އިންޑިއާއިން ރާއްޖެ އައި އެ ގައުމުގެ ދެ މީހެއްގެ އަތުން ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން މިރޭ ބުނީ މިދިޔަ ހޮނިހިރު ދުވަހު ވައިގެ މަގުން ބެންގަލޫރުން އައި ދެ މީހެއްގެ އަތުން، 2.1 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާ އެތަކެތި އެ މީހުން ފޮރުވާފައި ހުރީ، ގެނައި ލަގެޖްގެ ތެރޭގައި ކަމަށް އެތަނުން ބުންޏެވެ.
އުމުރުން 24 އަހަރާއި 23 އަހަރުގެ ދެ މީހުންގެ ލަގެޖް ފާސްކުރީ، އެތަނުން އެކްސްރޭ ކުރި އިރު އެއްޗެއް ފޮރުވާފައި ހުރި ހެން ހީވެގެންނެވެ. ކަސްޓަމްސް އިން ބުނާގޮތުގައި އެ މަސްތުވާތަކެތީގެ އަގު ފަސް ލައްކަ ރުފިޔާއަށް ވުރެ ގިނަ ވާނެ އެވެ.
މި މައްސަލައިގައި ހިމެނޭ ދެ މީހުން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ވަނީ ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން ވެސް 4.67 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައި ގަނެފަ އެވެ.