ރައްޔިތުން ޓެކްސް ދައްކަނީ ބަދަލުގެ ގޮތުގައި ފައިސާ ދޭކަށް ނޫން: އާޒިމް

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައި އޮތީ ރައްޔިތުންގެ އަތުން ނަގާ ޓެކުހަށް ކަމަށާއި ޓެކްސް ރައްޔިތުން ދައްކަނީ އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ބޭނުންވެގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ޓެކްސްގެ ގޮތުގައި ރައްޔިތުން ބޮޑު އަދަދެއް ދައްކަމުންދާ އިރު، އެ ފައިސާ ހަރަދު ކުރަން ވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. މަޖިލިހުން ފާސްކުރާ ބަޖެޓުގައި އޮތް ގޮތް ނޫން އެހެން ގޮތަކަށް އެ ފައިސާ ހަރަދުކޮށްގެން ނުވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބަޖެޓުގައި ދައުލަތުން ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ދިނުމަށް ހިމަނާފައި ނުވާ ނަމަ، އެ ފައިސާއެއް ބަދަލުގެ ގޮތުގައި ދީގެން ނުވާނެ އެވެ. ބަދަލުގެ ގޮތުގައި ފައިސާ ދޭން ހިމަނާފައި އޮތް ނަމަ، އޭގައި އޮތް ވަރަށް ވުރެ އެންމެ ފައިސާ ފޮއްޗެއް ދިނުމަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބެވި މަޖިލިހުގެ މެމްބަރުން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ބަދަލު ފައިސާ ދިނުމަކަށް ނޫން، ރައްޔިތުން ޓެކްސް ދައްކަމުން މިދަނީ. ރައްޔިތުން ފައިސާ ދައްކަނީ ހިދުމަތްތައް ލިބޭނެ ގޮތަކަށް ކަންކަން ކުރުމަށް،" އާޒިމް ވިދާޅުވި އެވެ.

ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގައި ވަނީ ވިދާޅުވެފަ އެވެ. އަމީރުގެ އެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަހަރަށް ފާސްކުރި ބަޖެޓު ވެސް ސަރުކާރުން "ހުސްކޮށްލީ" ގެއްލުމުގެ ބަދަލުގައި ކަމަށް ބުނެ، އެކި ފަރާތްތަކަށް ފައިސާ ދިނުމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި ނަމަވެސް މަޖިލިހުގެ ޖަލްސާގައި އަމީރު ވިދާޅުވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި މީހުންނަށާއި ކުންފުނިތަކަށް ބޮޑެތި އަދަދުން ފައިސާދޭން ޖެހުނީ ކުރީގެ ސަރުކާރުގެ ކޮންޓްރެކްޓްތައް ހިންގާފައި ހުރި ދޯދިޔާ ގޮތުގެ ސަބަބުން ކަމަށެވެ.

އެކަމަކު ގާނޫނާ ހިލާފަށް އުވައިލި އެއްބަސްވުންތަކުގެ ބަދަލު ދައުލަތުން ދެމުން އަންނަ އިރު، ސަރުކާރާ ގުޅުން އޮންނަ މީހުން ހިމެނޭތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

އާޒިމް ވިދާޅުވީ ބަޖެޓު ފާސް ކުރުމަށް ފަހު، ބަޖެޓު އެ ދޫކޮށްލަނީ ދައުލަތާއި މުއައްސަސާތަކުގެ އިސްވެރިންގެ އަތް މައްޗަށް ކަމަށާއި އެބޭފުޅުން ހިތު ހުރި ގޮތަށް ބަޖެޓް "ތަޅައި ބުރުވިޔަ ދީގެން" ނުވާނެ ކަމަށެވެ.

"ރައްޔިތުންގެ ފައިސާ ބޭނުން ކުރަން ޖެހޭނީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ ގޮތަށް. އެއީ ޑިމޮކްރަސީއަކީ. އެއީ ގިނަ ރައްޔިތުން އެދޭ ގޮތަކީ. އެއީ މި މަޖިލިހުން ފާސްކޮށް، ނިންމަން މަސައްކަތް ކުރަމުންދާ ކަންކަމަކީ،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ކުރައްވާ އާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި، މެދުހެންވޭރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގައި ޓެކްސްގެ ނިޒާމު ތައާރަފްކޮށް، ސިވިލް ސާވަންޓުންގެ އަދަދު މަދު ކުރުމަކީ ޖެހިލުން ކުޑަ ނިންމުމެކެވެ. އެއީ މީހަކު ދައްކާނެ ވާހަކައަކަށް ނޫނީ "ބޯނެ ބޮނޑިއަކަށް" ބަލައިގެން ނަޝީދު ނިންމެވި ނިންމެވުމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އެ ދުވަހުގެ ފިޔަވަޅަކީ ހިތްވަރުގަދަ ފިޔަވަޅެކޭ،" އާޒިމް ވިދާޅުވި އެވެ.

އަންނަ އަހަރުން ފެށިގެން އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެ ކަމަކީ މީހުން އަހުލުވެރި ނުވަނީސް ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެވެސް ވަރެއްގެ މުއްދަތެއް މިކަމަށް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތައުރީފް ކުރައްވައި އާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ބަޖެޓުގައި ހުރި ކަންކަން ތަންފީޒު ކުރައްވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.