ފަރުވާ ލިބުމުގައި ކުޑަރަށާއި ބޮޑުރަށުގެ މީހާ ތަފާތުވެގެން ނުވާނެ: ފައިސަލް

ސިއްހީ ފަރުވާ ލިބުމުގައި ކުދި ރަށްތަކާއި ބޮޑެތި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ތަފާތުވެގެން ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.


އާއްމު ސިއްހަތާ ބެހޭ ގޮތުން މަޝްވަރާކުރަން ހެލްތު މިނިސްޓްރީން އިންތިޒާމްކޮށްގެން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ފައިސަލް ވިިދާޅުވީ ކުދި ރަށްތައް މިހާތަނަށް އޮތީ ހަނދާން ނައްތާލެވިފައި ކަަމަށެވެ. ސިއްހީ ހިދުމަތްތައް ފުޅާކުރަން ހުރިހާ ސަރުކާރަކުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެކަމަކު ކުދި ރަށްތަކުގެ މަތިން ހަނދާން ނައްތާލެވިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ބަލިވެއްޖެ ކަމަށް ވަންޏާ އެންމެ ކުޑަ ރަށުގައި ހުންނަ މީހާއާ އެންމެ ބޮޑު ރަށުގައި ހުންނަ މީހާއާ އަޅުގަނޑުމެންގެ ކުރިމަތީގައި ތަފާތުވެގެން ނުވާނެ،" ފައިސަލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގައި ރަށްތަކުގެ މެދުގައި އޮތް ފަރަގު ކުޑަކުރުމަށް މިހާރުގެ ސަރުކާރުން މަަސައްކަތްކުރާނެ ކަމަށާއި ކުރިއަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން އެ ފަރަގު ކުޑަކުރެވޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ކުދި ރަށްތަކުން ވެސް ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތްތައް ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާއްމު ސިއްހަތު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ހާސްކަން ކުޑަކުރުން މުހިންމު ކަމަށާއި ހާސްކަމުގައި އަބަދު ތިބުމުން އާއްމު ސިއްހަތަށް އަސަރު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ފުރިހަމަ ސިއްހަތެއްގައި ތިބުމަށް ވަަރަށް މުހިއްމު ކަމަކަށްވެގެންދޭ ހިތްހަމަޖެހުން. އަޅުގަނޑުމެން އަބަދު ސްޓްރެސް ވެފައި ނޫނީ ހާސްކަމެއްގެ ތެރޭގައި އުޅޭ ކަމަށް ވަންޏާ އެކަން ވެސް ވެގެން މި ދަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އޮތް ހުރަހަަކަށް،" ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގައި އާއްމު ސިއްހަތަށް ގެއްލުންވާ ގޮތަށް ކުރާ އެއް ކަމެއްގެ ގޮތުގައި ފައިސަލް ވިދާޅުވީ، ކުދިކުދި ރަށްރަށުގައި ގިނަ ބަޔަކު އުޅޭ އިރު، އެހެން މީހުންނަށް ގެއްލުންވާ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ މައްސަލަ އެވެ.

"އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައުގައި، ކުދި ރަށްތަކުގައި، އާދެ މާލެ އަށް ބަލައިލި ކަމުގައި ވިޔަސް މުޅި ދުނިޔެއިން އެންމެ ކުޑަ ސިޓީއެއްގައި އެންމެ ގިނަ މީހުން އުޅެމުން ދާއިރު އަޅުގަނޑުމެން ކިތަންމެ ކުރާ ހިތްވާ ކަމެއް ވިޔަސް އެކަމަކުން އެހެން ބަޔަކަށް ލިބިދާނެ ގެއްލުމަށް ވެސް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

މަހާސިންތާ ގައި މަޝްވަރާ ކުރާ ކަންތައްތަކުގެ ތެރޭގައި، އާބާދީގެ އެކި އުމުރު ފުރާތަކަށް އަންނަ ބަދަލުތަކާ އެކު، އާބާދީގެ ސިއްހީ މައްސަލަތަކާއި ދިރިއުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުންބުއިމުގެ އާދަތަކަށް އައި ބަދަލުތަކާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ހިމެނެ އެވެ. އަދި މީހުންގެ ދިރިއުޅުމުގެ މާހައުލާ ގުޅުން ހުރި ކަންކަމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމާ މެދު މަޝްވަރާކޮށް، ހައްލުކުރުމަށް ހުރިހާ ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރާނެ އެވެ.

މި މަހާސިންތާގައި، ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން 2019- 2023 (ސެޕް) ގައިވާ ސިއްހީ ދާއިރާގެ މައިގަޑު ލަނޑުދަނޑިތައް ހާސިލް ކުރުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލައިލާނެ އެވެ. އަދި ސިއްހީ ދާއިރާގެ ނަތީޖާތައް ހާސިލް ކުރުމަށް ތަފާތު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކުރުމަށްޓަކައި ޕަބްލިކް ހެލްތް ޗާޓާއެއްގައި ވެސް ސޮއިކުރާނެ އެވެ.