މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ދެ މަގާމަށް، ޓީވީއެމްގައި ކުރިން މަސައްކަތް ކުރެއްވި މަރިޔަމް ވަހީދާއި އާއި ވީޓީވީގެ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) އާ އެކު ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ބްރޯޑްކޮމްގެ ދެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވައި އަދި އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތުމަތު ޒައިނާ ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިދިޔަ މަހު ފާސް ކުރުމުންނެވެ.
ޝަހީބްގެ ބަދަލުގައި އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައިވާ ގޮތުން ލިސްޓްގެ އެންމެ ކުރީގައި އޮތީ މަރިޔަމް ވަހީދާގެ ނަމެވެ.
ބްރޯޑްކޮމް އަށް ކުރިމަތިލެއްވި ބޭފުޅުން
- މަރިޔަމް ވަހީދާ، ގ. ހިލްމަން
- އައިމިނަތު އަމީނާ، ހަނދުވަރީގެ ލ. ކުނަހަންދޫ
- އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް
- ދިޔާނާ ތޯހިރު، ސެވަންސްޓަ، ސ. ހިތާދޫ
މި ހަތަރު ބޭފުޅުންގެ ތެރެއިން މަރިޔަމް ވަހީދާ ވަނީ މީޑިއާގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވައިފަ އެވެ. ނޫސްވެރިކަމުގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ އަނާ ވަނީ ނޫސްވެރިކަމުން މާސްޓާސް ޑިގްރީ ހާސިލްކޮށް އަދި ނޫސްވެރިކަމުގެ އިނާމް ދެ އަހަރަކު ހާސިލްކުރައްވައިފަ އެވެ.
ރާއްޖޭގައި ހުންނަ ސްވިޑެންގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ވެސް ހުންނެވި މަރިޔަމް ވަހީދާ އަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ބޯޑުގެ ވެސް މެމްބަރެކެވެ. މަރިޔަމް ވަހީދާ ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޚަބަރާއި ޕްރޮގްރާމުތައް ހުށަހެޅުއްވި އެވެ.
ޒައިނާގެ ބަދަލުގައި ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު، އިމްރާނާ ބިންތު އަބްދުﷲ އާ އެކު، އިތުރު ދެ ބޭފުޅަކު ވެސް ކުރިމަތިލެއްވި އެވެ. ރައީސް އިސްކަން ދެއްވި ތަރުތީބުން ނަމަ، ލިސްޓުގެ ކުރީގައި އޮތީ އިމްރާނާ އެވެ.
ކޮމިޝަނަށް ދެން ކުރިމަތިލެއްވި ބޭފުޅުން:
- ހަސަން އިރުފާނު، މއ. ބޮޑުމަގުގެ
- ޑރ. އިބްރާހިމް ޝިޔާމް މ. ކަފިޔަވިލު
ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރަން މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.