އެސްއޯއެފްގެ ފައިސާ ޖަމާވި ނަވީންއަށް ޕްރޮމޯޝަން ދީފި

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ހިމެނޭ އެސްއޯފުން ފައިސާ ޓްރާންސްފާ ކޮށްފައިވާ އެމްއެންޑީއެފްގެ ނަވީން ޒުބައިރަށް މިއަދު ޕްރޮމޯޝަން ދީފި އެވެ.


މޭޖާއަކަށް ހުންނެވި ނަވީން ޕްރޮމޯޓްކުރީ ލެފްޓިނެންޓް ކާނަލްގެ މަގާމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރިޕޯޓުގައި ބުނާ ސިފައިންގެ ދެ އޮފިސަރުންގެ ތެރޭގައި ނަވީން ހިމެނެ އެވެ. އެ މައްސަލާގައި އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.

ނަވީން މިދިޔަ މާޗް މަހު ސަސްޕެންޑް ކުރީ އޭސީސީން ނެރުނު ރިޕޯޓުގައި އެސްއޯއެފުން އޭނާގެ އެކައުންޓަށް 100،000 ޑޮލަރު ޖަމާކުރިކަން ހާމަވުމުންނެވެ.

މިދިޔަ އޮގަސްޓް މަހު އޭނާ އަނބުރާ ވަޒީފާއަށް ނެރެފައިވަނީ އޭނާ ހިޔާނާތުގެ އަމަލެއް ނުހިންގާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ސިފައިން ނުދެ އެވެ.

އެމްއެމްޕީއާރުސީގެ 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ތަހުގީގު ރިޕޯޓުގައި އެސްއޯއެފުން މަނީ ލޯންޑަރިން ހިންގި ގޮތާއި އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފް އެކައުންޓްތަކަށް ޖަމާކޮށް، ޑޮލަރު ވިއްކުމުގެ މުއާމަލާތް ހިންގި ގޮތާއި ފައިސާ ޖަމާކުރި 155 މީހުންގެ ތަފްސީލްތައް ހިމަނާފައިވެ އެވެ.