަން ކަމާ މެދު މަޝްވަރާކޮށް، ހައްލު ކުރުމަށް ހުރިހާ ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރާނެ އެވެ.

މި މަހާސިންތާގައި، ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން 2019- 2023 (ސެޕް) ގައިވާ ސިއްހީ ދާއިރާގެ މައިގަޑު ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލައިލާނެ އެވެ. އަދި ސިއްހީ ދާއިރާގެ ނަތީޖާތައް ހާސިލް ކުރުމަށް ތަފާތު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކުރުމަށްޓަކައި ޕަބްލިކް ހެލްތް ޗާރޓާއެއްގައި ވެސް ސޮއިކުރާނެ އެވެ.