ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރު ކަން ދިނުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ އަރިހުން އެދިވަޑައިގެންނެވި ސަރުކާރުގެ އިސް ބޭފުޅުންގެ ނަންތައް ހާމަކޮށް ދިނުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ގޮވާލައްވައިފި އެވެ.
ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ހުރިހާ ބޭފުޅުންގެ "އިސްތަށިފުޅުގައި" އިލްޒާމް އެޅުވުމުގެ ބަދަލުގައި ނުފޫޒު ފޯރުއްވި ބޭފުޅުންގެ ނަންތައް ވިދާޅުވާން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުއްވުމަށް ހަސަން ލަތީފް އެދިވަޑައިގެންނެވި އެވެ.
ހަސަން ލަތީފް ވަނީ ހައިލަމް ނެރުއްވި ބަޔާން ވެސް ޓުވީޓު ކުރައްވައިފަ އެވެ.
ޔާމީނަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާގައި، ހުކުމް އިއްވަން މިދިޔަ އަންގާރަ ދުވަހު ތާވަލްކޮށްފައި ވަނިކޮށް، ވައިބަ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ވަނީ ސަސްޕެންޑް ކުރަން ނިންމައިފަ އެވެ.
އެ ކުރެހުމުން ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަން ހިންގުވާ މަންޒަރެވެ. އެކަމަކު، ނަސްރުގެ ދުވަހާ ގުޅިގެން ތަހުނިޔާގެ އެ މެސެޖް ފޮނުއްވި އިރު، ފޮޓޯގައި ރައީސް އާއި ނަޝީދު ހުންނެވި ކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ، ހައިލަމް މާފަށް ވެސް އެދިވަޑައިގެންނެވި އެވެ.
ހައިލަމް ރޭ ނެރުއްވި ބަޔާނުގައި ވަނީ ޔާމީނަށް ދައުލަތުން އުފުލި މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތް ފެށުމާ އެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުފޫޒު ފޯރުވަން ސަރުކާރުގެ އެކި ލެވެލްތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު ބަޔާނުގައި އެއްވެސް ބޭފުޅެއްގެ ނަން ހިމަނައިފައެއް ނުވެ އެވެ. ޔާމީން ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް ބޭފުޅުން އެދިވަޑައިގެންނެވީ އޭނާ އަށް ގުޅައިގެންނާއި މެސެޖް ކުރައްވައިގެން ކަމަށް ވެސް ހައިލަމްގެ ބަޔާނުގައިވެ އެވެ.