ސިޔާސީ މަގާމްތައް ގިނައެއް ނުވާނެ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމްތައް ގިނަ ނުވާނެ ކަަމަަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.


އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި، 778 ސިޔާސީ މަގާމަކަށް 331 ރުފިޔާ ވަނީ ހިމަނައިފަ އެވެ. ބަޖެޓުން ފެންނަ މި އަދަދު ޔާމީންގެ ސަރުކާރަށް ވުރެން ބޮޑުކަމަށް ދެއްކީ، ރައީސް އޮފީހުން ޖުލައި މަހު އާއްމުކޮށްފައިވާ ހިސާބުތަކާ އަޅާކިއުމުންނެވެ.

ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ އަށް މަހުގެ ތެރޭގައި އުފައްދަވާފައި ވަނީ، 334 މަގާމް ކަމަށެވެ. އެކަމަކު ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމްތަކުގެ އަދަދަކީ 465 ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު، ރައީސް އޮފީހުން މިއަދު ބުނީ ޔާމީންގެ ސަރުކާރު އަދަދަކީ 465 ކަމަށް ރައީސް އޭރު ވިދާޅުވީ ރައީސް އޮފީހާއި މުލިއާގެ އާއި ހިލާލީގެ ފަދަ ތަންތަން ނުހިމަނައި ކަމަށެވެ. ޔާމީން ސަރުކާރުގައި ރައީސް އޮފީހުގެ 258 މަގާމާއި މުލިއާގެ އާއި ހިލާލީގޭގައި 85 މަގާމާއި އެހެން އިދާރާތަކުގައި އުފެއްދި 464 ސިޔާސީ މަގާމް ހިމަނައިގެން ޖުމްލަ އަދަދަކީ 808 ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ރޭ ވިދާޅުވީ ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ސިޔާސީ މަގާމްތައް މި ސަރުކާރުގައި އިތުރު ނުކުރައްވާނެ ކަމަށެވެ. މިހާރު ފެންނަން ހުރި އަދަދުތަކުން ވެސް ޔާމީންގެ ވެރިކަމަށް ވުރެން މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވައުދާ އެއްގޮތަށް، ސިޔާސީ މަގާމްތައް ލިމިޓްކުރައްވާނެ،" ހޫދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިހާރު ދިރާސާކުރަމުން އަންނަ އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން ނަމަ، ސިޔާސީ މަގާމްތައް އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. އެ އޮފީހުގައި، އަންނަ އަހަރަށް ލަފާކޮށްފައިވާ ސިޔާސީ މަގާމްތަކުގެ އަދަދަކީ 377 އެވެ. އެ އޮފީހުގެ ހުރިހާ މުވައްޒަފުން ކުރިން ވެސް ހިމެނެނީ ސިޔާސީ މަގާމްތަކުގެ ތެރޭގަ އެވެ. މި މަގާމްތަކުގެ މުސާރައިގެ ގޮތުގައި، 94.2 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ސިޔާސީ މަގާމްތައް ދެން އެންމެ ގިނަ ހެލްތު މިނިސްޓްރީގެ އަދަދަކީ 109 އެވެ. އެ މިނިސްޓްރީގައި ސިޔާސީ މަގާމްތައް ގިނައީ، ސިއްހީ މަރުކަޒާއި ހޮސްޕިޓަލާއި ރީޖަނަލް ހޮސްޕިޓަލްތައް ހިންގެވުމުގެ އެންމެ އިސް މީހާ ސިޔާސީ މަގާމްތަކުގެ ކެޓަގަރީގައި ހިމެނުމުންނެވެ. ހެލްތަށް މިނިސްޓްރީ އަށް 27 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެ އެވެ

ފޮރިން މިނިސްޓްރީގެ 86 ސިޔާސީ މަގާމަކަށް 129 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ކުރީގެ ސަރުކާރުގެ ސިޔާސީ މަގާމްތައް އިތުރުވެ، ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވި މައްސަލައިގައި މިހާރު ސަރުކާރު ހިންގާ ޕާޓީތަކުން ވަރަށް ބޮޑަށް އޭރު ފާޑުކިއެވެ. މި ސަރުކާރުގެ ވައުދަކަށް ވީ ސިޔާސީ މަގާމްތަކުގެ އަދަދު ޔާމީންގެ ސަރުކާރަށް ވުރެން އިތުރު ނުކުރުމެވެ.