ކްރިކެޓް ކޯޗު މިފަހަރު ދުލެއް ނުވި، ބަންދަށް 10 ދުވަސް

ގިނަ ބަޔަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓައި ދޫވުމުން، އަލުން ހައްޔަރުކުރި ގައުމީ ކްރިކެޓް ކޯޗް އާސިފް ޚާންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް އިތުރުކޮށްދީފި އެވެ.


ހައި ކޯޓުގެ އަމުރަކުން މިދިޔަ ބުރާސްފަތިދުވަހު އަލުން ހައްޔަރުކުރި ކޯޗުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ.

ކޯޗު ބަންދުކުރުމުގެ އަމުރެއް ހައި ކޯޓުން ނެރުނީ، ކްރިމިނަލް ކޯޓުން އަމުރެއް ނުދިން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފް ކުރުމުންނެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، އުމުރުން 46 އަހަރުގެ ފިރިހެންމީހާ ދޫވީ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ނުގެންދިއުމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ސައުތު އެފްރިކާ އަށް ނިސްބަތްވާ ކޯޗު ބަންދުން ދޫވީ ތަހުގީގު ކުރާ ފުލުސް އޮފިސަރަށް ގަޑި އޮޅި، ކޯޓަށް ހާޒިރުކުރުން ލަސްވުމުންނެވެ. އަލުން ހައްޔަރުކުރަން އެދުމުން އެ ފަހަރު ކްރިމިނަލް ކޯޓުން އަމުރެއް ނުދިނެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ކޯޗު ފުރަތަމަ ހައްޔަރުކުރީ ފުރަން އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާ ފުރުންމަނާކޮށް، ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.

ކޯޗުގެ މައްސަލައިގައި ކްރިކެޓް ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި، ބަޔާނުގައި ބުނެފައި ވަނީ، ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އެކި ފަހަރު މަތިން އާސިފް ޖިންސީ ގޯނާކޮށްފައިވާކަން ތުހުމަތުކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ދުވަސްވަރު 18 އަހަރު ނުފުރޭ ކުޅުންތެރިން ވެސް ހިމެނޭ ކަމަށެވެ.

މި ތުހުމަތުތައް ކްރިކެޓް ބޯޑުން ވެސް ބެލި އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ފުލުސް އޮފީހަށް މައްސަލަ ހުށަނޭޅުމުން ކުޅުންތެރިން ކަންބޮޑުވުންފާޅުކުރި އެވެ.