އަލީ އާރިފްގެ ތުހުމަތަށް ނާޒިމްގެ އަނބިކަނބަލުން ރައްދު ދެއްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން ކުރީގެ ޑިފެންސް މިނިސްޓަރު، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްތިއުފާ ދެއްވައި ޕާޓީގެ ހަރަކާތްތަކުން ފެޔަށް ޖެހިވަޑައިގެންނެވީ ރިޔާސީ ޓިކެޓް ނުލިބިދާނެ ހެން ހީވާތީ ކަމަށް ވިދާޅުވެ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ދެއްކެވި ވާހަކަތަކަށް ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުﷲ މަޖީދު މިއަދު ރައްދު ދެއްވައިފި އެވެ.


"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަލީ އާރިފް ކުރިން ވިދާޅުވީ ނާޒިމަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ކަމަށް ވެފައި އަދި އިސް ދެ މަގާމެއްގައި އެއް ބޭފުޅަކު ހުންނެވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެކަން އެހެން އޮތް އިރު ވެސް މަގުބޫލު ސަބަބެއް ނެތި ކޮމިޓީގެ ބައްދަލުވުންތަކުގައި ނާޒިމް ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ޕާޓީ ދެކެ ލޯބިވާ އަދި ލީޑަޝިޕަށް ވަޑައިގަންނަވަން ބޭނުންވާ ބޭފުޅަކު އަމަލު ކުރައްވާނެ ގޮތެއް ނޫނެވެ.

ނާޒިމަށް ރައްދު ދެއްވަމުން، އަލީ އާރިފް ވިދާޅުވީ، ޖޭޕީގެ ލީޑަޝިޕާއި ގައުމުގެ ވެރިކަން ވެސް ލިބޭނީ ގަދައަޅައި، އިޚުލާސްތެރިކަމާ އެކު އެކަމަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ނާޒިމާއި އެހެން ބޭފުޅުން ވެސް އެ މަގުން މަސައްކަތްތައް ބައްޓަން ކުރުން ރަނގަޅު ވާނެ ކަމަށެވެ.

އަފާފް ކުރެއްވި ޓުވީޓު.

ނާޒިމް ދިފާއުކުރައްވައި އަފާފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާސިމަށާއި ނާޒިމަށް އަނިޔާ ކުރަމުން ދިޔަ އިރު، ކުރީ ސަފުގައި އަތް ޖަހަން ތިބި މީހުންގެ ތެރެއިން މީހަކު މިއަދު ޖޭޕީ އަށް ވަދެގެން ގާސިމަށް އިހްލާސްތެރި ނުވާނެ ކަމަށެވެ.

އަފާފްގެ ވާހަކައިގައި އެއީ ކޮން ބޭފުޅެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"ލީޑަރުން އެބަ ޖެހޭ އިހްލާސްތެރިން ދެނެގަންނަން. ނާޒިމަކީ ކުރިން ވެސް އިހްލާސްތެރިއެއް. މިއަދު ވެސް އިހްލާސްތެރިއެއް،" ނާޒިމަށް ތައުރީފް ކުރައްވައި އަފާފް ވިދާޅުވި އެވެ.

ގާސިމަށް ލަފާ ދެއްވުން ނާޒިމް ހުއްޓާލެއްވީ، ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ ދުވަސްތަކަކަށް ފަހުންނެވެ. ޕީޕީއެމްގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން، ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވުމާ އެކު ނާޒިމް ހުންނެވީ ދުރުގަ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ސިޔާސީ މަސްރަހުގައި ޖުމްހޫރީ ޕާޓީ އަށް އައި ބަދަލުތަކާއި ޕާޓީގެ މިސްރާބު ހުރި ގޮތުން ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، މި ވަގުތު ޕާޓީގެ މަސައްކަތްތަކުގައި އުޅެން ދަތިތަކެއް ހުރުމުން، ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވި އެވެ.