މަޝްވަރާއާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި އިންތި ވާހަކަ ދައްކަވަނީ. --ފޮޓޯ: --އެމްޑީޕީ
27 ސެޕްޓެމްބަރ 2016 - 12:04
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ހުށަހެޅުމާ އެއްގޮތަށް މައްސަލަތަކަށް ހައްލު ހޯދަން، ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި މަޝްވަރާ އަށް ދާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެ ޕާޓީގެ ސްޕޯކްސްޕާސަން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މަޝްވަރާ ފަށައި ބައްދަލުވުންތަކުގައި ކަންކަން އިސްލާހު ކުރާނެ ކަމަށެވެ.
މީގެކުރިން މަޝްވަރާ ނާކާމިޔާބުވީ އެމްޑީޕީ އާއި އަދާލަތުން ހުށަހެޅި ޝަރުތަށް ސަރުކާރުން އެއްބަސް ނުވުމުންނެވެ. އެ ދެ ޕާޓީން ކުރިން އެދުނީ، މަޝްވަރާތަކުގައި ދެ ޕާޓީގެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިމްރާން އަބްދުﷲ ބައިވެރިކުރުމަށެވެ. އެކަމަކު، ކުށްވެރިންނާ އެކު މަޝްވަރާ ނުކުރާނެ ކަމަށް ބުނެ ސަރުކާރުން ވަނީ އެ ހުށަހެޅުން ގަބޫލުނުކޮށްފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ މަޝްވަރާގައި ބައިވެރިވާން ފާސްކޮށް، ބައިވެރިވާނެ މަންދޫބުން ލީޑަޝިޕުން ކަނޑައެޅުމުގެ ހުއްދަ ދީފަ އެވެ.
އިންތި ވިދާޅުވީ މަޝްވަރާގައި އެމްޑީޕީ ތަމްސީލްކުރާނެ މަންދޫބުން ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށެވެ. ބޭނުމަކީ ކޮމަންވެލްތުން އެދިފައިވާ ގޮތަށް، މައުނަވީ މަޝްވަރާ ކުރިއަށް ގެންދިއުން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
ރާއްޖެ އިން އިސްލާހުކުރަން ހުށަހެޅި ކަންކަމާ މެދު ސަރުކާރުން އަޅާނުލުމުން ކޮމަންވެލްތުން ރާއްޖެ ހޫނު ފެނަށް ލާފައިވާ ކަމަށާއި މަޝްވަރާކޮށްގެން ހައްލު ނުހޯދައިފި ނަމަ ރާއްޖެ އަށް ފިޔަވަޅު އަޅައި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އިންތި ވިދާޅުވި އެވެ. އެފަދަ ފިޔަވަޅެއް ރާއްޖެއާ ދޭތެރޭ އަޅަން އެމްޑީޕީން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ކުރިން ވެސް މަޝްވަރާ އަށް ގޮވާލީ އެމްޑީޕީން. އެފަހަރު ސަރުކާރުން ބުނީ މި ޕާޓީއާ ދައްކާނެ ވާހަކައެއް ނޯންނާނެއޭ. ފަހުން ވެސް މަޝްވަރާތައް ކާމިޔާބުނުވީ ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތީމަ،" އިންތި ވިދާޅުވި އެވެ.
އެކަމަކު މަޝްވަރާ އިން ހެޔޮ ނަތީޖާއެއް ނިކުންނާނެ ކަމަށް އުއްމީދުކޮށް، އެމްޑީޕީން މިފަހަރު ވެސް ބައިވެރިވަނީ އިހްލާސްތެރިކަމާ އެކުގައި ކަމަށް އެމްޑީޕީން ބުންޏެވެ.
މަޝްވަރާތައް އަލުން މި ފަށަނީ ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި ދެން އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ވިސްނާނެ ކަމުގެ އިންޒާރު ދީ އަދި ރާއްޖޭގެ ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށް ހައްލު ހޯދުމަށް އަންގާފައި ވަނިކޮށެވެ. އެއްވެސް ޝަރުތަކާ ނުލާ މަޝްވަރާގެ މޭޒު ދޮށަށް ދާން ވެސް ސީމެގުން ގޮވާލި އެވެ. ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާތައް ފެށީ މިދިޔަ އަަހަރު މެދު ތެރޭގަ އެވެ. އެކަމަކު، ޖަލަށް ހުކުމްކޮށްފައި ތިބި އިދިކޮޅު ލީޑަރުން މަޝްވަރާތަކުގެ ކުރިން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ކުރި ޝަރުތައް ސަރުކާރުން އެއްބަސް ނުވުމުން މިހާތަނަށް އެ މަޝްވަރާތައް ފެށޭ ގޮތެއް ނުވެ އެވެ. އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް ބައިވެރިވެވަޑައިގެން، އެކި ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މަޝްވަރާތައް ފަށަން މަސައްކަތް ކުރައްވާފައި ވިޔަސް، އެކަމުގައި އަލިމަގެއް ފެނިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޅިބެ
27 September 2016
ސީމެގް، ނުވަތަ އދ މެދުވެރިކޮށް ރާއްޖޭގައި މިހާރު މިހިގާ ނޭދެވޭ ކަންކަން ހުއްތުވޭނެކަމަކަށްނުދެކެން. އެއަށްވުރެ ބޮޑަށް މިކަމަކީ ދިވެހިން އަމިއްލަޔަށް ހައްލުކުރަން ޖެހޭކަމެއް. ރާއްޖެއަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަޔަކީ، ތިން ބާރު އެއްވެގެ ދުވާލަކު ގޮތަކަށް ގާނޫނުތައް ބަދަލްކޮށް، ސަރުކާރަށް އެއްޗެއްބުނާ މީހަކުވިއްޔާ ޖަލައްލާ، ރާއްޖޭގެ ރައްތަކާ ފަޅުތަކާ ފަރުތައް ބޭރުގެ ފަރާތްތަކަށް ވިއްކާ އެމީހުންނަށް މިލްކު ކުރެވޭ ގޮތައް ތަންތަންދީ އެތަންތަނުން ލިބޭ ލާރި އަމިއްލަ އެކައުންޓްތަކަށް ވަންނަ މައްސަލަ. މީ ބޭރު މީހުންލައްވާ ހައްލުކުރެވޭނެ މައްސަލަތަކެއް ނޫން. މި މައްސަލަ ހައްލުކުރަން ނުކުންނަންޖެހޭނީ ދިވެހިން. އެންމެ ފުރަތަމަވެސް ހައްލުކުރަންވީ މި މައްސަލަ. މި މައްސަލަ ހައްލު ކޮށްފަ އިންތިހާބުގަ ވަކި މީހަކަށް ވާދަކުރެވޭ ނުކުރެވޭ ކިޔަން ތިބެވިދާނެ. ހުރިހާ މައްސަލައެއް އުފެދިގެން އައީވެސް ކުރިން ބުނި 3 ބާރު އެއްވެގެން ގާނޫނުތައް ބަދަލްކޮއްގެން ކުރި ކަންކަމުގެ ތެރެއިން އުފެދިގެން އައި ކަންކަން. މިކަން ހައްލުކުރާނެ ހިއްވަރު ދިވެހިންގެ ނެތިއްޔަ، ނުވަތަ ދިވެހިން އެކަންކުރަން ބޭނުން ނުވާނަމަ މަޑުމަޑުން ތިބެންވީ. މީ މިހާރުން މިހާރަށްވެސް ހައްލު ކުރަންޖެހޭކަމެއް. ލަސްވާ ކޮންމެ ދުވަހަކީ އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ގައުމަށް ވެގެންދާނެ ދުވަހެއް. އެމްޑީޕީ ގެ ލީޑަރޝިޕް މިހާރު ވިސްނަންވީ މިކަން ދިވެހި ރައްޔިތުންނަށް ހައްލުކުރެވޭނެ ގޮތަކަށް. ބޭރު މީހުންނަށް ރޭރުވެގެން ތިބެވިއްޖެ. ރައްޔިޔިތުންނަށް ވިސްނަދޭންވީ މިކަމުގެ ގެއްލުން. އާޚިރުގައި މިކަން ނިމޭނީ ދިވެހިން ގުރުބާނީތަކެއް ވެގެން. މިހާރު އެއްވެފައި މިއޮތް 3 ބާރުން ލުއި ގޮތަކަށް އެފުރުސަތެއް ރައްޔިތުންނަކަށް ނުދޭނެ.
ކޮއެ
27 September 2016
ޚަބަރުދާރު. އިސްލާމްދީނަށާއި ރަސޫލާޔަށް ފުރައްސާރަ ކުރާމީހަކަށް މާފު ނުދެވޭނެ.
ވިލި
27 September 2016
ތި ނޫން އެއްވެސް ގޮތެއް ނެތެއްނު ....ދޭ ދޭ ....ގޮސް އިށީނދޭ .....ސައިޒަައް ކަނޑާލާފަ ތި ތިބީ.
ދިވެހިން
27 September 2016
އޭރުވެސް އެނގޭ އެމް ޑީ ޕީ ކިތަންމެ ފުއްޕައިގެން އުޅުނަސް ކުފުރުގެ ބާރު ތަކުން ބުނީމާ އުނބަށް ޖަހާނެކަން. ބަޔަކަށް އަޅުދާސް ވިޔަކަސް ތީ ބޮޑުވަރު، މަ ހީ ހީ.........!
ޔާމީން
27 September 2016
މަޝްވަރާ ކުރޭ. ކުށްވެރީން ދުލެއް ނުކުރެވޭނެ. ގަވައިދާއި ގާނޫނުގެތެރެއިން ކުރެވެންހުރި ހުރިހާ ކަމެއް މިސަރުކާރުން ކުރާނެ.
ހުއްބުލްވަޠަން
27 September 2016
އުނބަށް ޖެހީދޯ! ވަލްހަމްދުލިއްލާހި!
ނިހާދު
27 September 2016
އެމްޑީޕީ ގެ ނިންމުމަށް މަރުހަބާ! ފިޔަވަޅު އެޅީމަ ގައުމާއި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކޮށް ދިނުމަށް ސީމެގް އަށް އެއްބާރުލުންދީ މައްސަލަތައް ހައްލު ކުރުން ނިންމެވި ނިންމެވުން އުފަލާއި އެކު ބަލައި ގަންނަން. އެމްޑީޕީ އަކީ ގައުމާއި ރައްޔިތުންނަށް އޮތް ހަމަ އެކަނި ހައްލު!
ޣޮވީ
27 September 2016
ކަމެއްވީކީ ނޫން. އަތަށް ގޮވީ.
ޏ އައިކު
27 September 2016
އަބަދުވެސް ގޮވާނީ އަތަށް. މޭޑޭގަ ވެރިކަން ވެއްޓި، ޖުލައި 26 ގަ ވެރިކަން ބަދަލު ކުރި، ޢީދު ނަމާދު ބޮޑު ޖަމާޢަތުގަ ކުރާނީ ނަޝީދު، ނޮވެންބަރު 11 ގައި ވެރިކަމުގެ ހުވާ ކުރާނަން، މިހުންނަނީ މޑޕ އިސްކޮށްތިބި މީހުން ދައްކަމުންދާ ވާހަކަ، ބޭނުމަކީ މޑޕ ގެ އާއްމު މެންބަރުން ބޮލަށް ޗިޕު ޖެހުން. ދެރަ ކަމަކީ މޑޕ ގެ އާއްމު މެންބަރުން އެކަން ނޭގޭތީ.
ރެޓޭ
27 September 2016
ކަލޯ ކޮބާ.. އަންނިބޭ ދޫކޮށްލީތަ؟
ސަރުކާން
27 September 2016
ހެހެ ކުރިންވެސް އޮތެންނު ތި ގޮތް. ކުއްވެރިންނަކީ ކުއްވެރިން އެމީހުންނަކަށް މިނިވަނުންނަށް އޮންނަ ހައްޤެއް ނޯންނާނެ. ބިލީވް ދަ ރިއަލިޓީ.