ޑިންގީއެއް ބަންޑުންޖަހާލައި ސްވިޑަން މީހަކު މަރުވެއްޖެ

ކުޑަހުވަދޫ ކަނޑުއޮޅިއަށް މިއަދު ހަވީރު ޑިންގީއެއް ބަންޑުންޖަހާލި ހާދިސާއެއްގައި އޭގައި ހުރި ސްވިޑެންގެ ޓޫރިސްޓަކު މަރުވެއްޖެ އެވެ.


ފުލުހުން ބުނީ ޑިންގީ ބަންޑުންޖަހާލި ހާދިސާ ރިޕޯޓްކުރީ ހަވީރު 4:10 ގައި ކަމަށާއި ބަންޑުންޖަހާލި ޑިންގީގައި ހަ ފިރިހެނުން ތިބި ކަމަށެވެ. އެއީ ދެ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. ހަތަރު ބިދޭސީންނަކީ ވެސް ސްވިޑަންގެ ޓޫރިސްޓުންނެވެ. އެ މީހުން ކަނޑުވެފައި ތިއްބައި ސަލާމަތްކޮށްގެން ގެންދިޔައީ ކުޑަހުވަދޫ ހޮސްޕިޓަލަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ސްވިޑަން އެކަކު މި ހާދިސާގައި މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.

ލޯންޗު ބަންޑުންޖަހާލީ ކުޑަހުވަދޫ ކަނޑުއޮޅީގައި

އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ އަށް ލިބުނީ ހަވީރު 4:22 ގަ އެވެ. އަދި ހާދިސާ ހިނގި ތަނަށް ސިފައިން ދިޔައިރު ރަށުން އައި ޖެޓްސްކީއެއްގައި މީހުން ސަލާމަތްކޮށްގެން ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ޑިންގީ ބަންޑުންޖަހާލީ، ފުލުހުން ބުނި ގޮތުގައި މަސް ބާނަން ނުކުމެ އުޅުމުގެ ތެރޭގައި ފަރަކާ މާބޮޑަށް ކައިރިކޮށްލެވުނު ވަގުތު ނެގި ރާޅަކާ އެކީގަ އެވެ. މިއަދު ދ.އަތޮޅަށް މޫސުން ރަނގަޅު ކަމަށާއި ހާދިސާ ހިނގީ ޑިންގީ މާބޮޑަށް ފަރާ ކައިރި ކުރެވުމުން ކަމަށް، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާމް ވިދާޅުވީ ސްވިޑަން ޓޫރިސްޓުންނަކީ އއ. އުކުޅަހު ގެސްޓްހައުސްއެއްގައި ތިބުމަށް ފަހު އިއްޔެ ކުޑަހުވަދޫ "ފީނި" ގެސްޓްހައުސް އަށް ދިޔަ ބައެއް ކަމަށެވެ. އެ މީހުން މާދަމާ އުކުޅަހަށް ދާން ހަމަޖައްސާފައިވާ ކަމަށާއި މިއަދު ޑިންގީގައި ދިޔައީ ސްޕޯޓްސް ފިޝިންގެ ހިދުމަތްދޭ ބަޔަކާ އެކު މަސް ބާނަން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.