ހައިކޯޓުގެ ފަނޑިޔާރުންތަކެއް: އެ ކޯޓުގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރަން ޖޭއެސްސީން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
06 ނޮވެމްބަރ 2019 - 18:55
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ އެ ކޯޓުގެ ގާޒީ ހުސައިން މަޒީދު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްކޮށް އޮތީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ކުރިިން ގެނެސްފައި އޮތް އިސްލާހެއްގެ ދަށުންނެވެ. އެ ދެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ހާތިފް އާއި ގާޒީ މަޒީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ އެ ކޮމިޝަންގެ މިއަދު ބޭއްވި ޖަލްސާގައި ކަމަށެވެ.
ސިވިލް ކޯޓުގައި މުދަލާއި ފައިސާގެ ބޮޑެތި މައްސަލަތައް ބައްލަވާ ގާޒީ ހާތިފް އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2009 ވަނަ އަހަރު އެވެ. ކުރިން މެޖިސްޓްރޭޓް ކަން ކުރެއްވި މަޒީދު ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2014 ވަނަ އަހަރު އެވެ.
ކުރިން ނުވަ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗެއް އޮތް ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަން ގާނޫނަށް އިސްލާހު ގެނައީ ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދުގައި ގާއިމްކޮށް، އެއިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ފޮނުވަން ޖެހުމުން މާލޭގެ ހައި ކޯޓަށް ފަނޑިޔާރުންގެ ދަތިކަން ކުރިމަތިވުމުންނެވެ. އެކަމަކު ފަހުން ސުޕްރީމް ކޯޓުން ވަނީ ގޮފިތަކުގައި ދާއިމީކޮށް ފަނޑިޔާރުން ތިބެން ނުޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާތިފް
07 November 2019
ޢަޑުއެހިން މަޒީދަކީ މަޒީދުގެ އަންހެނުންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ބަލާ ހުކުމްކުރި މީހެއްކަމަށް. އެއީ ތެދެއްނަމަ، އޭނާގެ ސުލޫކީ މައްސަލައެއް ނެތީބާ؟ ނޫނީ އަޅާނުލަނީބާ؟
ޖޭމު
06 November 2019
ރަގަޅު ދެބޭފުޅުން ނެވެ.ވަރަށް ހޫނު މަރުހަބާ ހާތިފު& މަޒީދު އަށް އަރިސް ކުރަމެވެ.