ހަރުކަށި ފިކުރުގެ މައްސަލައިގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ދޮގު ހެއްދެވި ކަމުގެ ތުހުމަތު

ބޭރު ގައުމުތަކުން ކިޔަވައިގެން ހަރުކަށި ފިކުރުތަކާ އެކު މީހުން ރާއްޖެ އަށް އަންނަ ތަންތަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުންގެ ނުރުހުން މިއަދު އަމާޒުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަޑައިގަތީ ތިމަރަފުށީގައި އިމާރާތް ކުރުމަށް ނިންމާފައިވާ ޖޫނިއާ ކޮލެޖުގެ އަމަލީ މަސައްކަތް ފަށާ ތާރީޚު އޮޅުން ފިލުއްވުމަށް އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ސުވާލަކާ ގުޅިގެންނެވެ.

މިނިސްޓަރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ގާސިމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ އަރިހުން އެއްސެވީ، ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ކިޔަވަަން ދަނީ ކޮންކޮން ގައުމުތަކަކަށް ކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށް އެނގޭތޯ އެވެ.

އެ ސުވާލުގެ ޖަވާބުގައި، މިނިސްޓަރު ވިދާޅުވީ، އެފަދަ ދިރާސާއެއް މިހާތަނަށް ހަދާފައި ނުވާ ކަމަށާއި ވަކި ގައުމަކުން ކިޔަވައިގެން އަންނަ މީހުންގެ ތެރޭގައި ހަރުކަށި ފިކުރު އޮންނަކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އެހެންވީމާ ވަކި ދިރާސާއެއް ކުރެވިފައި ނެތި، މި މަގާމުގައި ހުރެ އަޅުގަނޑު ވަކި ސަރަހައްދެއް ނޫނީ ވަކި ގައުމެއްގެ ނަމެއް ދެންނެވުމަކީ ހީވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމަކަށް ވާނެ ހެން،" މި ސަރުކާރު ހިންގާ ކޯލިޝަން ޕާޓްނަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސްލޮޓެއްގައި ކެބިނެޓުން ޖާގަ ދެއްވާފައިވާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވި އެވެ.

މިނިސްޓަރު އެހެން ވިދާޅުވުމާ އެކު، މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭނާގެ ވާހަކަ މެދުކަނޑުވާލައްވައި، މެމްބަރު ކުރެއްވި ސުވާލު ދޭހަވި ގޮތް ތަފްސީލު ކޮށްދެއްވި އެވެ. އަދި ވިދާޅުވީ، އެ ސުވާލަށް މިނިސްޓަރުގެ ފަރާތުން ސާފު ޖަވާބެއް ހޯއްދަވަން މެމްބަރުން އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އަޑު އިވުނު ގޮތުގައި އިއްޒަތްތެރި މެމްބަރު އެއްސެވި ސުވާލަކީ ހަރުކަށި ފިކުރުގެ މަދަރުސާތައް ފާހަގަ ވެފައި ވޭތޯ އިއްޒަތްތެރި ވަޒީރަށް؟ މަތީ ތައުލީމު ދޭ ތަންތަން އިއްޒަތްތެރި ވަޒީރަށް ފާހަގަވެފައި ވޭތޯ؟ އެފަދަ ތަންތަނަށް ދިވެހިން ދޭތޯ؟ ކިހާ ދިވެހިންނެއްތޯ އެ ތަންތަނަށް ދަނީ؟ އެ ތަންތަނުގައި ދިވެހިން ކުރަނީ ކޮން ކަމެއްތޯ؟ އެނބުރި އައިސް ދެން ވަނީ ކިހިނެއްތޯ؟" ސުވާލު ތަފުސީލު ކޮށްދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

އެ ސުވާލުތަކުގެ ޖަވާބަކަށް މިނިސްޓަރު ވިދާޅުވީ "އަދި ފާހަގަވެފައި ނެތް" ކަމަށެވެ.

އެ ހިސާބުން ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް ނިޒާމީ މައްސަލައެއް ނެންގެވި އެވެ.

ނިޒާމީ މައްސަލަ ފާހަގަ ކުރެއްވުމަށް ޝަރީފަށް ފުރުސަތު ދެއްވުމުގެ ކުރިން މިނިސްޓަރުގެ ޖަވާބާ ގުޅޭ ގޮތުން ރިޔާސަތުންް ނަޝީދު ވާހަކަފުޅު ދެއްކެވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ހަރުކަށި ފިކުރުގެ ސަބަބުން ހިނގާ ކަންކަމުގެ ޚަބަރު މީޑިއާގައި ފެތުރި އަދި އެކަންކަމާ ބެހޭ ރިޕޯޓްތައް މަޖިލީހަށް ވެސް ލިބޭ އިރު އެކަން ހަޔާ އެޑިއުކޭޝަން މިނިސްޓަރަށް އެނގިވަޑައި ނުގަންނަވާތީ ސަމާލުކަމަށް ގެންނެވީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނަޝީދު ކުރިއަށް ގެންދަވަނީ: ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން މަޖިލީހުގައި ދޮގު ހެއްދެވި ކަމަށް ނަޝީދު ތުހުމަތު ކުރެއްވި.---ފޮޓޯ: މަޖިލިސް

ޝަރީފް ނިޒާމީ މައްސަލަ ނެންނެގުމާ އެކު، ކޯފާ އިސްކުރައްވައި ނަޝީދު ވިދާޅުވީ ވަޒީރަށް މަޖިލީހުގައި އިތުރުފުޅު ނުހެއްދެވޭނެ ކަމަށެވެ.

ޖަވާބުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މަޖިލީހަށް "ދޮގު މައުލުމާތެއް ދީފައި ނުވާނެ" ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އޭނާ ފާހަގަކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ބޭރު ގައުމުތަކުން ދޭ ސްކޮލަޝިޕްތަކުގެ ތެރޭގައި، ހަރުކަށި ފިކުރު ފަތުރާ ގައުމެއް ނުހިމެނޭނެ ވާހަކަ ކަމަށެވެ. އަދި އަމިއްލަ ގޮތުން ކިޔަވަންދާ ދަރިވަރުންގެ މައުލޫމާތު މިނިސްޓްރީގައި ނުހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަންކޮޅެއް ކުރީގައި އެ މަސައްކަތްތައް ކުރެވުނު. އެހެން ނަމަވެސް މިހާރު އެ ޑާޓާއެއް ނުހުރޭ. ސަރުކާރުން އަޅުގަނޑުމެން މި ދޭ ލޯނު ސްކީމާއި ސްކޮލަޝިޕްގައި ދާ ކުދިންގެ ޑާޓާ އަޅުގަނޑުމެންގެ އަތުގައި މި ހުންނަނީ،" ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.