ޚިޔާނާތުގެ ފައިސާ އިން ރޮޒެއިނާ ގެސްޓްހައުސްއެއް އެޅި ކަމުގެ ތުހުމަތު ޖާބިރު ކުރައްވައިފި!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ތިން ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މަންފާ ލިބިވަޑައިގެންނެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ހިމެނިވަޑައިގަންނަވާ ކަމަށް ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ. އެކަމަކު އެ ވާހަކަތައް ރޮޒެއިނާ މިއަދު ދޮގުކުރެއްވި އެވެ.


އިންތިގާލީ އިންސާފުގެ ބިލަށް މަޖިލިހުގައި އިއްޔެ ބަހުސް ކުރައްވައި ޖާބިރު ވިދާޅުވީ ރޮޒެއިނާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، މަޖިލިހުން ރައީސާއި ރޮޒެއިނާގެ މައްސަލަ ބަލަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ވަނީ ދެ ބޭފުޅުންގެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލިހަށް ސިޓީއަކުން ހުށަހަޅުއްވައިފަ އެވެ.

ޖާބިރު އެދިވަޑައިގެންފައި ވަނީ މަޖިލިހުން އެ މައްސަލަ ބެލުމަށް ފަހު، ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނަށް އެކަން ހުށަހަޅައި ދިނުމަށެވެ. ޖާބިރު ތުހުމަތު ކުރެއްވި ގޮތުގައި ރޮޒެއިނާ ވަނީ ޚިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެން ގެސްޓްހައުސްއެއް އަޅުއްވައިފަ އެވެ.

ޖާބިރު ވިދާޅުވީ ރޮޒެއިނާގެ މައްސަލަ ބަލާ އިރު، އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒަށް މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ސަލާމް ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި ޖާބިރު ވިދާޅުވީ ރައީސް ވަނީ ވަރަށް ގިނަ ފައިސާ ވެސް އޭނާ އަތުން ނަންގަވައިފަ އެވެ. އެކަމަކު، އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވިދާޅެއް ނުވެ އެވެ. އެމްޑީޕީ އަށް ލިބުނު ވެރިކަން ފޭރިގަތީ ރައީސް ކަމަށް ވެސް ޖާބިރު ތުހުމަތު ކުރެއްވި އެވެ. އެކަމުގައި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވެސް ބައިވެރިވެފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"މީހުންނަށް ދޮގު ހެދުމާއި މަކަރާއި ހީލަތް ހެދުމާއި ވައްކަން ކުރުމާއި އެފަދަ ނުބައި ނުލަފާ މީހުން ރާއްޖޭގެ ވެރިކަމުގައި ތިބެގެން ނުވާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރުން މިހާރަށް މަގާމުން ވަކިކުރަން ގޮވާލައްވަމުން ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ކުރެއްވި ތުހުމަތާ ގުޅިގެން ރޮޒެއިނާ "މިހާރު" އަށް ވިދާޅުވީ އޭނާގެ އެއްވެސް ގެސްޓްހައުސްއެއް ނުހުންނާނެ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބިވަޑައިގެންނެވި ކަމަށް ޖާބިރު ވިދާޅުވި ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އެކަމަކު އޭނާގެ ފިރިކަލުން ނާޝިޒްގެ ގެސްޓްހައުސެއް ކ. ހުރާގައި ހުރެ އެވެ.

"ނާޝިޒްގެ ގެސްޓްހައުސްއަކީ ވެސް ބޭރުގެ އިންވެސްޓަރަކު އިންވެސްޓްކޮށްގެން ހަދާފައި ހުރި ގެސްޓްހައުސްއެއް. އެއީ ޚިޔާނާތުގެ ފައިސާ އިން ހަދާފައި ހުރި ތަނެއް ނޫން،" ރޮޒެއިނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މަޖިލިހުގެ ކޮމިޓީއެއްގައި. --- ފޮޓޯ: މިހާރު