ޔާމީންގެ ޝަރީއަތާ ގުޅޭ ކަންބޮޑުވުންތައް ބޭރުގެ މީޑިއާތަކާ ހިއްސާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އިދިކޮޅު ކޯލިޝަނުން ބޭރުގެ މީޑިއާތަކާ ހިއްސާކޮށްފި އެވެ.


ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް މިދިޔަ ހަފުތާގައި އިއްވަން ހަމަޖައްސާފައި ވަނިކޮށް، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އެކަމާ ގުޅިގެން ހައިލަމް ވިދާޅުވެފައި ވަނީ ޔާމީން ޖަލަށްލާން ހުކުމް ކުރާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުގެ އެކި ބޭފުޅުން އޭނާއަށް ނުފޫޒު ފޯރުވި ކަމަށެވެ.

ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އިިދިކޮޅު ކޯލިޝަނުން ބޭރުގެ މީޑިއާތަކާ އިއްޔެ ހިއްސާކުރީ އެ ކޯލިޝަންގެ ވަފުދެއް ސްރީލަންކާ އަށް މިހާރު ކުރަމުން ގެންދާ ދަތުރުގަ އެވެ. ބޭރުގެ މީޑިއާތަކާ ބައްދަލު ކުރުމުގެ އިތުރުން ރާއްޖޭގެ ޝަރުއީ ދާއިރާ އޮތް ހާލަތާ ބެހޭގޮތުން ބޭރުގެ ކަމާބެހޭ ފަރާތްތަކާ ވެސް މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ޕީޕީއެމުން ކުރި ޓްވީޓެއްގައިވެ އެވެ.

ޕީޕީއެމްގެ ޓްވީޓް

އެ ވަފުދުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފުގެ އިތުރުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އިސް ގާޒީ ހައިލަމް ސަސްޕެންޑްކުރީ ނަސްރު ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ފޮނުއްވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހާފައި ހުރި ކުރެހުމެއްގެ މައްސަލައިގަ އެވެ. އެ މައްސަލައިގައި ހައިލަމް ސަސްޕެންޑް ކުރުމަށް ފަހު އޭނާއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ.

އެކަމަކު ހައިލަމް ނެރުއްވި ބަޔާނުގައިވަނީ ޔާމީން ޖަލަށްލާނެ ކަމުގެ ޔަގީންކަން އޭނާގެ ކިބައިން ހޯދަން ސަރުކާރުގެ އެކި ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށެވެ.

ކްރިމިނަލް ކޯޓު ހިންގުން އެހެން ފަނޑިޔާރަކާ ހަވާލު ކުރުމަށް ފަހު ޔާމީންގެ ޝަރީއަތް މި މަހުގެ 17 ގައި ބާއްވަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ.